08 އޮކްޓޯބަރ 2016 - 16:26

ޕޯޓް-އައު-ޕްރިންސް (އޮކްޓޯބަރު 8) - ހެއިޓީ އަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 800 އަށް އަރައިފި އެވެ.

އދ. އިން ބުނީ ހެއިޓީ އަށް ލިބުނު ގެއްލުމުގެ ތަފްސީލުތައް ސާފުވާން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. މީހުން ސަލާމަތްކުރާ ޓީމުތަކުން ވެސް ބުނެފައި ވަނީ މަރުވި މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށެވެ. އދ. ކާނާއާ ބެހޭ އެޖެންސީން ބުނީ ބޮޑަށް ހާލުގައި ޖެހިފައިވާ ހިސާބުތަކަށް އެއްގަމު މަގުން ދަތުރު ނުކުރެވޭ ކަމަށެވެ. އެހެންވެ އެހީ ފޯރުކޮށްދޭން ޖެހެނީ ވައިގެ މަގުން ނުވަތަ ކަނޑުމަގުން ކަމަށް ބުނެފައިވެ އެވެ.

ހަރިކޭން މެތިއުގެ ނަން ދީފައިވާ ތޫފާން އެމެރިކާގެ ފްލޮރިޑާގެ ބައެއް ހިސާބުތަކަށް އެރިއިރު ތޫފާނުގެ ބާރު ވަނީ ކެޓަރީ ދޭކަށް ދަށްކޮށްފަ އެވެ. ތޫފާނުގައި މިހާރު ވައިޖެހުމުން ދަނީ ގަޑިއަކު 177 ކިލޯ މީޓަރު ބާރު މިނުގަ އެވެ. ހެއިޓީ އަށް ތޫފާން އެރިއިރު ވައިޖެހުމުން ދިޔައީ ގަޑިއަކު 230 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ.

ހެއިޓީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނީ ގެއްލުން ލިބުނު ހިސާބުތަކުން މުވާސަލާތީ ގުޅުން ކެނޑިފައިވާތީ ގެއްލުމުގެ ތަފްސީލުތައް ޔަގީން ނުވާ ކަމަށެވެ. ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައި ވަނީ ގެއްލުގެ މައުލޫމާތު ސާފުވާން ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ. ހެއިޓީ ސަރުކާރާއި އދ. އިން ލަފާކުރާ ގޮތުގައި ހެއިޓީން ހާލުގައި ޖެހުނު މީހުންގެ އަދަދު 350،000 އަށް އަރާނެ އެވެ.

ހެއިޓީން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އެހީވުމަށް އެމެރިކާ އިން މަނަވަރެއް ފޮނުވަން ވަނީ ނިންމައިފަ އެވެ. އަދި ކާބޯތަކެތި ފޯރުކޮށް ދިނުމުގައި އެމެރިކާގެ ނުވަ ހެލިކޮކްޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ހެއިޓީން ހާލުގައި ޖެހުނު މީހުންނާއި ކާބޯތަކެއްޗާއި ބޭސް އަދި ފެން ފޯރުކޮށް ދިނުމަށް 6.9 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރެޑް ކްރޮސް އިން ވަނީ ބުނެފަ އެވެ. ހެއިޓީގެ ނަރުދަމާ ނިޒާމު ހަލާކުވެފައިވާތީ އެ ގައުމުގައި ކޮލެރާ ފަދަ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ރެޑް ކްރޮސް އިން ވަނީ ދީފަ އެވެ.
ހެއިޓީ އަށް ބާރުގަދަ ތޫފާނެއް އަރާފައި މި ވަނީ 2010 ވަނަ އަހަރު އެ ގައުމަށް އައި ބިންހެލުމުގައި ލިބުނު ގެއްލުމުން އަރައިނުގަނެ އުޅެނިކޮށެވެ.