09 އޮކްޓޯބަރ 2016 - 13:36

އެކި އޮޕަރޭޝަންތަކުގައި ފުލުހުން ހޯދާފައިވާ އެކަމަކު އެއްވެސް މީހަކާ ގުޅުން ނެތް ގިނަ މަސްތުވާ އެއްޗެހިތަކެއް ފުލުހުން ނައްތާލައިފި އެވެ.

މިއީ 2011-2013 ވަނަ އަހަރުގެ ނިޔަލަށް ފުލުހުން ހޯދާފައިވާ ހުރިހާ ބާވަތެއްގެ ހިކި މަސްތުވާތަކެއްޗެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި މަސްތުވާތަކެތި ނައްތާލުމަށް އުފައްދާފައިވާ ކޮމެޓީން އިއްޔެ ދޫނިދޫގައި ކިލޯއެއްހާ މަސްތުވާތަކެތި ވަނީ ނައްތާލައިފަ އެވެ. މިއީ މި އަހަރުގެ ރޯދަ މަހަށް މެދުކަނޑާލާފައި އޮތުމަށް ފަހު، މަސްތުވާތަކެތި ނައްތައިލި ފުރަތަމަ ފަހަރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއީ އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގަންނަ، އެކަމަކު އެ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތި ކަމަށެވެ. މިތަކެއްޗާ ގުޅޭ ގޮތުން އެއްވެސް މީހެއްގެ މައްޗަށް ތުހުމަތު ނުކުރާތީ ދައުވާއެއް ނުކުރެވޭނެ އެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި 2011-2013 ވަނަ އަހަރުގެ 394 މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެތި ނައްތާލާފައިވާ އިރު އޭގެ ތެރޭގައި ގިނައީ ކެނަބިސް އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މަސްތުވާތަކެތި މި ނައްތާލީ، އެކަމަށް އެކުލަވާލާފައިވާ ގަވައިދުގެ ދަށުންނެވެ.