ޗެކް ބަލިކޮށް ޖަރުމަން އެއް ވަނަ އަށް
ޗެކް ބަލިކޮށް ޖަރުމަން އެއް ވަނަ އަށް

ހެމްބާގް (އޮކްޓޯބަރު 9) - ޗެކް ރިޕަބްލިކް 3-0 އިން ބަލިކޮށް ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސީ ގެ އެއް ވަނަ އަށް ދުނިޔޭގެ ޗެމްޕިއަން ޖަރުމަން އަރައިފި އެވެ.

ޖަރުމަނުގެ ހެމްބާގުގައި ކުޅުނު މި މެޗުގައި ބަޔާން މިއުނިކުގެ ފޯވާޑް ތޯމަސް މުލާ ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ކާމިޔާބުކުރީ ރެއާލް މެޑްރިޑުގެ މިޑްފީލްޑަރު ޓޯނީ ކްރޫޒެވެ.

ޖަރުމަން ގްރޫޕް ސީ ގެ އެއް ވަނަ އަށް އެރީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. އަޒަރުބައިޖާނަށް ހަ ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. އެ ޓީމު ވަނީ ރޭ ނޯވޭ އަތުން 1-0 އިން މޮޅުވެފަ އެވެ.

ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ބުނީ މުޅި މެޗުގައި ވެސް ފެނުނީ ޗެކް ރިޕަބްލިކުގެ ކުޅުންތެރިން ޖަރުމަން ޓީމު ފަހަތުން ދުވި ތަން ކަމަށާއި ޗެކް ރިޕަބްލިކަށް އެއްވެސް ފުރުސަތެއް މެޗުގައި ނެތް ކަމަށެވެ.

"އަހަރެމެން ވަރަށް މޮޅަށް ކުޅުނު މެޗެއް މިއީ. އިތުރު ގޯލެއް ޖެހުމުގެ ފުރުސަތު ވެސް ލިބުނު،" ލޯ ބުންޏެވެ.

ގްރޫޕް އީ ގައި ރޭ ޕޮލެންޑް ވަނީ ޑެންމާކް އަތުން 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި ޕޮލެންޑުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ހެޓްރިކެއް ހެދި އެވެ. މި ގްރޫޕުގައި ހިމެނޭ މޮންޓެނީގްރޯ އާއި ރޫމޭނިއާ އަދި ޑެންމާކަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ މޮންޓެނީގްރޯ އެވެ. ދެ ވަނައިގައި ރުމޭނިއާ އޮތްއިރު ޕޮލެންޑް އޮތީ ތިން ވަނައިގަ އެވެ.