10 އޮކްޓޯބަރ 2016 - 06:15

އޮކްޓޯބަރު 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާއި އަޖޭ ދޭވްގަންގެ "ޝިވާއޭ" ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދިޔަ ނަމަވެސް އަޖޭގެ މައްސަލައެއް ނެތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެއްވެސް ސިޔާސީ ޕާޓީއަކުން "އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރުމަށް ހުރަސް އެޅުމަކީ ވަރަށް ނާއިންސާފު ކަމެކެވެ.
އަޖޭ ބުނި ގޮތުގައި ޕާކިސްތާނު އެކްޓަރުން އުޅޭ ކަމަށް ބުނެ އިންޑިއާގައި ފިލްމުތައް ދެއްކުން މަނާކުރުމަކީ ވަރަށް ދެރަ ކަމެކެވެ.
ޕާކިސްތާނާއި އިންޑިއާ ބޯޑަރުގައި ހިނގި ހަމަލަތަކެއްގައި އިންޑިޔާގެ ބޯޑަރު ބަލަހައްޓާ ސިފައިންތަކެއް މަރުވުމާ ގުޅިގެން އިންޑިއާގެ ސަރުކާރާއި ސިޔާސީ ޕާޓީތައް އަދި އާއްމު ރައްޔިތުން ވަނީ ޕާކިސްތާން ދެކެ ވަރަށް ރުޅިއައިސްފަ އެވެ. އަދި މަހާރަޝްތުރާގެ ނުފޫޒުގަދަ ސިޔާސީ ޕާޓީއެއް ކަމަށްވާ މަހަރަޝްތުރާ ނަވްނިރްމަން ސެނާ (އެމްއެންއެސް) އިން ވަނީ އިންޑިއާގައި ޕާކިސްތާނު އެކްޓަރުން މަސައްކަތްކުރުން މުޅިން މަނާކުރުމަށާއި ޕާކިސްތާން އެކްޓަރުން އުޅޭ ފިލްމެއް ވެސް އެ ގައުމުގައި އެޅުވިޔަ ނުދޭނެ ކަމަށް ބުނެފަ އެވެ.
އަޖޭ ބުނި ގޮތުގައި ފިލްމެއްގެ ޝޫޓިންގް ނިންމާލުމަށްފަހު އެ ފިލްމުން ވަކި މީހެއްގެ ބައި ފޮހެލުމަކީ ކުރެވޭވަރުގެ ކަމަކަށް ނުވާނެ އެވެ. އަދި ދެ ގައުމުގެ ދޭތެރޭގައި މައްސަލަ ހޫނު ވުމުގެ މާކުރިން ކުޅެފައިވާ ފިލްމެއް ރިލީޒްކުރުމުގެ ހުއްދަ މިހާރު ނުދިނުމަކީ އެހާ ހަމަޖެހޭ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އަޖޭ ބުނެފައިވެ އެވެ.
"އޭ ދިލް ހެ މުޝްކިލް"ގައި ޕާކިސްތާނު އެކްޓަރު ފަވާދު ޚާން، ކުރު އެކަމަކު ފިލްމަށް ވަރަށް މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.
އިންޑިއަން މޯޝަން ޕިކްޗާސް ޕްރޮޑިއުސާސް އެސޯސިއޭޝަނުން މިހާރު ވަނީ އިންޑިއާގައި ޕާކިސްތާނުގެ އެއްވެސް އާޓިސްޓަކު މަސައްކަތްކުރުން މަނާކޮށްފަ އެވެ. ނަމަވެސް މިހާރު ޝޫޓިން ނިމިފައި ހުރި ފިލްމުތައް ރިލީޒްކުރުމުގައި މައްސަލައެއް ނެތް ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ނަމަވެސް ސިޔާސީ ޕާޓީތަކުން އެގޮތަކާ ވެސް އެއްބަހެއް ނުވެ އެވެ. ޕާޓީތަކުން، ޚާއްސަކޮށް އެމްއެންއެސް އިން ބުނަނީ ޕާކިސްތާނު އެކްޓަރުން ކުޅެފައި ހުރި ބައިތައް ފޮހެލާފައި ނުވަތަ އެބައި އިންޑިއާ އެކްޓަރުން ލައްވާ އަލުން ކުޅުވައިގެން ނޫނީ ފިލްމު ރިލީޒް ކުރިޔަ ނުދޭނެ ކަމަށެވެ.
އަޖޭ ބުނި ގޮތުގައި އޭނާވެސް ޕާކިސްތާނު އެކްޓަރުންނާ އެކު މަސަކަތްކުރުން މިހާރު ވަނީ ހުއްޓާލާފަ އެވެ. އަދި ދެ ގައުމުގެ މައްސަލަ ހަމަޔަކަށް ނޭޅެނީސް އޭނާގެ އެއްވެސް ފިލްމެއްގައި ޕާކިސްތާނު އެކްޓަރަކު ބައިވެރި ނުކުރާނެކަމަށް ވެސް އަޖޭ ބުނެފައިވެ އެވެ.
"އޭ ދިލް ހެ މުޝްކިލް" ގައި ރަންބީރު ކަޕޫރު ބަތަލުގެ ބައި ކުޅޭއިރު ބަތަލާއިންނަކީ އައިޝްވަރިޔާ ރާއި އާއި އަނުޝްކާ ޝަރުމާ އެވެ.