08 އޮކްޓޯބަރ 2016 - 20:34

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އާ ހިންގާ ކޮމިޓީން އެސޯސިއޭޝަން ރަސްމީކޮށް ހިންގަން ފެށުމުގެ ކުރިން ފުލުހުން ލައްވައި ޓެކްނިކަލް އޮޑިޓެއް އަދި މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް ފައިނޭންޝަން އޮޑިޓެއް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސަސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެސޯސިއޭޝަނުގެ އާ ހިންގާ ކޮމިޓީން ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް މިރޭ ވިދާޅުވީ ޕޮލިހުން ލައްވައި ތަނުގެ ކޮމްޕިއުޓަރުތައް ބަލައި ޓެކްނިކަލް އޮޑިޓެއް ކުރުވަނީ އެއްވެސް ބަޔަކާ މެދު ތުހުމަތެއްކުރެވިގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މަސައްކަތް ފެށުމުގެ ކުރިން ޕޮލިހުން ލައްވައި ކޮމްޕިއުޓަރުތައް ޗެކްކޮށް އަދި ފައިނޭންޝަލް އޮޑިޓެއްކުރަން. އެއީ އަޅުގަނޑުމެން ހިތްހަމަޖެހޭ ގޮތަކީ. މިއީ އެއްވެސް ގޮތަކަށް ބަޔަކާ މެދު ތުހުމަތެއްކޮށްގެން ނުވަތަ މައްސަލަ ފެނިގެން ކުރާ ކަމެއް ނޫން،" ލަތީފް ވިދާޅުވި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލަތީފް އިންތިހާބުވެވަޑައިގަތީ މިދިޔަ ހަފުތާގަ އެވެ. އޭގެ ކުރިން މިދިޔަ މާޗު މަހު ބޭއްވި އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ބުނެ ސްޕޯޓްސް ކައުންސިލާއި ހޯމް މިނިސްޓްރީން ވަނީ އެ އިންތިހާބު ކެންސަލްކޮށްފަ އެވެ. އުވާލި އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ މިދިޔަ ދެ ދައުރުގައި ރައީސްކަން ކުރެއްވި މުހައްމަދު ރިޔާޒެވެ.