09 އޮކްޓޯބަރ 2016 - 10:21

ޕޯޓް-އައު-ޕްރިންސް (އޮކްޓޯބަރު 9) - ބާރުގަދަ ތޫފާން މެތިއު ހެއިޓީ އަށް އަރާ އެ ގައުމުގެ ދެކުނުގެ 90 ޕަސެންޓް ބިމާހަމަވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ވެސް ކުރިމަތިނުވާހާ ބާރުގަދަ މި ތޫފާނުގައި ކެރީބިއަންގެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ހެއިޓީން ވަނީ ގާތްގަނޑަކަށް 900 މީހުން މިހާތަނަށް މަރުވެފަ އެވެ.

ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހިސާބުތަކަށް އަދި އެއްގަމު މަގުން ދެވޭވަރެއް ނުވެ އެވެ. އޮފިޝަލުން ލަފާކުރަނީ މަރުވެފައިވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށެވެ.

ހެއިޓީ އަށް އަރާ އެ ގައުމުގެ ބޮޑު ބައެއް ސުންނާފަތިވެފައިވާ އިރު މެތިއު ތޫފާން މިހާރު ވަނީ އެމެރިކާގެ ފްލޮރިޑާ އަށާއި ސައުތު ކެރޮލީނާ އަށް އަރައިފަ އެވެ. އެކަމަކު އެ ތޫފާނުގެ ބާރު މިހާރު ވަނީ ކެޓަރީ އެކަކަށް ދަށްކޮށްފަ އެވެ. ތޫފާނުގައި މިހާރު ވައިޖެހެމުން ދަނީ ގަޑިއަކު 120 ކިލޯ މީޓަރު ބާރު މިނުގަ އެވެ. ތޫފާން ހެއިޓީ އަށް އެރި އިރު ވައިޖެހެމުން ދިޔައީ ގަޑިއަކު 230 ކިލޯ މީޓަރު ބާރު މިނުގަ އެވެ. މިއީ ކެޓަގަރީ ހަތަރެއްގެ ބާރު މިނެވެ.

ތޫފާނުގައި މިހާތަނަށް 877 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ވަނީ ރޮއިޓާސް އަށް ކަށަވަރުކޮށްދީފަ އެވެ. ވެރިރަށް ޕޯޓް-އައު-ޕްރިންސްއާ ދެކުނުގެ ހިސާބުތައް ގުޅުވާލަދޭ މައި މަގު ވަނީ އެކުގައި ހަލާކުވެފަ އެވެ. ހެއިޓީ ސަރުކާރާއި އދ. އިން ލަފާ ކުރާ ގޮތުގައި ތޫފާނުގައި 350،000 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ހެއިޓީން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އެހީވުމަށް އެމެރިކާ އިން މަނަވަރެއް ފޮނުވަން ވަނީ ނިންމައިފަ އެވެ. އަދި ކާބޯތަކެތި ފޯރުކޮށް ދިނުމުގައި އެމެރިކާގެ ނުވަ ހެލިކޮކްޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ހެއިޓީން ހާލުގައި ޖެހުނު މީހުންނާއި ކާބޯތަކެއްޗާއި ބޭސް އަދި ފެން ފޯރުކޮށް ދިނުމަށް 6.9 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރެޑް ކްރޮސް އިން ވަނީ ބުނެފަ އެވެ. ހެއިޓީގެ ނަރުދަމާ ނިޒާމު ހަލާކުވެފައިވާތީ އެ ގައުމުގައި ކޮލެރާ ފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ރެޑް ކްރޮސް އިން ވަނީ ދީފަ އެވެ.
ހެއިޓީ އަށް ބާރުގަދަ ތޫފާނެއް އަރާފައި މި ވަނީ 2010 ވަނަ އަހަރު އެ ގައުމަށް އައި ބިންހެލުމުގައި ލިބުނު ގެއްލުމުން އަރައިނުގަނެ އުޅެނިކޮށެވެ.