ގުރުލާން އުޅުނީ ހައުސިން މިނިސްޓްރީން ދިން ލިސްޓަށް: އެޗުޑީސީ
ގުރުލާން އުޅުނީ ހައުސިން މިނިސްޓްރީން ދިން ލިސްޓަށް: އެޗުޑީސީ

ޓާޓާ ފްލެޓްތައް ތަރުތީބުކުރަން ގުރު ނަގަން އުޅުނީ ހައުސިން މިނިސްޓްރީން ދިން ލިސްޓަށް ކަމަށާއި އެ ލިސްޓަށް އެއްވެސް ބަދަލެއް އެ ކުންފުނިން ގެނެސްފައި ނުވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

ކުރިން އަަރަބިއްޔާ ހިންގި ބިމާއި ގާކޮށި އޮތް ބިމުގައި ހަދާފައިވާ 147 ފްލެޓް ތަރުތީބުކުރަން މިދިއަ ބުރާސްފަތިދުވަހު ގުރު ނަގަން އުޅެނިކޮށް، އޭސީސީގެ އެންގުމަކަށް އެކަން ވަނީ ހުއްޓާލައިފަ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީން އެޗުޑީސީ އަށް އެންގީ، ފްލެޓްތައް ލިބޭ މީހުންގެ ގެޒެޓްކޮށްފައިވާ ލިސްޓްގައި ހިމެނޭ ބައެއް މީހުން ނެތުމުގެ އިތުރުން ގެޒެޓްކުރި ލިސްޓްގައި ނެތް ބައެއް މީހުން ފްލެޓް ތަރުތީބުކުރަން ގުރު ނަގާ ލިސްޓްގައި ހިމެނޭ ކަމަށެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގުރު ނަގަން ނިންމީ ހައުސިން މިނިސްޓްރީން ފޮނުވި ލިސްޓާ އެއްގޮތަށް ކަމަށެވެ. އެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އެއްވެސް އިހުތިޔާރެއް އެ ކުންފުންޏަކަށް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގުރުއަތަށް ހޮވުނު މީހުން ފައިނަލްކުރީ ހައުސިން މިނިސްޓްރީން. އަޅުގަނޑުމެން އުޅުނީ އެ ލިސްޓާ އެއްގޮތަށް ގުރުއަތުލުން ކުރިޔަށް ގެންދަން،" އެ އޮފިޝަލް ވިދާޅުވި އެވެ.

ފްލެޓް ތަރުތީބުކުރާ މީހުންގެ ލިސްޓެއް، ހައުސިން މިނިސްޓްރީން ވެސް އަދި އެޗުޑީސީއަކުން ވެސް އިއުލާނެއް ނުކުރެ އެވެ. އެހެންވެ ގަބޫލުކުރެވިފައި އޮތީ ފްލެޓްތައް ތަރުތީބުކުރާނީ މީގެ ދެ އަހަރު ކުރިން ގެޒެޓްކުރި ލިސްޓުގައި ހިމެނޭ މީހުންގެ މެދުގައި ކަމަށެވެ.

ގެޒެޓްކުރި ލިސްޓްގައި ނެތް ބަޔަކު، ފްލެޓް ތަރުތީބުކުރާ ލިސްޓަށް އެރީ ކީއްވެގެން ކަމެއް، އަދި ގެޒެޓްކުރި ލިސްޓްގައި ހިމެނޭ ބައެއް މީހުން އުނިކުރީ ކީއްވެގެންކަމެއް ހައުސިން މިނިސްޓްރީއަކުން ނުބުނެ އެވެ. އެކަމަކު އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ވިދާޅުވީ ހައުސިން މިނިސްޓްރީން "ދެ ލިސްޓެއް ނުގެންގުޅޭ" ކަމަށެވެ.

އެޗުޑީސީން ގުރުއަތުލުން ކުރިއަށް އެ ގެންދަނީ ސަރުކާރުން އަންގާފައިވާ ގޮތަށް ފްލެޓަށް ފައިސާ ދައްކަން އެއްބަސްވި މީހުންނަށް ފްލެޓްތައް ވިއްކުމުގެ މަސައްކަތް ކަމަށް ވެސް، ހައިސިން މިނިސްޓްރީގެ މީޑިއާ ވައިބަ ގްރޫޕްގައި، ފަޒާލް ވިދާޅުވި އެވެ.

ފްލެޓްތަކަށް ފައިސާ ދެއްކުމުގެ މަައްސަލަ ގިނަ މީހުންނަށް ދިމާވީ، ފްލެޓްތައް އިމާރާތްކުރި އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް ސަރުކާރުން ގަނޑުކޮށް 277 މިލިއަން ރުފިޔާ ދަައްކަން ޖެހުމުން، ފްލެޓްތައް ދޭނީ ފަަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭ މީހުންނަށް ކަމަށް، ހައުސިން މިނިސްޓްރީން އެންގުމުންނެވެ. އެއީ މަހަކަށް 33،000ރ ޖެހޭ މިންވަަރެކެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ފައިސާ ދައްކާނެ ގޮތަކާ މެދު ޖަވާބުދިން ބައެއް މީހުންގެ ނަންތައް ވެސް ގުރުއަތު ލިސްޓުގައި ނެތްކަން އޭސީސީ އަށް ފާހަގަވެފައިވެ އެވެ.

ގެޒެޓްކުރި ލިސްޓްގައި ހިމެނޭ އެކަމަކު ފައިސާ ދައްކާނެ ގޮތަކާ މެދު ހައުސިން އަށް ވަކި ޖަވާބެއް ނުދިން މީހުންނަށް އެ ދެ އިމާރާތުން ފްލެޓް ނުލިބޭނެކަން ރަސްމީކޮށް އެންގި ކަމެއް ނުވަތަ ނޫން ކަމެއް ހައުސިންއަކުން ނުބުނެ އެވެ.

އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ ފްލެޓްތައް ތަރުތީބުކުރުމުގެ ގުރުއަތުންލުން އަލުން ކުރިޔަށް ގެންދާނީ ކުރިން ދިމާވި މައްސަލަ ތަކުރާރުނުވާނެ ގޮތަކަށް ރާވައިގެން ކަމަށެވެ.

"އަޅުގަނޑުމެން ގުރުއަތުލާން ނިންމާފައި ވަނިކޮށް އެ ދުވަހު އެ މައްސަލަތައް ދިމާވެގެން މެދުކަނޑާލީ. އެ ދުވަހު ދިމާވި މައްސަލަތައް ހައްލުކޮށްގެން އަލުން ގުރުއަތުލުން ކުރިޔަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.