އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

"ކިހިނެއް އެނގެނީ އިސްލާމްދީނަކީ ޙައްޤު ދީންކަން؟" މޮޅު ސުވާލެއް ކުރާނަމޭ ހީކޮށް ޖިންނި ސުވާލުކުރިއެވެ. "އަޅެ ބުނެބަލަ!"

ހާދީގެ ނިޔަތް ބަދަލުވިއެވެ. ލޯމަރައިގެން އޮތަސް ހާދީގެ މޫނު އަހަންނަށް ފެނެއެވެ. ހާދީ ކަހަލަ، ޢަޒުމު ވަރުގަދަ މީހެއްގެ ސިކުނޑިއާ ޝައިތާނުންނަށް ކުޅެވުނީ ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް ހާދީ ޤުރުއާން ކިޔަވަން ފެށިއެވެ. ކިޔަވަމުންދިޔައިރު އެ އާޔަތްތަކުގެ މާނައެއް އަހަންނަކަށް ނޭނގެއެވެ. ޝައިތާނުން ތެޅިފޮޅިގަތެވެ. ދެ ކަންފަތް ލައްޕައިލިއެވެ. އެކި އަޑުއަޑުލައްވައި، ހާދީގެ އަޑު ފާޅުވިޔަނުދޭން މަސައްކަތް ކުރިއެވެ. ފަހުން އެނގުނު ގޮތުގައި ހާދީ ކިޔެވީ، އިސްލާމްދީނުގެ މަތިވެރިކަމާ ބެހޭ އާޔަތްތަކެވެ. ޖިންނީންނަކީ ކޮންބައެއްކަމާއި، ޝައިތާނާގެ ކެހިވެރިކަމުގެ ވާހަކައެވެ.

"ނުކުރާނަން ގަބޫލެއް،" ޖިންނިޝައިތާނުން ހަޅޭއްލަވަން ފެށިއެވެ. "ހުސް ފުލޯކު ވާހަކަ. ހަމަ ހުސް ފުލޯކު ވާހަކަ. އަހަރުމެންނަކީ ސުވަރުގެއަށް ދާން ތިބި ބައެއް. މި ދުނިޔެއަށް ފޮނުވާފަ މިހިރީ އިބިލީހަށް އެހީވާން. އިބިލީހަކީ އިންސާނުން ދުނިޔެމަތީގަ އިމްތިޙާނު ކުރައްވަންވެގެން ފޮނުއްވާފަ ހުރި މަލާއިކަތެއް."

ތިން ޝައިތާނުން އެއް އަޑުން އިބިލީހަށް ތަކުބީރު ކިޔަން ފެށިއެވެ. އެ ހިސާބުން ހާދީއަކަށް ކެތެއް ނުވިއެވެ. އެ ގޮތަށް ކަންތައް ކުރާ ޝައިތާނުންގެ ދުވަސް ދުއްވާލުމަކީ ހާދީ އާންމުކޮށް ކުރާ ކަމެކެވެ. އެހެންނަމަވެސް، އެ ފަހަރަކު އެހެނެއް ނުހެދިއެވެ. ބަދަލުގައި އަނެއްކާ ވެސް ޤުރުއާނުގެ އާޔަތްތައް ކިޔައިދޭން ފެށިއެވެ. އޭގެ ތެރޭގައި، އާދަމްގެފާނަށް ސަޖިދަކުރަން އިބިލީހަށް އެންގުމުން އިބިލީސް ކަންތައް ކުރި ގޮތުގެ ވާހަކަ ހިމެނެވެ.

"ތީ ހަމަ ކަނޑައެޅިގެން ދޮގެއް،" އެކަކު ނިކަން ބާރަށް ބުންޏެވެ. "އާދަމްގެފާނަށް އެންގީ އިބީލީހަށް ސަޖިދަޖަހަން. އެންގީމަ އޭނަ ނުޖެހީ. ނުޖެހީމަ ކަލޭމެން ތި ތިބީ މި ތަނަށް ފޮނުވާފަ. ދެން އަހަރުމެން މި ތަނަށް ފޮނުވާފަ މި ތިބީ ކަލޭމެންނަށް އުނދަގޫކުރަން. އަހަރުމެން އެ ކަންތައް ކުރާނަން. އެއީ އަންގަވާފަ އޮތް ގޮތް."

