ޒޭން މާލިކް ވަސާޗޭއަށް ހެދުން ކަލެކްޝަނެއް ޑިޒައިން ކުރާނެ
ޒޭން މާލިކް ވަސާޗޭއަށް ހެދުން ކަލެކްޝަނެއް ޑިޒައިން ކުރާނެ

ވަން ޑިރެކްޝަން މިޔުޒިކް ބޭންޑްގައި ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެނުނު ޒޭން މަލިކް މިހާރު މަސައްކަތް ކުރަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގަ އެވެ. އޭނާ ވަން ޑިރެކްޝަނުން ވަކިވުމަށް ފަހު ނެރުނު "ޕިލޯޓޯކް" ފަދަ ލަވަތައް ގިނަ ބަޔަކަށް މަގުބޫލުވި އެވެ. ޒޭންގެ ބައިވެރިޔާ ސުޕަ މޮޑެލް ޖިޖި ހަދިދްގެ ސަބަބުން އޭނާ އިތުރަށް މަޝްހޫރުވެ ފެޝަންގެ ދުނިޔެއަށް ތައާރަފުވި ކަމަށް ވެސް ގިނަ ބަޔަކު ބެނެފައިވެ އެވެ.

މިދިޔަ ފެޝަން ވީކްގެ ޝޯތަކުގެ ފުރަތަމަ ސަފުގައި ޖިޖި ހަދިދާ އެކު ޒޭން ފެނިފައިވެ އެވެ. އަދި ޒޭން ސޯލޯ އާޓިސްޓެއްގެ ގޮތުގައި ތައާރަފުވި ފަހުން؛ ޑޭޒްޑް، އެލް އަދި ވޯގް ފަދަ ފެޝަން މަޖައްލާތަކުގެ ކަވާ ޕޭޖުގައި ފީޗާވެފައިވެ އެވެ. ޖިޖިއާ އެކު ވޯގްގައި ވެސް މޮޑެލްކޮށްފައިވެ އެވެ.

ފެޝަން ދުނިޔޭގެ އެންމެ ބޮޑު އަދި ގިނަ ސެލެބްރިޓީންގެ ތެރޭގައި މަގުބޫލު ބްރޭންޑް ވަސަޗޭގެ ހާއްސަ ކެޕްސޫލް ކަލެކްޝަނެއް ޒޭން ފަރުމާ ކުރާނެ ކަމަށް ނިޔު ޔޯކް ޓައިމްސް ރިޕޯޓް ކޮށްފައިވެ އެވެ. މި ކެޕްސޫލް ކަލެކްޝަންގައި ފިރިހެނުންނަށް އަދި އަންހެނުންނަށް ލެވޭނެ ޒާތުގެ ޑިޒައިންތައް ހިމެނޭނެ އެވެ. އަދި މި ކަލެކްޝަން އަންނަ އަހަރުގެ މޭ މަހު ލޯންޗުކުރާނެ އެވެ.

އެކި ހާއްސަ މުނާސަބަތުތަކަށް ޒޭން ވަނީ ވަސަޗޭގެ ޑިޒައިންތައް ލައިފަ އެވެ. އޭގެ ތެރެއިން މިއަހަރުގެ މެޓް ގާލާ އިވެންޓުގައި ޒޭން ލައިގެން ހުރި ސޫޓާއި މެޓެލިކް އާމޯ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެވެ.

މިއީ ޒޭން ޑިޒައިނަރަކާ އެއްކޮށް ކަލެކްޝަނެއް ފަރުމާކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އިޓަލީގެ ބޫޓު ޑިޒައިނާ ޖިޔުސެޕް ޒަނޮޓީ އާއި އެކު ހާއްސަ ބޫޓު ކަލެކްޝަނެއް ފަރުމާކޮށް އަންނަ އަހަރު ނެރޭނެ ކަމަށް ޒޭން އޮގަސްޓު މަހު އިއުލާން ކުރި އެވެ. ޒޭން ލަވަކިޔުންތެރިއެއްގެ އިތުރުން ފެޝަން އާއި ސްޓައިލްގެ ދުނިޔޭގައި ވެސް ފުންނާބު އުސް ބްރޭންޑެއްގެ ގޮތުގައި ފެންނަން ބޭނުންވާކަން އޭނާގެ އެކި ކޮލެބޮރޭޝަންތަކުން ހާމަވެގެން ދެ އެވެ.