31 މެއި 2016 - 13:07

އިސްލާމީ މަރުކަޒު ވަށައިގެން މާބްލް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު ރޯދަމަހު އެންމެ ބޮޑު ބަދަލެއް ފެންނާނީ އެ ސަރަހައްދުން ކަން މިހާރު ވެސް ސިފަވާން ފަށައިފި އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް މާބްލް ޖަހާ އެންމެ ބޮޑު ސަރަހައްދެވެ. މަސައްކަތް ކުރިއަށް ގެންދާ ތަނުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒު މިއަދު ވިދާޅުވީ މުލަރޯދަދުވަހު އެތަނުގައި ނަމާދު ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 4،200 އަކަމީޓަރު ސަރަހައްދެއްގައި ޗައިނާގެ މާބްލް ޖަހާއިރު، އެއީ ރޯދަ މަހަށް ހާއްސަކޮށްގެން ކުރާ އެންމެ ބޮޑު މަސައްކަތް ކަމަށެެވެ.

މާބްލް ޖަހާ ނިންމާލުމުން އެތަން ވާނީ ފަސޭހައިން އަޅުކަން ކުރެވޭނެ އަދި ހިތް ފަސޭހަ ތަނަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ގޭގައި ތިބުމުގެ ބަދަލުގައި ދުވާލު ގަޑީގައި މިތާ ގަސްތަކުގެ ހިޔަލުގައި ވެސް ނަމާދުކޮށް، އަޅުކަން ކުރަން ތިބެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
"ރޭގަނޑު ގަޑީގައި އިހްޔާކުރުން ފަދަ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެވޭނެ."
އެ ސަރަހައްދުގައި މާބްލް ޖެހިޔަސް އެ ހިސާބުން މިހާރެކޭ އެއްގޮތަށް މީހުންނަށް ހިނގާބިނގާވެ އުޅެވޭނެ އެވެ. އެތަން ސާފުކޮށް ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މާބްލް ޖެހި ސަރަހައްދު ސާފުކުރަން ބޭނުން ކުރާނީ މައްކާގެ ހަރަމްފުޅު ސާފުކުރަން ބޭނުން ކުރާ ކަހަލަ ސާމާނެވެ. އަދި އެތަކެތި މިހާރު ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތަށް މާބްލް ހަދިޔާކުރީ ޗައިނާއިންނެވެ. ގާތްގަނޑަކަށް 1.14 މިލިޔަން ޑޮލަރުގެ މަޝްރޫއަށް ސަރުކާރުން ހޭދަކުރަނީ ތިން މިލިޔަން ރުފިޔާ އެވެ.
މާބްލް ޖެހުމާ އެކު އެ ސަރަހައްދު ހިޔާކުރަން މަސްޖިދުލް ނަބަވީގައި ހުންނަ ކަހަލަ ރީތި ކުޑަތަކެއް ޖަހާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަން ދެން ކުރެވޭނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާބްލް ޖެހުމުގެ މަސައްކަތް ނިންމާލަން ކުރިން ހަމަޖެހިފައި އޮތީ މިއަދު ނަމަވެސް މަސައްކަތް ލަސްވީ ވިއްސާރަވުމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މާބްލް ޖަހާ ނިމުމުން އެތަން ވާނީ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ކައިރީގައި އޮންނަ، އިސްލާމީ މަރުކަޒުގެ ހައިބަތު ބޮޑުކޮށްދޭ ރީތި މައިދާނަކަށް ކަމަށެވެ.