09 އޮކްޓޯބަރ 2016 - 19:32

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން 3-0 އިން ބީޖީ ސްޕޯޓްސް ބަލިކޮށް މާޒިޔާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ލީގުގެ އެއް ވަނަ ޓީސީ ހޯދާފައިވަނީ ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ ހަތް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ މި މޮޅާ އެކު ތިން ވަަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ.
މާޒިޔާގެ އިތުރުން އީގަލްސް އާއި ޓީސީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވާއިރު ފަހު ޖާގަ ލިބޭނީ ލީގު ބުރުގެ ފަހު މެޗުގައި ލީގުގެ ހަތަރު ވަނައިގައި އޮތް ވިކްޓަރީ އާއި ފަސް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. ލީގުގެ ހަތަރު ވަނައިގައި ވިކްޓަރީ އޮތީ ހަ މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ނިއު ފަސް ވަނައިގައި އޮތީ ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ތިން ލަނޑު ޖަހައި އަބްދުﷲ މިސްބާހު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފްގަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ.
މިއަދުގެ މެޗުން މާޒިޔާ މޮޅުވުމުން ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ސެމީ އަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. އެ ޓީމަށް މި ވަގުތު ލިބިފައިވަނީ ހަ މެޗުން ހަތް ޕޮއިންޓެވެ. އެ ޓީމަށް ސެމީގެ ޖާގައެއް ލިބޭނީ މާދަމާ އެ ޓީމު ކުޅޭ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ، ލީގު ބުރުގެ ފަހު މެޗުގައި ނިއު އާއި ވިކްޓަރީ އެއްވަރުވެގެން ނިމިއްޖެނަމަ އެވެ.
ލީގުގެ ހަތް ވަނައިގައި އޮތް ބީޖީ އާއި އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއް ވަނަ ޓީސީ އާއި ދެ ވަނަ އީގަލްސް އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމު ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި ލީގު ބުރުގެ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީ އާއި ފައިނަލު މެޗު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.
ލީގުގައި މާދަމާ ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗު ފަށާނީ 15:50 ގަ އެވެ.