އަދަބު ދިނުމަށް ވުރެ، ދީނަށް ގޮވައިލައިގެން ލިބޭ ކާމިޔާބު ބޮޑެވެ. ހާދީ މަސައްކަތް ކުރީ އެ މަގު އިޚުތިޔާރު ކުރާށެވެ. ޝައިތާނުން ދައްކާ ވާހަކަތަކުގެ ކޮޅު ބަދަލުކޮށްލައި، ބުއްދީގެ ބޭނުންކޮށްގެން ހާދީ ކާމިޔާބު ހޯދިއެވެ. އެންމެ ފަހުން އެކަކު އިސްލާމްދީން ގަބޫލުކުރިއެވެ. އެ ކަމާ ރުޅިއައިސްގެން ދެން ތިބި ޝައިތާނުން އެ ތަނުން ދިޔައެވެ. އިސްލާމްވި ޖިންނިއަށް ކިއީ ޝަކީލެވެ.

"ކާކު ބުނެގެން ހުމޭރަށް ސިހުރު ހަދަނީ؟" ހާދީ ފުރުޞަތުގެ ބޭނުން ކުރިއެވެ. "ކަލޭމެން މި ތަނަށް ފޮނުވަނީ ކާކު؟"

ޝަކީލު ކޮންމެހެން ނުބުނާކަށް ނޫޅެއެވެ. އެހެންނަމަވެސް ޝަކީލު ބުނީ ދިވެއްސެއްގެ ނަމެއް ނޫނެވެ. ލަންކާގެ މަޝްހޫރު ސިހުރުވެރިއެއްގެ ނަމެވެ. އެ ޖަވާބުން އަހަރުމެންނަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. ލަންކާގެ އެހާ ކުޅަދާނަ މީހަކު މެދުވެރިވެގެން އަހަންނަށް ސިހުރު ހަދާނީ ކާކު ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟

"ސިހުރު ހަދަން ތި ބުނާ މީހަކަށް ޚަރަދު ކުރީ ކާކު؟" ހާދީ ސުވާލުކުރިއެވެ.

"އަޚުމަދު،" ޝަކީލު ޖެހިލުމެއް ނެތި ބުންޏެވެ. "އަޚުމަދު ހުމޭރު."

އަހަރުމެންނަށް ލިބުނު ޝޮކު ވަކިން ބޮޑުވިއެވެ. ޝަކީލު ބުނީ އަހަރެންގެ ބޮޑުބޭބެގެ ނަމެވެ. އެއީ، ޢާއިލާގައި ހުރި އަހަރެންދެކެ އެންމެ ލޯބިވާ އެކަކެވެ. ގެ ހަދަން ވެގެން އަހަރުމެން ގޮސް ތިބީ ވެސް ބޮޑުބޭބެގެ ގޭގައެވެ. އެހާ ރަނގަޅު މީހަކު އަހަންނަށް ސިހުރު ހަދަންވީ ކީއްވެ ހެއްޔެވެ؟ ޝަކީލު ބުނީ ތެދެއް ނަމަ، ބޮޑުބޭބެ އެ ކަން ކުރަނީ ލަންކާމީހާ ލައްވައެވެ. އޭގެ އިތުރަށް އެހެން މީހުންގެ އެހީ ވެސް ބޮޑުބޭބެ ހޯދީބާއެވެ؟ އެ ސުވާލުގެ ޖަވާބު ޝަކީލު ދިނެވެ.

"އޭނަ އެކަންޏެއް ނޫން،" ޝަކީލު ކިޔައިދިނެވެ. "ބައިވަރު މީހުން ލައްވާ ސިހުރު ހައްދާ. ފުރަތަމަ މީހާ ގާތަށް ގޮސް އޭނަގެ ސިހުރުން ނަތީޖާއެއް ނުނުކުތީމަ ދެވަނަ މީހެއް ގާތަށް ދިޔައީ. އޭނަގެ ސިހުރު މަސައްކަތް ނުކޮށްގެން އަނެއްކާ އެހެން މީހެއް ގާތަށް ދިޔައީ. އެ ކަހަލަ ގޮތަކަށް ތި ކަން ގޮއްސަ އޮތީ. އަނެއްކޮޅުން، އެ ސިހުރުވެރިން ސިހުރު ހެދުން ހުއްޓައެއް ނުލާ. އެ ކަމުގަ މި އޮންނަ ގޮތަކީ، ސިހުރެއް ހަދަން ފަށައިފިއްޔާ ޝައިތާނާ އެ ސިހުރުވެރިންނަށް މަޖުބޫރު ކުރާނެ ހުއްޓާނުލަން. ހުއްޓާލައިފިއްޔާ އެ ސިހުރުވެރިންނަށް އަދަބު ލިބޭނެ. އެހެންވެ، މީހަކު މަރަން ސިހުރު ހަދާ ސިހުރުވެރިއެއް ވިއްޔާ އެ މީހަކު މަރުވަންދެން ހުއްޓައިނުލާ ސިހުރު ހަދާނެ. ވައިގެ އިފުރީތުންނާ، ފެނުގެ މާރިދުން ވެސް އެބަ އާދޭ މި ދިމާއަށް."

ފެނުގެ ފުރަތަމަ އަހުލުވެރިޔާ އެރީ ކަނޑުންނެވެ. އެއީ މާރިދެކެވެ. ފުން ކަނޑުތަކުން ފީނާފައި އައިސް ހިންދަމައިލިއިރު މުޅި ހަށިގަނޑުގައި ހުރީ ގާފޮރިޖަހައިފައެވެ. މާރިދުން އިސްކޮޅުން ދިގުވެފައި، ބައިމަތި ފުޅައެވެ. ކޮޅަށް ތެދުވުމުން، ހަށިގަނޑުގައި ހަރުލާފައި ހުންނަ ލޮނުފެންގަނޑު އޮހިގަންނައިރު ހީވަނީ ކަނޑު ބިމުން ބަޔެއް އުފުލި އެ އިން ފެން އޮހޭހެންނެވެ. ފަރުބަދަގަނޑެއްހެން ކަނޑު މެދުގައި ހުއްޓިގެން ހުންނައިރު، ކަނޑުގެ ލޮނުގަނޑު އޮންނަނީ މާރިދުގެ ކަކުލާ ހަމައިގައެވެ. އަހަރެން ހުރީ އެ ތާކު ނޫނެވެ. އެކަމަކު އަހަންނަށް އެ ތަން ފެނެއެވެ. ކުނޑިފުކަކަށް ވެގެން އަހަރެންގެ ހަށިގަނޑުތެރެއަށް އެ އެތި ވަދެގެން އަހަރެން ވާހަކަދައްކާއިރު އަނގައިން ދުވަނީ ފަރު ވަހެވެ. އަޑުއަހަން ތިބި ހާދީ އާއި ބައްޕަ ވެސް އެ ކަން ފާހަގަކުރިއެވެ. އަހަރެންގެ ހަށިގަނޑުން ނުކުންނައިރަށް އަހަރެންގެ އަނގައިން އެ ވަސް ފިލައެވެ. މާރިދުންގެ ތެރޭގައި ވެސް އެކި ސިފަސިފައިގެ މަޚުލޫޤުން ތިބެއެވެ. ސިހުރުހަދާ ޝައިތާނުންނާއި، މާރިދުން ވެސް އުޅެއެވެ. ސިންގާއެއްގެ ދެފައި ގޮތަށް ދެފައި ހުރެފައި މަތީބައި އިންސާނަކާ ވައްތަރުވެފައި، ގައިގަ ހުޅު ރޯވެފައި ހުންނަ ބަޔަކު ވެސް އުޅެއެވެ. އިންސާނަކަށް ނުވެ ޖަނަވާރަކަށް ނުވާ ސިފައިގައި ވެސް ބަޔަކު ތިބެއެވެ. އަނގަ ހުޅުވައިގެން ގަޔާ ދިމާއަށް މާރިދުން އަންނައިރު ހީވާނީ އެއް ސުވާއިން އަހަރެން ކާލަފާނެހެންނެވެ. އެކަމަކު މާ ކުރިން އެ ސޮރު ބަނދެލައެވެ. އަދި ސިހުރު ބޭރުކުރުމަށް ހާދީ އަމުރުކުރިއެވެ. އެ ކަމަށް އެއްބަސްނުވުމުން، ބަނދެފައި ބައިތިއްބައިގެން ކިޔަވަން ފެށުމުން ޝައިތާނުންނަށް ގޮތް ހުސްވިއެވެ. އަނގައިން ސިހުރު ބޭރުވިއެވެ. އެއީ ފަކުރުގަންނަ ކުލައެއްގައި ހުރި އެއްޗެކެވެ.

