ބްރައިޑް ފެއާ އަށް ލިބުނު ބޮޑު ތަރުހީބާ އެކު އަންނަ އަހަރު ތަފާތު ގޮތަކަށް ބާއްވަނީ
ބްރައިޑް ފެއާ އަށް ލިބުނު ބޮޑު ތަރުހީބާ އެކު އަންނަ އަހަރު ތަފާތު ގޮތަކަށް ބާއްވަނީ

މި އަހަރުގެ ބްރައިޑް ފެއާ އަށް ލިބުނު ބޮޑު ތަރުހީބާ އެކު އަންނަ އަހަރު އާ ކަންތައްތަކެއް ހިމަނައިގެން ފެއާ ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ފެޝަން ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތައް އާއްމުންނަށް ދައްކައިލުމަށް ބާއްވާ ބްރައިޑް ފެއާ ރޭ ވަނީ ނިންމާލައިފަ އެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްރައިޑް މޯލްޑިވްސް އިން 2010 އިން ފެށިގެން ބާއްވާ ބްރައިޑް ފެއާގެ ފަސް ވަނަ ފެއާ ދަރުބާރުގޭގައި ކުރިއަށް ގެންދިޔައިރު، 29 ސްޓޯލާއި ހަތް ޑިޒައިނަރުންގެ ހެދުންތައް ފެނިގެން ދިޔަ އެވެ.

ބްރައިޑް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާފީ މިރޭ ވިދާޅުވި ގޮތުގައި މި އަހަރުގެ ފެއާ އަށް މީގެ ކުރީ އަހަރުތަކުގައި ލިބުނު ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބުނެވެ. އެ ގޮތުން، މި ފަހަރު ސްޓޯލްގެ އަދަދު މަދުކޮށް، ޖާގަ ތަނަވަސްކޮށްފައި ވިޔަސް، އެ ތަން ފުރިގެން ބައެއް މީހުންނަށް ނުވަދެވިގެން ބޭރުގައި އިރުކޮޅަކު މަޑުކުރަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ގުޅާފައި ވެސް ބައެއް މީހުން ބުނި ނުވަދެވިގެންނޭ މި ތިބީ، ކިހިނެއްހޭ ހަދާނީ. ވަރަށް ވެސް ތަރުހީބު ރަނގަޅު،" ޝާފީ ވިދާޅުވި އެވެ.

މި ފަހަރު ވެސް ފެއާ ބޭއްވީ ބައެއް ބަދަލުތަކާ އެކު އެވެ. އެ ގޮތުން، ހޯލުގެ މެދުގައި ސްޓޯލް ނުޖަހައި އެ ޖާގަ ފެއާ އަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކުރި އެވެ. އަދި ކޮންމެ ޑިޒައިނަރަކަށް ބައިވެރި ކުރެވޭ ހެދުމުގެ އަދަދު ގިނަވެގެން ހައެއް ނުވަތަ ހަތަކަށް މަދުކޮށް، އެ ހެދުންތައް ބޮޑަށް ދައްކައިލުމުގެ ފުރުސަތު ދިނެވެ.

މި ބަދަލުތަކާ އެކު ފެއާ އަށް ބޮޑު ތަރުހީބެއް ލިބުނުއިރު، އަންނަ އަހަރުގެ ފެއާ ވެސް ތަފާތު ގޮތަކަށް ކުރިއަށް ގެންދަން ބްރައިޑް މޯލްޑިވްސް އިން ވަނީ ނިންމައިފަ އެވެ. އެ ގޮތުން، ފެއާގައި ބައިވެރިވުމަށް ކެޓަގަރީތަކެއް ތައާރަފް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝާފީ ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން މިހާރަށް ވުރެ ދުރާލާ މާކެޓިން ވެސް ފަށާނަން،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފެއާގައި ވެސް ކޮންމެ ރެއަކު ހާއްސަ ފެޝަން ޝޯއެއް އޮތެވެ. އެ ގޮތުން، ފެއާގައި ބައިވެރިވި ހަތް ޑިޒައިނަރުން ތައްޔާރުކޮށްފައިވާ އެކި ވައްތަރުގެ ހެދުންތައް ދެއްކި އެވެ. އޭގެ ތެރޭގައި ކައިވެނި ކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލް ޑިޒައިންތަކާއި މުޅިން އާ ހެދުންތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން، ކައިވެނި ހަފްލާތަކަށް ތައްޔާރުވާ މީހުންނަށް ހާއްސަ ޕެކޭޖުތަކާއި އާ އުފެއްދުންތައް ވެސް ބާޒާރަށް ނެރެފައިވެ އެވެ.