09 އޮކްޓޯބަރ 2016 - 19:47

މެދު ފަންތީގެ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލޭގައި އެއްމެދު އިމާރާތުގެ ގޮތުގައި ހަތް ބިމެއް ތަރައްގީކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލުމުން، އެ ކުންފުނީގެ ބޯޑުގެ ދެ މެމްބަރަކާ އެކު 24 ފަރާތަކުން ކުރިމަތިލައިފި އެވެ.
ހުޅުމާލޭގައި ފްލެޓް އިމާރާތްތަކެއް ހެދުމަށް އެޗްޑީސީން ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި އެ ކުންފުނީގެ ބޯޑުގެ ދެ ޑިރެކްޓަރަކު ވެސް ހިމެނެ އެވެ. އެކަމަކު، އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ކުންފުނީގެ މަސްލަހަތު އޮންނަ ދެ ބޭފުޅަކު، ހުޅުމާލޭގެ ބިންތައް ތަރައްގީ ކުރުމަށް ބިޑް ހުށަހެޅި މައްސަލާގައި އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިގެންދަނީ ކުރިމަތިލި ފަރާތްތަކުގެ ބިޑުތައް އިވެލުއޭޓް ކުރަމުން. އެ ބިންތައް ދޭނެ ފަރާތްތައް ވަރަށް އަވަހަށް ކަނޑައެޅޭނެ،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ ބޯޑުގައި ތިއްބަވަނީ ކުންފުނީގެ ޗެއާމަން ފުއާދު ގާސިމާއި މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަންގެ އިތުރުން އަހުމަދު އަލީ ހަބީބާއި އުސާމަތު އިސްމާއިލް އަދި އަބްދުއްސަމަދު އަބްދުއްރަހުމާނެވެ.
އެއްމެދު އިމާރާތްތަކެއް ހެދުމަށް އެޗްޑީސީން ހުޅުވައިލިއިރު ބުނެފައި ވަނީ މީގެ ކުރިން ހުޅުމާލޭގައި ފްލެޓް ނުވަތަ ރޯހައުސް ތަރައްގީކުރުމަށް ހަވާލުކޮށްފައިވާ އެއްވެސް ކުންފުންޏަކަށް މި ފަހަރު ކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި މީގެ ކުރިން ފްލެޓް އަޅާފައިވާ ކުންފުންޏެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެސް ޕްރޮޕޯސަލް ހުށަނޭޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެއްމެދު އިމާރާތް ނުވަތަ ފްލެޓްތަކެއް ހެދުމަށް މިފަހަރު ހުޅުވާލާފައި ވަނީ ހުޅުމާލޭގެ ނެބައިހުޑް އެކަކުން 2،600 އަކަފޫޓާއި 2،713 އަކަފޫޓާ ދެމެދުގެ ސައިޒުގެ ހަތް ބިމެކެވެ. އެ ބިންތައް ތަރައްގީކުރަން ހަވާލުކުރަން ނިންމާފައި ވަނީ އަކަފޫޓެއް 1،200ރ. ރޭޓުންނެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކުން ޑިވެލޮޕްމަންޓް ސޭލްސް ރައިޓްގެ އަގުގެ ގޮތުގައި އަކަފޫޓަކަށް 1،200ރ. އެ ތަނުގެ ތަފްސީލީ ކުރެހުންތައް ފާސް ކުރާތާ ދެ އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ދައްކަން ޖެހެ އެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން އެ ހަތް ބިން ތަރައްގީކޮށް ވިއްކުމުގެ ހުރިހާ ހަރަދެއް ކުރަން ވާނީ ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ކަމަށެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއު ހިންގަން ބީލަން ކާމިޔާބުވާ ފަރާތްތަކުން، އެތަނުގެ ޑީޓެެއިލް ޑްރޯވިން ފާސްކުރާތާ ދެ އަހަރުގެ ތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ.