އާންމުކޮށް އުދަ އަަރާ ސަރަހައްދުގައި ކެފޭއެއް ހަދަން ބިން ދޫކޮށްފި
އާންމުކޮށް އުދަ އަަރާ ސަރަހައްދުގައި ކެފޭއެއް ހަދަން ބިން ދޫކޮށްފި

ހެންވޭރު ކާނިވާ ސަރަހައްދުން އާންމުކޮށް އުދައަރާ ދިމާލުގައި ކެފޭއެއް ހަދަން ހައުސިން މިނިސްޓްރީން ބަޔަކަށް ކުއްޔަށް ދީފި އެވެ.

ހައުސިން މިނިސްޓްރީގެ މިީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ވިދާޅުވީ އެ ބިން ދޫކުރީ މިދިޔަ ޖުލައި މަހު އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތަށް، ދޮޅު އަހަރުގެ މުއްދަތަށް ކަމަށެވެ.

"ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނި ހޮވާފައި، އެ ކުންފުންޏަށް ބިން ދިނީ. އެއީ ދިވެހި އަމިއްލަ ކުންފުންޏެއް،" އޭނާ ވިދާޅުވި އެވެ.

ޑޮލްފިން ކެފޭ އާއި ލިލީސް ކެފޭއާ ދެމެދު އޮތް ބިން ކުއްޔަށް ނެގި ކުންފުނީގެ ނަމެއް އެ މިނިސްޓްރީއަކުން ހާމައެއް ނުކުރެ އެވެ.

އާ ކެފޭ ހަދަނީ ބައެއް މޫސުމްތަކުގައި އެންމެ ބޮޑަށް އުދަ އަރާ ދިމާލުގަ އެވެ. ބައެއް ދުވަސްވަރު އެ ހިިސާބުގެ ބިންގަނޑު ވެސް ކަހާލަ އެވެ. އަދި ރާޅާ އެކު މުރަކަ އާއި ގާތަކުން ފުރާލަ އެވެ.

އެ ބިމުގައި ހަދަނީ ކޮން ފެންވަރެއްގެ ކެފޭއެއް ކަމެއް ނޭނގެ އެވެ.

ލިލީސް ބަންދުކުރީ، މީގެ އަހަަރެއްހާ ދުވަސް ކުރިން، އެ ސަރަހައްދަށް އެރި ވަރުގަދަ އުދާގައި ލިބުނު ގެއްލުންތަކާ ގުޅިގެންނެވެ. އެކަމަކު ލިލީސް ހިންގި ފަރާތުން އެ ބިމުގައި މިހާރަށް ވުރެ ރަނގަޅު ފެންވަރުގެ ރެސްޓޯރަންޓެއް ހަދަަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނެވެ.

ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުން އަޅާ "ކިންގް ސަލްމާން" މިސްކިތުގެ މަސައްކަތަށް ބިން ހުސްކުރަން ކާނިވާ ސަރަހަައްދުގެ ދެކުނު ފަަރާތުގެ ކެފޭތަކަށް ހައުސިން މިނިސްޓްރީން ވަނީ ނޯޓިސް ފޮނުވައިފަ އެވެ. އެކަމަކު އެ ސަރަހައްދުގައި އަދިވެސް ކެފޭތައް ހިންގަ އެވެ.