ވެއާވުލްފް ސިންޑްރޯމްގެ ހިތްދަތި ތަޖުރިބާ
ވެއާވުލްފް ސިންޑްރޯމްގެ ހިތްދަތި ތަޖުރިބާ

އުފެދުމުގައި ދިމާވާ ބައެއް މައްސަލަތަކުގެ ސަބަބުން، އުފަންވާއިރު އާދައިގެ އިންސާނުންގެ ސިފަ ނޫން ސިފަ ސިފައިގައި ބައެއް ކުދިން ތިބެ އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަދުން ނަމަވެސް ދިމާވަމުންދާ ކަމެކެވެ. ބައެއް ކުދިން އުފަންވާއިރު މުސްކުޅިއެއްގެ ސިފައިގައި ތިބޭއިރު ގަހެއްގެ ސިފަ ހުންނަ ކުދިން ވެސް މަދުން ނަމަވެސް މީހުންނަށް ލިބިފައި އެބަހުއްޓެވެ.

ބައެއް ކުދިން އުފަންވާއިރު ހަންގަނޑަށް ޖެހިފައި ހުންނަ ބައްޔެއްގެ ސަބަބުން ހަރުފައެއްގެ ސިފަ ލިބިފައި ތިބޭ ކުދިން ވެސް ދުނިޔޭގައި އެބަތިއްބެވެ. މިފަދަ އެއް ބައްޔަކީ ވެއާވުލްފް ސިންޑްރޯމް އެވެ. މިއީ މައިންބަފައިންގެ ފަރާތުން ކުދިންނަށް ވާރުތަވާ ޖީން އަކުން ދިމާވާ ކަމެކެވެ. މިއީ ވަރަށް މަދު ހާލަތެއްގައި ނޫނީ ވާރުތަ ވާ ޖީން އެއް ނޫން ނަމަވެސް މި ޖީން ވާރުތަވެއްޖެ ނަމަ ކުއްޖާގެ ސިފައަށް ބޮޑު ބަދަލެއް އާދެ އެވެ.

އިންޑިއާގެ ޕޫނާގައި ދިރިއުޅޭ އަންހެނެއްގެ ފަސް މަހުގެ ދަރިފުޅަށް ވެސް މި ބަލި ޖެހިފައިވެ އެވެ.

މި ބައްޔަކީ ޖެނެޓިކް މައްސަލަ އެކެވެ. ކުއްޖާއަށް ބަލި ވާރުތަވީ އޭނާގެ 22 އަހަރުގެ މަންމަ މަނީޝާ އާއި އޭނާގެ ދެ ދައްތަގެ ފަރާތުންނެވެ.

މި ބަލީގެ ސަބަބުން ދަރިފުޅުގެ ސިފަޔަށް އަންނަމުންދާ ބަދަލަށް އެ ދަރިފުޅު ކެތްކުރާނީ ކިހިނެއް ކަމާ މެދު މަންމަ ހުރީ ކަންބޮޑުވެފަ އެވެ.

އިންޑިއާގެ މިރާ ނޫހަށް މަނީޝާ ކިޔައިދީފައިވާ ގޮތުގައި އޭނާގެ ދެ ދައްތަ އަށާއި އޭނާއަށް މީހުން ރާމާމަކުނު، ސާރިދޯޅު އަދި ފުރޭތަ ފަދަ ބަސްބަހުން ގޮވާ މަލާމާތްކޮށް ހަދަ އެވެ. އޭނާގެ ފަސް މަހުގެ ފިރިހެން ދަރިފުޅަށް ވެސް އެ ބަލި ޖެހިފައިވާކަން މިހާރު ވަނީ އެނގިފަ އެވެ.

މިއީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔަކަށް ނުވާތީ މަނީޝާ އާއި އޭނާގެ ދެ ދައްތައިން ވެސް ކޮންމެ ދެ ތިން ދުވަހުން އެއް ދުވަހަކު މުޅި ގައިގައި ހެއާ ރިމޫވަލް ކްރީމް ހާކައިގެން އިސްތަށިތައް ނައްތާލަ އެވެ.
މަނީޝާ ބުނި ގޮތުގައި އޭނާގެ ފިރިމީހާގެ އެހީތެރިކަން އޭނާއަށް ލިބުނަސް މައިދައިތަގެ ނަފުރަތާ ވަނީ ކުރިމަތިވެފަ އެވެ. އަދި ދަރިފުޅު ހުތުރު ކަމުން މައިދައިތަ ދަރިފުޅަށް ފާޑުފާޑުގެ ހުތުރު ނަންނަމުން ގޮވާތީ މަނީޝާ ހުރީ ވަރަށް ދެރަވެފަ އެވެ.