ދަގަނޑޭ އަނިޔާގައި، ލާއޮސް މެޗުގައި ނުކުޅޭނެ
ދަގަނޑޭ އަނިޔާގައި، ލާއޮސް މެޗުގައި ނުކުޅޭނެ

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު ލާއޮސްއާ ދެކޮޅަށް ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މިއަދު ބުނެފި އެވެ.

ލާއޮސް އަށް ދާން ގައުމީ ޓީމު މިރޭ ފުރާނީ ދަގަނޑޭ ބާކީކޮށް، އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ހިމަނައިގެންނެވެ.

ރާއްޖޭގައި ކުޅުނު މެޗުގައި ލާއޮސް އަތުން 4-0 އިން މޮޅުވުމުގައި މުހިންމު ރޯލެއް އަދާކުރި ދަގަނޑޭ ބުނީ ލާއޮސްގައި ކުޅޭ މެޗަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް ނުކުޅެން ނިންމީ މިހާރު ލިބިފައިވާ އަނިޔާ އިން ރަނގަޅުވެ، އެއްކޮށް ފިޓްވަން ކަމަށެވެ.

"ކަކުލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ލާއޮސް މެޗުގައި ނުކުޅެން ނިންމައިފިން. އަނިޔާގައި ހުރެ އިންޖެކްޝަން ޖަހައިގެން މެޗުތަކެއް ކުޅެފިން. އެކަމަކު ދެން ބޭނުންވަނީ އަނިޔާއިން އެއްކޮށް ރިކަވާވެގެން ކުޅުމަށް އެނބުރި އަންނަން،" ދަގަނޑޭގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވެ އެވެ.

ލާއޮސް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނީ ޓީމުގައި ދަގަނޑޭ ހިމެނީ އޭނާގެ ބޭނުން ހިފޭނެ ކަމުގެ ކުޑަ އުއްމީދެއް އޮތުމުން ކަމަށެވެ.

"އަޝްފާގް (ދަގަނޑޭ)ގެ ފިޓްނަސް މައްސަލަތަކެއް އެބަހުރި. އޭނާއާ ވާހަކަ ދެއްކުމަށް ފަހު މެޗުގައި ކުޅުވުމާ މެދު ގޮތެއް ނިންމާނީ،" ސްޓެވާޓް ބުންޏެވެ.

"ކޮންމެ ގޮތެއްވިޔަސް އަޝްފާގަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް. އޭނާ ކުޅުވަން އެންމެން ބޭނުންވާނެ. އެކަމަކު ވިސްނަން ޖެހޭ އަނިޔާގައި ހުރެ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެކަން. އެއްކޮށް ފިޓްނުވާ ނަމަ އޭނާ ނުކުޅޭނެ. އެ ފުރުސަތު ލިބޭނީ އެހެން ކުޅުންތެރިއަކަށް."

ލާއޮސްގައި ކުޅޭ މެޗުން 4-0 އަށް ވުރެ ތަފާތު ބޮޑުކޮށް ރާއްޖެ ބަލިނުވެއްޖެ ނަމަ ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ރާއްޖެ އަށް ފުރުސަތު ލިބޭނެ އެވެ.