31 މެއި 2016 - 10:44

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އިންތިހާބުވެވަޑައިގެންފި އެވެ.

އެންމެ ކެންޑިޑޭޓެއް ކުރިމަތިލެއްވުމުން، މިއަދު ހެނދުނު ބޭއްވި އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ހުރިހާ މަގާމަކަށް ވެސް އެންމެ ފަރާތެއް ކުރިމަތިލެއްވި އިރު، އަސާސީ ގަވާއިދާ އެއްގޮތުގެ މަތިން ވޯޓަށް އެހީ ޓޮމް އާއި އޭނާ ހުށަހެޅުއްވި އެގްޒެކެޓިވް ކޮމިޓީ އަށް އެއްކޮށެވެ.

ޓޮމް އާއި އޭނާގެ ޓީމު ހޮވަން ފެންނަ ކަމަށް 19 ވޯޓް ވަނީ ލިބިފަ އެވެ. ވޯޓް ލުމުގެ ހައްގު 24 ފަރާތަކަށް ލިބިފައިވާއިރު ވޯޓުގައި ބައިވެރިވީ އޭގެ ތެރެއިން 21 ފަރާތަކުންނެވެ.

އެފްއޭއެމްގެ ސީނިއާ ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގަތީ 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ގައުމީ ޓީމު ހޯދިއިރު ކެޕްޓަންކަން ކުރެއްވި މުހައްމަދު ކަލީމެވެ. އޭނާ ވަނީ މީގެ ކުރިން އެފްއޭއެމްގެ ޗެއާމަންކަން ދުވަސްކޮޅަކު ކުރައްވައިފަ އެވެ. ދެ ވަނަ ނައިބް ރައީސަކަށް އިންތިހާބުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ މެމްބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރެވެ.
އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވީ ނޯމަލައިޒޭޝަން ކޮމިޓީގެ ނައިބް އަހުމަދު ޝަކީބާއި ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި ނިއު ރޭޑިއަންޓުގެ ކުރީގެ ބޯޑް މެމްބަރު އަހުމަދު ޒަރީރާއި ޓީސީ ސްޕޯޓްސްގެ މެނޭޖަރު އަހުމަދު އީސާ އާއި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ކްލަބް އީގަލްސްގެ ޗެއާމަން އަހުމަދު ޝިޔާމް އަދި ގައުމީ ޓީމަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ.
ޓޮމް އަކީ އެފްއޭއެމްގެ އިންތިހާބީ ތިން ވަނަ ރައީސެވެ. އެންމެ ފުރަތަމަ ބޭއްވި އިންތިހާބު 2008 ވަނަ އަހަރު ކާމިޔާބުކޮށް ރައީސްގެ މަގާމް އަދާކުރެއްވީ އަލީ އާޒިމެވެ. އޭގެ ފަހުން އިލްހާމް އަހުމަދު ރައީސްކަން ކުރިއިރު ފީފާ އިން އޭނާ 2014 ވަނަ އަހަރު މަގާމުން ދުރުކޮށް އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރި އެވެ.
އެ ކޮމިޓީގެ މެންޑޭޓަކަށްވީ އެފްއޭއެމްގެ އަސާސީ ގަވާއިދު އަލުން ހަދައި އިންތިހާބެއް ބޭއްވުމަށެވެ. ތަފާތު މައްސަލަތައް ދިމާވެ އެކަން ނުވެ ދިގުލައިގެން ދިޔަ ނަމަވެސް، ފީފާ އިން ދިން އެންމެ ފަހުގެ މުއްދަތު ހަމަވުމުގެ ކުރިން އެފްއޭއެމްގެ އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބު މިއަދު ބޭއްވުމާ އެކު ރާއްޖެ ސަސްޕެންޝަނަކުން ސަލާމަތްވީ އެވެ.
ނިއު ރޭޑިއަންޓުން 2002 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ޓޮމް އަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ސެންޓަ ފޯވާޑެވެ. ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފަށައި އޭނާ ވަނީ ގައުމީ ޓީމަށް ފަސް ސާފް ޗެމްޕިއަންޝިޕެއްގައި ކުޅެފަ އެވެ. އޭނާ އަކީ 2008 ވަނަ އަހަރުގެ މުބާރާތުގެ ތަށި ރާއްޖެ ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
އެކައުންޓިން އިން މެލޭޝިއާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ޓޮމް ވަނީ ނިއު އިން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެ ފަހަރު އޭނާ ނިއު އަށް ކުޅުނީ ކިޔަވަން އުޅެމުން ލިބޭ ޗުއްޓީތަކުގައި މާލެ އައިހެވެ.
ފަހުން ވީބީ ސްޕޯޓްސް އަދި ވެލެންސިއާ އަށް ވެސް ދުވަސްކޮޅަކު ކުޅުނު ޓޮމް ރަސްމީކޮށް ކުޅުން ހުއްޓާލީ 2013 ވަނަ އަހަރު އެވެ. އޭނާ ވަނީ ނިއުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް އަދާކޮށް އަދި އުފަން ރަށް ކަމަށްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ހިންގުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ މިހާރު ހުރީ ކްލަބް އީގަލްސްގެ ވައިސް ޗެއާމަންގެ މަގާމުގަ އެވެ.