08 އޮކްޓޯބަރ 2016 - 21:20

އެންމެން ހައިރާންކޮށްލުމަށް ފަހު، ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެން އެއް ވަނަ އެތުލީޓުގެ މަގާމް ތިން ރަން މެޑަލާ އެކު ދިވެހި ސިފައިންގެ ކްލަބުގެ ފީލްޑް އެތުލީޓް ހަސަން ޝައްމޫން އަދި އަންހެން އެއް ވަނަ އެތުލީޓުގެ މަގާމް ތިން ރަން މެޑަލާ އެކު ރަނާސް މޯލްޑިވްސްގެ ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) ހޯދައިފި އެވެ.

ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުން އަދި ޑިސްކަސް އުކުމުން ޝައްމޫން ރަން މެޑަލް ހޯދިއިރު ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫން ވެސް ވަނީ 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން އެއް ވަނަ ހޯދައި ތިން ރަން މެޑަލް ހަމަކޮށްފަ އެވެ. ދެ ދުވުންތެރިން އެއްވަރުވުމުން އެއް ވަނަ އެތުލީޓް ކަނޑައެޅީ، ގައުމީ ރެކޯޑާ އެންމެ ގާތަށް ދިޔަ އެތުލީޓަށް ބަލައިގެންނެވެ.

ރާއްޖޭގެ ޑިސްކަސް އަދި ޝޮޓްޕުޓް އުކުމުގެ ރެކޯޑް އޮންނަ ޝައްމޫނަކީ ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދި ފުރަތަމަ ފީލްޑް އެތުލީޓެވެ. މިދިޔަ އަހަރު ހަސަން ސާއިދާ ވާދަކޮށް ދެ ވަނަ މަގާމް ހޯދި ޝައްމޫން ގައުމީ މުބާރާތުގައި 16 ފަހަރު ވާދަކޮށްފައިވާއިރު މިއީ އޭނާ އަށް އެއް ވަނަ އެތުލީޓުގެ މަގާމް ލިބުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ނަމަވެސް އޭނާ ބައިވެރިވި ތިން ވަނަ އިވެންޓް ކަމަށްވާ ލޯންގް ޖަމްޕުން ހޯދުނީ ލޯ މެޑަލެވެ.

