09 އޮކްޓޯބަރ 2016 - 19:28

ޑިސެމްބަރު މަހަށް ފަސްކޮށްފައިވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ވޮލީބޯޅަ ކަލަންޑަރަށް އެސޯސިއޭޝަނުން ބަދަލު ގެނެސްފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިހާރު ނިންމާފައިވަނީ ގައުމީ ފިރިހެން އަދި އަންހެން ވޮލީބޯޅަ ލީގާއި ގައުމީ ފިރިހެން އަދި އަންހެން މުބާރާތް އެކީގައި ކުރިއަށް ގެންދާ ގޮތަށް ކަމަށާއި އެ މުބާރާތްތައް ނޮވެމްބަރު 1 ވަނަ ދުވަހަށް އަވަސްކޮށްފައިވާ ކަމަށެވެ.
ގައުމީ މުބާރާތުގެ ފައިނަލް ނޮވެމްބަރު 21 ގައި ކުޅުމަށް ފަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާއިރު ލަތީފް ވިދާޅުވީ މުބާރާތުގެ ކުރިން ގައުމީ ޓީމު ރާއްޖޭން ބޭރުގައި ކޭމްޕްކުރާނެ ކަމަށެވެ. ބަންގްލަދޭޝްގައި ޑިސެމްބަރު 22-30 އަށް ބާއްވާ ބަންގަބަންދު އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ޓީމު ޑާކާ އަށް ފުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 19 ވަނަ ދުވަހެވެ. ގައުމީ އަންހެން ޓީމު ވާދަކުރާ ދެކުނު އޭޝިއާ މުބާރާތް ބާއްވާ ތާރީހު ކަށަވަރުނުވި ނަމަވެސް ބެލެވޭ ގޮތުގައި އެ މުބާރާތް ވެސް ޑިސެމްބަރު މަހު އޮންނާޏެ އެބެ.
ގައުމީ އަންހެން ވޮލީބޯޅަ ލީގުގައި އަށް ޓީމު ވާދަކުރާއިރު ގައުމީ މުބާރާތަށް ހޮވޭނީ ހަތަރު ޓީމެވެ. ގައުމީ މުބާރާތް ކުޅޭނީ ތިން ސެމީގެ އުސޫލުންނެވެ. ގައުމީ ފިރިހެން ލީގުގައި ހަ ޓީމު ވާދަކުރާ އިރު ގައުމީ މުބާރާތަށް ހޮވޭނީ ހަތަރު ޓީމެވެ. ފިރިހެން ލީގު އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކުޅެވޭނީ ބިދޭސީ ދެ ކުޅުންތެރިންނަށެވެ.