"ސިހުރު ހުރީ ކޮންތާކު؟" ހާދީ ސުވާލުކުރިއެވެ. "ހުރިހާ ތާކުން ސިހުރުތައް ނަގާ!"

"އަހަރުމެންގެ ހުރިހާ މަސައްކަތްތައް ކަލޭ ތި ހަލާކުކޮށްލަނީ،" ރުޅިއައިސްގެން މާރިދު ހަޅޭއްލެވިއެވެ. "އެތައް ދުވަހަކު އަހަރުމެން ތިބެގެން ހެދި އެއްޗެހިތީ. ކަލޭ މަރާލާނާން. ޢާއިލާ ވެސް މަރާލާނަން."

ހާދީ އެ އަޑެއް ނާހައެވެ. ބިރެއް ވެސް ނުގަނެއެވެ. އިރުކޮޅަކުން އަހަރެންގެ ހަށިގަނޑަށް ލުއިވާން ފެށިއެވެ. ލުއި ލިބެނީ ސިހުރުގެ އަސަރު ފިލާ ވަރަކަށެވެ. އޭރު ފައިގައި ހުރީ އާ ބިހިތަކެއް ނަގަން ފަށައިފައެވެ. ތިމާގެ ގޭގެ އާއި އަހަރެންގެ ގައިގެ އެތައް ތަނެއްގައި ވެސް ސިހުރު ހުއްޓެވެ. ސިހުރު ހުރި ތަން ދެއްކި ފުރަތަމަ ތަންތަނުގެ ތެރޭގައި ބޭބެގެ ގެ ހިމެނެއެވެ. އެ ގޭގެ މަތީގައި ހުރީ އަލިފާން ނަގޫރޯޅިއެކެވެ. ރޯޅީގެ ނަގޫ ފައިބައިފައި ހުރީ ބޭބެގެ ގެއަށެވެ. އެ ރޯޅީގެ ސިއްރެއް ނޭނގެއެވެ. ރޯޅި މައްޗަށް އަރައިގެން ގޮސް އުދަރެސް ގެއްލުވައިލައިފައިވެއެވެ. ނަގޫރޯޅިތެރެއިން ބޮޑެތި ފަނިތަކެއް ކަހަލަ އެއްޗެއް ފައިބަނިކޮށް ފެނުނެވެ. ކޮންމެ ފަންޏެއްގެ ކޮޅުގައި ބޮޑު އަނގައެއް ހުރެއެވެ. ފަނިތައް ފައިބައިގެން ގޮސް ބޮނޑިވަނީ، އެ ގޭގައި ސިހުރު ވަޅުލައިފައި ހުރި ދިމާއަށެވެ. ހީވަނީ، ސިހުރު ނަގައިފާނެތީ ނުވަތަ ބާތިލުކޮށްފާނެތީ އެ ތަކެތި ރައްކާތެރިކުރަން އުޅޭހެންނެވެ. އިސްމާއިލް އިންނަކުރައެއް ގެންގުޅުނެވެ. އެ އިން ފެންއަޅަނީ އިސްމާއިލްގެ އަތްގޮށްޓަށެވެ. އަޅައިފައި އަލިފާން ނަގޫރޯޅިއަށް ޖެހުމުން ފެން ފޯރާ ހިސާބުގައި ހުންނަ އަލިފާންގަނޑު ނިވެއެވެ. ސިހުރާ ހަމައަށް ދެވުނީ، އަލިފާންގަނޑު އެއްކޮށް ނިއްވައިލައިފައެވެ. ގޭގެ ފާރުތެރޭގައި ލޯވަޅުތަކެއް ހުއްޓެވެ. އެ ލޯވަޅުތަކުން ފުރަތަމަ ނުކުތީ ކުދި ކުރަފިތަކެކެވެ. އެ އަށް ފަހު ބޮޑު ބިޗުލެއް ނުކުތެވެ. ބިޗޫގެ ބޮޑުމިނުގައި