ހީޓް ހެލްތު އެންޑް ފިޓްނަސްގައި ކަސްރަތު އިންސްޓްރަކްޓަރަކަށް މަސައްކަތްކުރާ މަރީ އެއް ވަނަ އަންހެން އެތުލީޓުގެ މަގާމް ހޯދުމަކީ ގައުމީ މުބާރާތުގެ ތާރީހުގައި ވެސް އެންމެ ހައިރާންކުރުވަނިވި އެއް ކާމިޔާބީ އެވެ. ޕާޓް ޓައިމްކޮށް ދުވަން އަންނަ މަރީ ވަނީ ރާއްޖޭގެ ގައުމީ ސްކޮޑުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށް ފަހު 5000 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އޭނާ މިއަދު 1500 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކުރީ ބޮޑު ތަފާތަކާ އެކު 5 މިނެޓު 48:599 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޒިފިއަސްގެ އީނާޝް ނަސީމް ދެ ވަނަ އަށް ދިޔައިރު ރޭސް ނިންމާފައިވަނީ 6 މިނެޓު 3:204 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ނިންމި ކޭވައި ސްޕޯޓްސް އެކަޑަމީގެ އިމްތިނާން ފާރޫގު ރޭސް ނިންމާފައިވަނީ 6 މިނެޓު 3:265 ސިކުންތުންނެވެ.
މަރީއާ އެންމެ ގާތުން ވާދަކުރި ޒުވާން ދުވުންތެރިޔާ އަފާ އިސްމާއިލް ވަނީ 200 މީޓަރު ދުވުމުން ރަން މެޑަލް އަދި މިއަދު ލޯންގް ޖަމްޕުން ވެސް ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ދެން ވާދަކުރި 100 މީޓަރު ދުވުމުން ލިބުނީ ރިހި މެޑަލެކެވެ. މިއަދުގެ ލޯންގް ޖަމްޕް އިވެންޓުން އަފާގެ ފަހަތުން ދެ ވަނަ ހޯދީ ޒިފިއަސް ސްޕޯޓްސް ކްލަބުގެ އަރީން އަލީ ޝަރީފެވެ. އަދި ތިން ވަނަ ހޯދީ ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ އައިމިނަތު ނަޒްރާ އެވެ.
މުބާރާތުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ 82 ޕޮއިންޓާ އެކު ދިވެހި ސިފައިންގެ ކްލަބެވެ. ސާޅީސް ނުވަ ޕޮއިންޓާ އެކު ތިނަދޫ ޒުވާނުންގެ ކްލަބް ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ ފަސް ޕޮއިންޓާ އެކު ކްލަބް ރައިވެރިޔާ އެވެ. އަންހެން ބައިގެ އެއް ވަނަ ޓީމަކީ 46 ޕޮއިންޓާ އެކު ކަސްޓަމްސް ރިކްރިއޭޝަން ކްލަބެވެ. ހަތާވީސް ޕޮއިންޓާ އެކު ޒިފިއަސް ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ 23 ޕޮއިންޓާ އެކު ރަނާސް މޯލްޑިވްސް އެވެ.
މިއަދުގެ އެހެން އިވެންޓްތަކަށް ބަލާއިރު އަންހެނުންގެ 400 މީޓަރު ރޭހުން އެއް ވަނަ ހޯދީ 1 މިނެޓު 3.104 ސިކުންތުން ރޭސް ނިންމި ޒިފިއަސްގެ މިރުފަތު މުހައްމަދެވެ. މުބާރާތުގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދި ކަސްޓަމްސްގެ ނަޝާ ނިޒާރު 1 މިނެޓު 5:558 ސިކުންތުން ރޭސް ނިންމިއިރު އޭނާ ދިޔައީ ދެ ވަނަ އަށެވެ. ތިން އަކީ 1 މިނެޓު 8:635 ސިކުންތުން ދުވި ޒިފިއަސްގެ އައިމިނަތު ޖައިޝާ އެވެ.
ފިރިހެނުންގެ 400 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން އިނާޝް އެވެ. ފިރިހެނުންގެ ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ އިން އެއް ވަނަ ހޯދީ ސިފައިންގެ ކްލަބެވެ. އެ ކްލަބުގެ ދުވުންތެރިން ރޭސް ނިންމީ 44:282 ސިކުންތުންނެވެ. ގާތްގަނޑަކަށް ސިކުންތެއްގެ އެއްހާސް ބައިކުޅަ ބައިގެ ތަފާތުން، 44:285 ސިކުންތުން ރޭސް ނިންމައި ދެ ވަނަ ހޯދީ ތިނަދޫ ޒުވާނުންގެ ކްލަބެވެ. އަދި ތިން ވަނަ ހޯދީ ކްލަބް ރައިވެރިޔާ އެވެ. ޓައިމިން އަކީ 46:789 ސިކުންތެވެ.
އަންހެނުންގެ ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ ރޭހުން އެއް ވަނަ ހޯދީ ކަސްޓަމްސްގެ ދުވުންތެރިންނެވެ. އެއީ 55:713 ސިކުންތުން ދުވެގެންނެވެ. ދެ ވަނަ ހޯދީ 55:389 ސިކުންތުން ރޭސް ނިންމައިގެން ޒިފިއަސްގެ ދުވުންތެރިންނެވެ. އަދި ތިން ވަނަ އަށް ރޭސް ނިންމީ 57:129 ސިކުންތުން ދުވި ކޭވައި ސްޕޯޓްސް އެކަޑަމީގެ ޓީމެވެ.