08 އޮކްޓޯބަރ 2016 - 22:07

"އަޅުގަނޑުގެ ފޮތުގައި ނޯންނާނެ ގިވް އަޕް ކުރުމެއް. އަބަދުވެސް ކުރިއަށް ދާނީ،"

ބުރަކަށްޓާއި ފައިގައި އަޅަމުން ދިޔަ ވޭނާ އެކު ވެސް ގައުމީ އެތުލެޓިކްސް މުބާރާތުގެ 1500 މީޓަރު ދުވުމުގެ ރޭސް މިއަދު ބޮޑު ތަފާތަކުން ކާމިޔާބުކުރި، ހުސެއިން ފަޒީލް ހާރޫން ނޫސްވެރިން ގާތު ބުންޏެވެ.

ގަދަ އަޒުމާ އެކު އޭނާ ދެއްކި އެ ވާހަކަ އެއޮތީ ދިމާލަށް ފެންނާށެވެ. ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް މިދިޔަ މަހު ކާމިޔާބުކޮށް އަދި ގައުމީ މުބާރާތުން އޭނާ ތިން ރަން މެޑަލް ގެނައީ އަނިޔާގައި ހުރެ އެވެ. ކުރިމަތިވާ އެފަދަ ކޮންމެ ގޮންޖެހުމެއް ހުރަސްކޮށް ކާމިޔާބު ހޯދަން އޭނާ ހުރީ ތައްޔާރަށެވެ.
އިންޑިވިޖުއަލް ތިން ރަން މެޑަލް އަދި 400 މީޓަރުގެ ސްޕްރިންޓް ރިލޭ އިން ސިފައިންގެ ކްލަބާ އެކު ހޯދި ރަން މެޑަލާ އެކު ފަޒީލަކީ މި ފަހަރުގެ ގައުމީ މުބާރާތުގެ އެންމެ ކާމިޔާބު އެތުލީޓެވެ. އެކަމަކު އެއް ވަނަ އެތުލީޓް ކަނޑައަޅާ މިންގަނޑުގެ ތެރެއިން، އޭނާ އަށް ވުރެ ކުރި ހޯދީ ސިފައިންގެ ކްލަބުގެ ފީލްޑް އެތުލީޓް ހަސަން ޝައްމޫނެވެ.
"ވަރަށް އުފާވެއްޖެ އިންޖަރީގައި ހުރެ ވެސް ތިން ގޯލްޑް މެޑަލް އަޅާލެވުނީމާ،" ފަޒީލް ބުންޏެވެ. "އެއްވެސް ތައްޔާރެއް ނުވެވޭ އަސްލު މުބާރާތަށް. އެންމެ ދެ ދުވަހު (މުބާރާތުގެ ކުރިން) ދުވެލެވުނީ ވެސް. ރެޑްބުލް ރޭހަށް ފަހު ބެކްބޯންގެ އަނިޔާއަކަށް ފިޒިއޯ ހަދަމުން އައީ ވެސް. އަނެއްކާ އެންކަލްގެ އިންޖަރީ ވެސް ބޮޑުވި މި މުބާރާތުގައި ދުވަނިކޮށް."
ދެން ވެސް އޭނާ ތަކުރާރުކުރަން އޮތީ ކުރިން ވެސް ބުނި ވާހަކަ އެވެ.
"ވަރަށް ހާޑު. އެކަމަކު އަޅުގަނޑަކީ ފަސް އެނބުރި ބަލާ މީހެއް ނޫން. އަބަދުވެސް ކުރިއަށްދާނީ. އެ އަންނަ ޗެލެންޖެއް ގިރާކޮށްފައި ކުރިއަށް އަބަދުވެސް ބަލާނީ ކުރިއަށް ދާން،" ފަޒީލް ބުންޏެވެ.
މިޑްލް ޑިސްޓެންސް ތަމްރީން ހެދުމަށް މޮރޮކޯ އަށް ދިއުމަށް ފުރުސަތު ލިބިފައިވާ ދުވުންތެރިޔާގެ އުއްމީދަކީ ރާއްޖެ ތަމްސީލްކޮށް ބައިނަލްއަގްވާމީ ރަން މެޑަލެއް ގެނައުމެވެ. ތަމްރީނާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ނުލިބުނު ނަމަވެސް އޭނާ އަށް އެއް ކަމެއް ޔަގީނެވެ.
"ދެ ތިން މަސް ދުވަހު ތަމްރީން ހަދާލެވިޖެއްޔާ ގައުމީ ރެކޯޑްތައް މުގުރާލެވޭނެ،" 5000 މީޓަރު އަދި 1500 މީޓަރު ދުވުމަށް ހާއްސަވެފައިވާ ދުވުންތެރިޔާ އިތުބާރާ އެކު ބުންޏެވެ.
ރާއްޖޭގެ މެރެތަން ރެކޯޑް އޮންނަ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ފަޒީލާ މެދު ވިދާޅުވީ އޭނާ އަކީ ވަރުގަދަ އަޒުމަކާ އެކު، ކެރިގެން ދުވާ ދުވުންތެރިއެއް ކަމަށެވެ. އޭނާ ގައުމީ މުބާރާތުގައި ދެއްކި ހިތްވަރާއި ހޯދި ކާމިޔާބު އެކަމަށް ހެކިވެ އެވެ.