08 އޮކްޓޯބަރ 2016 - 23:59

ވޮޝިންޓަން (އޮކްޓޯބަރު 8) - ކުރިއަށް އޮތް ރިޔާސީ އިންތިޚާބުން ވަކިވުމުގެ އޮތީ ސުން ޕަސެންޓް ފުރުސަތެއް ކަމަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ދައްކަވާފައިވާ ޖިންސީ ވާހަކަތަކެއް ހުކުރު ދުވަހު ލީކުވުމާ ގުޅިގެން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވާން ފަށައިފަ އެވެ. އަދި ޕާޓީގެ ތެރޭން ވެސް ވަނީ އިންތިޚާބުން ވަކިވުމަށް ގޮވާލާ އަޑުތައް ގަދަވެފަ އެވެ. ޓްރަމްޕުގެ ރަނިން މޭޓް މައިކް ޕެންސް ވެސް ވަނީ ޓްރަމްޕުގެ ވީޑިއޯއާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ ރައްޔިތުންގެ ވަރަށް ބޮޑު ސަޕޯޓެއް އޭނާ އަށް އެބައޮތް ކަމަށާއި އެހެންވެ އިންތިޚާބުން ވަކިވުމަކީ ނެތް ގޮތެއް ކަމަށެވެ.
ދެހާސް ފަސް ވަނަ އަހަރު ޓްރަމްޕް ދައްކަވާފައިވާ ވާހަކައިގެ ވީޑިއޯ ލީކުކޮށްލުމާ ގުޅިގެން އޭނާ ވަނީ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ.
ރިޔާސީ ރޭހުން ވަކިވުމަށް ގާނޫނު ހަދާ މަޖިލީހުގެ ރިޕަބްލިކަން ބައެއް މެންބަރުން ގޮވާލަމުންދާތީ އެކަމަށް ރައްދު ދެއްވަމުން ވޮޝިންޓަން ޕޯސްޓަށް ޓްރަމްޕް ވިދާޅުވީ އޭނާގެ ކެންޑިޑެސީ އަނބުރާ ނުގެންނާނެ ކަމަށާއި އޭނާ އަކީ ދުވަހަކު ވެސް އެގޮތަށް ފަހަށް ޖެހިފައިވާ މީހެއް ނޫން ކަމަށެވެ.
ޓްރަމްޕުގެ ވީޑިއޯ އާއްމުވުމާ ގުޅިގެން ވާދަވެރި ކެންޑިޑޭޓް ހިލަރީ ކްލިންޓަން ވަނީ އަންހެނުންނާ ބެހޭ ގޮތުން އެހާ ދަށު ދަރަޖައިގެ ވާހަކަތަކެއް ޓްރަމްޕް ދައްކަވާފައިވާތީ އޭނާ ހުއްޓުވުމުގެ ބާރު އަންހެނުންނަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ.