ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އަށް ފަންޑުކޮށްދޭނެ މީހަކު ނުވި
ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އަށް ފަންޑުކޮށްދޭނެ މީހަކު ނުވި

މިދިޔަ އަހަރު ނުކުތް އެންމެ ރީތި އަދި އެންމެ ކާމިޔާބު އެއް ފިލްމު "ބާޖީރާއޯ މަސްތާނީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަލަށް ފަށަން ގަސްތުކުރާ "ޕަދްމާވަތީ" އަށް ފަންޑުކޮށްދޭނެ މީހަކު ނެތިގެން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

މި ފިލްމް ޕްރޮޑިއުސްކުރަން ގިނަ ބަޔަކު ޖެހިލުންވާ އެއް ސަބަބަކީ މިއީ މުސްލިމް ރަސްކަލަކު ހިންދޫ ރަސްކަލެއްގެ އަންބަކާ ހެދި މޮޔަވެގެން އުޅުނު ގޮތް ދައްކުވައިދޭ ފިލްމަކަށް ވާތީ އެވެ.

މިއީ ކުރީ ޒަމާނުގައި ހިނގި ކަމެއްގެ ގޮތުގައި އިންޑިއާގައި ވަރަށް މަޝްހޫރު ވާހަކައެކެވެ. ނަމަވެސް ތާރީޚީ ގިނަ ވާހަކަތަކެކޭ އެއްފަދައިން މި ވާހަކައިގައި ވެސް ބައެއް މީހުން ގަބޫލުކުރާ އަދި އަނެއް ބަޔަކު ގަބޫލު ނުކުރާ ތާރީޚީ ހާދިސާތަކެއް ހިމެނެ އެވެ.

އެހެންކަމުން ފިލްމު އިއުލާންކުރުމާ އެކު ހެން ވެސް ބައެއް މީހުން މި ފިލްމާ ދެކޮޅަށް ވަނީ ތެދުވެފަ އެވެ. ބެލެވޭ ގޮތުގައި ފިލްމަށް ފައިސާ ޚަރަދުކުރަން ގިނަ ޕްރޮޑިއުސަރުން ފަސް ޖެހޭ އެއް ސަބަބަކަށް މިކަން ވަނީ ވެފަ އެވެ.

މި ފިލްމުގެ ތަރިންނަކަށް ހަމަޖައްސާފައި ވަނީ ރަންވީރު ސިންގާއި ދީޕިކާ ޕަދުކޯން އަދި ޝާހިދު ކަޕޫރެވެ.

ފިލްމަށް ފަންޑުކުރުމަށް ބައެއް މީހުން ނުރުހޭ އަނެއް ސަބަބަކީ މި ވާހަކައިގެ މައްޗަށް މީގެ ކުރިން ވެސް ބައެއް ފިލްމުތައް އުފައްދާފައި ވުމާ އެކު އެ ފިލްމުތައް އެހާ ރަނގަޅަށް ހިނގާފައި ނުވުމެވެ.

ނަމަވެސް ބާންސާލީ އަކީ ކުރީ ޒަމާނުގެ ވާހަކަތައް އާދަޔާޚިލާފު މޮޅަށް ހުށަހަޅައިދޭ ކުޅަދާނަ ޑައިރެކްޓަރެކެވެ.