08 އޮކްޓޯބަރ 2016 - 20:27

ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބޭ މީހުން އެކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އެންމެ ފަހު ވަގުތު ކެންސަލް ކޮށްފައި ވަނިކޮށް، މި މަހުގެ 17 ވަނަ ދުވަހު އެ ރަސްމިއްޔާތު ބާއްވަން ނިންމައިފި އެވެ.
ވަކީލުކަމުގެ ހުއްދަ ދިނުން ސުޕްރީމް ކޯޓުގެ ދަށަށް މިދިޔަ އަހަރު ގެންދިޔަ ފަހުން އެއްވެސް ބަޔަކަށް އެ ހުއްދަ ދޫ ނުކޮށް އޮތުމަށް ފަހު 100 އަށް ވުރެ މީހުންނަށް އެ ހުއްދަ ދޭން ނިންމައި، އެ މީހުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިދިޔަ ހަފުތާގައި ބޭއްވުމަށް ނިންމި އެވެ. އެކަމަކު ފަހު ވަގުތު ވަނީ އެ ހަފުލާ ކެންސަލްކޮށްފަ އެވެ.ހަފުލާ އޭރު ކެންސަލްކުރީ އިދާރީ ސަބަބަކާ ހެދި އެވެ.
ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭ ކޮމެޓީން މިހާރު ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެ ރަސްމިއްޔާތު ބޭއްވުމަށެވެ. މި ކޮމެޓީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ.
ވަކީލުކަމުގެ ހުއްދަ ދިނުމަކީ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދިޔަ ކަމެއް ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގަރާރަކުން ވަނީ އެ މަސައްކަތް އެ ކޯޓުގެ ދަށަށް ގެންގޮސްފަ އެވެ.