09 އޮކްޓޯބަރ 2016 - 20:12

ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ގަހަނާ ބްރޭންޑް "ސްވަރޯވްސްކީ"ގެ ފިހާރައެއް އިބްރާހިމް ނާސިރު އިންޓަނޭޝަންލް އެއާޕޯޓު (އައިއެންއައިއޭ)ގެ ޑިއުޓީ ފްރީގައި މިއަދު ހުޅުވައިފި އެވެ.

އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފިހާރަ ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

އޭގެ އިތުރުން، މިއަދުގެ މި ރަސްމިއްޔާތުގައި އާދިލް ވަނީ އެއާޕޯޓުގެ ބޯޑިން ގޭޓު އެކެއް، ދޭއް އަދި ތިނެއް ހުުންނަ ސަރަހައްދުގައި ވެސް ޑިއުޓީ ފްރީ ފިހާރައެއް ހުޅުވައިދެއްވައިފަ އެވެ.
މި ރަސްމިއްޔާތުގައި އާދިލް ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ނިމިގެން ދާއިރު، އެ ތަނުން އިތުރު ބައިނަލްއަގުވާމީ ބްރޭންޑުތައް ވެސް ފެންނާނެ އެވެ.
"ޓާމިނަލް ތަރައްގީ ކުރާއިރު، މަތީގައި ހުންނަ ބޯޑިން ގޭޓު ހަތަރެއް، ފަހެއް އަދި ހައެއް ބަދަލު ކުރާނީ ތިރީގައި ހުރި ގޭޓުތަކާ އިންވެގެން ވާ ގޮތަށް. މި ބަދަލާ އެކު ޑިއުޓީ ފްރީގެ އާ ފިހާރަތައް ހުޅުވައި، ނަން މަޝްހޫރު އިތުރު ބްރޭންޑުތައް ތައާރަފް ކުރެވޭނެ،" އާދިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން އަބަދު ވެސް މަސައްކަތް ކުރަނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލިބޭ ހިދުމަތްތަކަކީ އެހެން ގައުމުތަކުން ވެސް އެ މީހުންނަށް ލިބޭ ފެންވަރުގެ ހިދުމަތްތަކަށް ހެދުމަށެވެ.
އައިއެންއައިއޭގައި ހުޅުވި "ސްވަރޯވްސްކީ" ބްރޭންޑަކީ ގަހަނާގެ އިތުރުން އަތުކުރި ގަޑި ފަދަ ތަކެތި ވެސް އުފައްދާ ބްރޭންޑެކެވެ. ގިނަ އަންހެންވެރިންގެ މެދުގައި މަގުބޫލު މި ބްރޭންޑުގެ ފިހާރަތައް ދުނިޔޭގެ 170 ގައުމެއްގައި ހުންނައިރު، އަވަށްޓެރި އިންޑިއާގެ އިތުރުން ޗައިނާ އަދި ތައިލެންޑުގައި ވެސް ސްވަރޯވްސްކީގެ ފިހާރަތައް ހުރެ އެވެ.
އެއާޕޯޓުގެ ޑިއުޓީ ފްރީ އަށް ގެނައި ކުރިއެރުމުގެ އިތުރަށް، މިއަދު ވަނީ އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި ވައިފައި އިންޓަނެޓު ހިލޭ ލިބޭ ގޮތް ވެސް ހަދައިފަ އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް އެރައިވަލް ޓާމިނަލާއި ޑޮމެސްޓިކް ޓާމިނަލްގެ އިތުރުން އެއާޕޯޓުގެ އެންމެ ތިރީ ބުރި ހިމެނެ އެވެ.