09 އޮކްޓޯބަރ 2016 - 12:19

އުމުރަކީ 41 އަހަރެވެ. ޕްރޮފެޝަނަލް ކަސްރަތު އިންސްޓްރަކްޓަރު ދުވަން އަންނަނީ ހަފުތާއަކު ތިން ދުވަހެވެ. އެކަމަކު ގައުމީ ޕޫލުގައި ހިމެނޭ ޒުވާން ދުވުންތެރިންގެ މައްޗަށް، މަރިޔަމް އަބްދުލްކަރީމް (މަރީ) މި ވަނީ ކުރި ހޯދައިފަ އެވެ. ތިން ރަން މެޑަލާ އެކު ގައުމީ މުބާރާތުގެ އެއް ވަނަ އަންހެން އެތުލީޓުގެ މަގާމް ހޯދައި އަރަމުން އަންނަ ޒުވާން އެތުލީޓުންނަށް މަރީ ދެއްކިވަރުގެ ނަމޫނާއެއް އެހެން އެތުލީޓަކު ދައްކާފައެއް ނުވެ އެވެ. އޭނާގެ މި ކާމިޔާބީގެ ފަހަތުގައި އޮތީ ކޮން ކަމެއް ހެއްޔެވެ؟

"އޭނާ ތަމްރީންތަކުގައި ކުރާ މަސައްކަތާއި މިކަމަށް ދޭ ސަމާލުކަން ސިއްރަކީ،" މަރީގެ ކޯޗު ނަސީރު އިސްމާއިލުގެ ޖަވާބު ކުރެވެ.

ނަސީރުގެ ލޮލުގައި، ހީޓް ހެލްތު އެންޑް ފިޓްނަސްގައި ފުލްޓައިމް އިންސްޓްރަކްޓަރަކަށް މަސައްކަތްކުރާ މަރީ އަޅައިގަތީ މިދިޔަ އަހަރުގެ ދިރާގު ރޯޑް ރޭހުގެ ތެރެއިންނެވެ. އެ ރޭހަށް ފަހު ނަސީރުގެ ދައުވަތަކަށް ރަނާސް މޯލްޑިވްސްގެ ތަމްރީންތަކުގައި ދެ މަހެއްހާ ދުވަހު ބައިވެރިވެ ގައުމީ މުބާރާތުގައި ވާދަކުރި އެވެ. ފުރަތަމަ މުބާރާތުގައި ވެސް އޭނާ 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދި އެވެ. އޭގެ ފަހުން މި އަހަރު އަނެއްކާވެސް ބައިވެރިވި 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުގެ ރަން މެޑަލް ދިފާއުކޮށް 800 މީޓަރު ދުވުމުން ވެސް ރަން މެޑަލް ކާމިޔާބުކުރި އެވެ.
މި ފަހަރުގެ 5000 މީޓަރު ދުވުން 21 މިނެޓު 52 ސިކުންތުން މަރީ ނިންމި އިރު އެއީ ރާއްޖޭގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި އަންހެން ދުވުންތެރިޔަކު އެ އިވެންޓް ނިންމި އެންމެ އަވަސް ވަގުތެވެ.
އުމުރުގެ ގޮތުން ވެސް އަދި ކެރިއަރުގެ ގޮތުން ވެސް މަރީ އަށް މި ކުޅިވަރުގައި މާ ބޮޑު ކުރިމަގެއް ނެތެވެ. އެކަމަކު އޭނާ، ހީޓުގައި ކްލާސްތައް ނަގައިދިނުމަށް ފަހު ހުސް ވަގުތު ހޯދައިގެން ރަނާސް މޯލްޑިވްސްގެ ދުވުންތެރިންނާ އެކު ޓްރެކަށް ދުވަން ދަނީ އެކަމަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ. ދުޅަހެޔޮ ސިއްހަތެއް ހޯދުމަށެވެ. އެކަމަށް ކުރާ މަސައްކަތުގެ ތެރެއިން އޭނާ އަށް ގައުމީ ފެންވަރުގެ މިހާ ބޮޑު ކާމިޔާބެއް ހޯދޭނީ ވަރަށް ހިތްވަރުކޮށްގެންނެވެ. ވަރަށް ބުރަ މަސައްކަތަކުންނެވެ.
"ޖިމްގައި ކްލާސް ނެގުމާ މިކަން ވަރަށް ތަފާތު. މިއީ ވަރަށް ބުރަ ކަމެއް،" މަރީ ބުންޏެވެ.
"މާ ބޮޑު ކާމިޔާބަކަށް އުއްމީދުކޮށްގެނެއް ނޫން ބައިވެރިވީ. އެކަމަކު ކުރާ ކޮންމެ ކަމެއް ވެސް ރަނގަޅަށް ކުރަން ބޭނުންވާތީ މިކަމަށް ވެސް ވަރަށް ރަނގަޅަށް ތައްޔާރުވިން."
މަރީ ބުނީ އެއް ފަހަރުން ނުވަތަ ދެ ފަހަރުން ކާމިޔާބު ނުވެދާނެ ކަމަށާއި އެކަމަކު ފަރުވާތެރިކަމާ އެކު ރަނގަޅަށް މަސައްކަތްކުރަންޏާ ކޮންމެވެސް ދުވަހަކުން ކާމިޔާބުވާނެ ކަމަށެވެ. އަދި ޒުވާން އެތުލީޓުންނަށް ދޭން އޮތް ނަސޭހަތަކީ އެއީ ކަމަށް ވެސް އޭނާ ބުންޏެވެ.
"ކުރިއަށްދާށޭ ބުނާނީ. މަސައްކަތްކޮށްފިއްޔާ ކާމިޔާބާ ހަމަޔަށް ދެވޭނެ،" މަރީ ބުންޏެވެ.
މަރީ ފާހަގަކުރި ގޮތުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ އަދި މޯޓިވޭޝަނަކީ ކޯޗު ނަސީރެވެ. އޭނާގެ ދުވެލި ބާރުވުމުގެ ފަހަތުގައި ހުރީ ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރެވެ.
"މީހަކު އަމިއްލަ އަށް ހުރެފައި ސްޕީޑެއް ނާންނާނެ. ނަސީރު އަޅުގަނޑު މޯޓިވޭޓްކޮށްދޭތީ މިވަރަށް ދުވެވެނީ. ނަސީރަކީ ވަރަށް ހިތްވަރު ގަދަ އަދި އެހެން މީހުންނަށް ހިތްވަރުދޭ ކޯޗެއް. ނަސީރު ދޭ ހިތްވަރުން އަޅުގަނޑުގެ ދުވެލި ބާރު ވަނީ،" މަރީ ބުންޏެވެ.
ނަސީރު ބުނީ މަރީގެ ކާމިޔާބީން، ޒުވާން އެތުލީޓުން މިސާލު ނަގަން ޖެހޭ ކަމަށާއި ފުލްޓައިމްކޮށް ދުވާ ދުވުންތެރިންނަށް ވުރެ މަރީ ކުރި ހޯދުމަކީ އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"ރަނގަޅު ކޯޗިން ލިބި ބުރަކޮށް މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެކަން މަރީ ސާބިތުކޮށްދިނީ،" ނަސީރު ބުންޏެވެ.