ދިހަވަރަކަށް ފޫޓު ހުއްޓެވެ. ބަނޑިބަނޑި ލައްވަމުން ބިޗޫ ދުއްވައިގަތެވެ. އަހަރެންގެ ގައިތެރެއަށް ވަނެވެ. ދެން ވީ ގޮތް އަހަންނަށް ކިޔައިދިނީ ފަހުންނެވެ. އަހަރެން އެނދުގައި އޮވެފައި ފުންމައިގެން ތެދުވިއެވެ. ތަޅުންގަނޑު މައްޗަށް ފުންމައިލިއެވެ. އަހަރެން މެދުވެރިކޮށް ބިޗޫ މަސައްކަތް ކުރީ ހާދީގެ ކަރުގައި ހިފާށެވެ. އަހަރެންގެ ހަރަކާތްތައް ބިޗުލެކޭ އެއްވެސް ތަފާތެއް ނެތެވެ. އެތައް ބަޔަކު އަހަރެން ހިފެހެއްޓުމަށް މަސައްކަތް ކުރިއެވެ. ފުޅިން އަހަރެން ގަޔަށް ފެންޖެހޭ ވަރު މަދުވެގެން ބާލިދީ ގެނެސް، ހާދީ ދެ އަތުން އަހަރެންގެ ގަޔަށް ފެންޖެހިއެވެ. ތަށިމުށިޖަހައިފައިވާ ތަޅުންގަނޑު އޮތީ ދިޔަ ބޮޑުވެފައެވެ. އެ ވަރުން ވެސް، އެންމެން ފޮޅުވައިލައިފައި އަހަރެން ދުއްވައިގަންނަނީ ހާދީގެ ކަރުގަހިފާށެވެ. ބިޗުލެއްހެން ބަނޑިތައް ލައްވަމުން ހަމަ އެހާމެ ހަލުވިކޮށެވެ. އަހަރެންގެ ފަޔެއް ނުވެސް ކައްސައެވެ. މީހުންތައް ފޮޅުވައިލައިފައި ހާދީގެ ކަރުގައި ހިފަންދާއިރު، އަހަރެން ހިފަހައްޓައިގެން ތިބި މީހުން ތިބެނީ ގުޑާލަން ނޭނގިފައެވެ. އަހަރެންގެ ހަރަކާތް އެހާ އަވަހެވެ. އެހެންނަމަވެސް، ހާދީގެ ކަރުގަ އަތްލުމުގެ ކުރިން އަހަރެންގެ މޫނަށް ހާދީ ފެންޖެހިއެވެ. އެއާއެކު، ގޭގެ ތަޅުންގަނޑު ތެރެއިން ޒާތެއްގެ ސޫފިތަކެއް އަރަން ފެށިއެވެ. އެތަކެއް ބައިވަރެކެވެ. ބަރުވެއްޔާއި ބޮނޑެވެ. ނަންނުގައްޗާއި ހަރުފައެވެ. ނަގުލަންދާށްޓާއި، ހަރުފައާއި، ހޯނު ވެސް ނުކުތެވެ. ގޭގެ މަތީބުރީގައި ފަޅު ކޮޓަރިއެއް ހުރި ތަން ވެސް އަހަންނަށް ފެނުނެވެ. މުޅި ކޮޓަރީގައި ހުރީ ކަޅުކުލައިގެ ފިލާ ޖަހައިފައެވެ. ހީވަނީ ކޮޓަރި އަނދައި ދެއްޔަށް ވެފައި ހުރިހެންނެވެ. އެ ތަނުގެ އެތެރެއަށް ވަންއިރު އެތެރޭގައި ޒިޔާރަތެއް ކަހަލަ ތަނެއް ހުއްޓެވެ. ސިހުރުހަދާ ޝައިތާނާ އިނީ އެ ޒިޔާރަތުގެ ތެރޭގައެވެ.

ނުނިމޭ