އެއްބަސްވުން އާކުރަން މެސީގެ ތަފާތު ޝަރުތެއް!
އެއްބަސްވުން އާކުރަން މެސީގެ ތަފާތު ޝަރުތެއް!

ބާސެލޯނާ (އޮކްޓޯބަރު 9) - ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާކުރަން ތަފާތު ޝަރުތެއް ކަނޑައަޅައިފި އެވެ.

އުމުރުން 28 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ ބާކީ އޮތީ ތިން އަހަރެވެ. ބާސެލޯނާއިން މެސީއާ އެކު މަޝްވަރާ ކުރަމުން އަންނަނީ އެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމަށެވެ.

މެސީގެ ޝަރުތަކީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލަން އޭނާ ނިންމައިފި ނަމަ، އޭނާގެ ކުރީގެ ކްލަބް އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ބަދަލުވުމުގެ ފުރުސަތު ދިނުމެވެ.

މެސީ ބުނެފައިވާ ގޮތުގައި އޭނާގެ ފުޓްބޯޅަ ކެރިއަރު ހުއްޓާލުމުގެ ކުރިން ނެވެލްސް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުންވެ އެވެ. އުމުރުން އެންމެ 13 އަހަރުގައި އެ ކްލަބް ދޫކޮށް ބާސެލޯނާ އަށް އޭނާ ބަދަލުވީ 2000 ވަނަ އަހަރު އެވެ.

ނެވެލްސް އޯލްޑް ބޯއީސްގެ ނައިބު ރައީސް ކްރިސްޓިއަން ޑިއަމީކޯ ވިދާޅުވެފައި ވަނީ 2018 ގެ ވޯލްޑް ކަޕަށް ފަހު މެސީ އެ ޓީމާ ގުޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވިދާޅުވި ގޮތުގައި މެސީ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެހެންކަމުން އޭނާ އެ ކްލަބްގައި ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މެސީ މިވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާ އަށް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ މި މަހު ފަހުކޮޅެވެ.