އުރަމަތީ ކެންސަރާ ދުރުކޮށްދޭ ތިން ކަމެއް
އުރަމަތީ ކެންސަރާ ދުރުކޮށްދޭ ތިން ކަމެއް

އުރަމަތީ ކެންސަރަކީ އަންހެނުންނަށް އެންމެ އާންމު އެއް ކެންސަރެވެ. އެ ވޭނުގައި އެތައް ބައެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ.

އެމެރިކަން އިންސްޓްޓިއުޓް ފޯ ކެންސަ ރީސާޗް (އޭއައިސީއާރް) އިން އަންދާޒާކުރާ ގޮތުގައި އެ ގައުމުގައި އުރަމަތީ ކެންސަރު ޖެހޭ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއް ބައި މީހުންނަކީ، އެކަށީގެންވާ ގޮތުގައި ހަށިގަނޑަށް ބަލައިގެން އުޅޭ ނަމަ އެ ބަލިން ރައްކާތެރި ވެވޭނެ މީހުންނެވެ.

ކެންސަރަކީ ހަމަ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ކަމަކަށް ވިޔަސް އޭއައިސީއާރް އިން ބުނަނީ އެކަށީގެންވާ ބަރުދަނެއްގައި ހުރުމާއި ކަސްރަތު ކުރުމާއި ރަލާއި މަސްތުވާތަކެއްޗާ ދުރުވުމަކީ އުރަމަތީ ކެންސަރުން ސަލާމަތްވެ ތިބުމަށް މުހިންމު ތިން ކަންތައް ކަމަށެވެ.

"ކެންސަރު ނުޖެހޭނެ ކަށަވަރު އެއްވެސް ގޮތެއް ނޯންނާނެ. އެކަމަކު ކެންސަރާ ދުރުވުމަށް އަންހެނުންނަށް ކޮންމެ ދުވަހަކު ވެސް ކުރެވިދާނެ ކަންތައްތަކެއް ހުންނާނެ. އެއީ އުރަމަތީ ކެންސަރާއި އެހެން ބާވަތްތަކުގެ ކެންސަރުން ވެސް ސަލާމަތްވުމުގެ ފުރުސަތު ބޮޑުކުރުމަށް،" އޭއައިސީއާރްގެ ނިއުޓްރިޝަން ޕްރޮގްރާމްސް ހެޑް އެލިސް ބެންޑަ ވިދާޅުވެފައިވެ އެވެ.

އޭއައިސީއާރްގެ ނިއުސް ރިލީޒެއްގައި ބެންޑާ ވިދާޅުވި ގޮތުގައި އުރަމަތީ ކެންސަރުން ދުރުވުމަށް އެކަށީގެންވަ ބަރުދަނެއްގައި ހުރުން ވަރަށް މުހިންމެވެ. އޭނާ ވިދާޅުވީ އުރަމަތީ ކެންސަރު ޖެހުމުގެ ގާތްގަނޑަކަށް 20 ޕަސެންޓް ހިއްސާކުރަނީ ހަށިގަނޑުގައި އިތުރުވެފައި ހުންނަ ފެޓް ކަމަށެވެ. އަދި ބަރުދަން މާބޮޑަށް އިތުރުވެ އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުން އުރަމަތީ ކެންސަރުގެ ނުރައްކާ 10 ޕަސެންޓަށް އިތުރުވެގެންދާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ބެންޑާ ލަފާ ދެއްވަނީ ފަރުވާއެއް ނެތް ކެންސަރާ ވީހާ ވެސް ދުރުވުމަށް، ކޮންމެ ދުވަހަކު ވެސް އާދައިގެ ގޮތަކަށް ބައި ގަޑިއެއްހާއިރު ކަސްރަތު ކުރުމަށެވެ. ކަސްރަތު ކުރުމުން ފެޓް ނައްތާލެވުމާ އެކު ހަށިގަނޑުގެ ދިފާއީ ބާރު ގަދަކޮށްދޭނެ ކަމަށް ބެންޑާ ވިދާޅުވި އެވެ.

ކިތަންމެ މަދުން ރާ ބުއި ކަމުގައި ވިޔަސް އުރަމަތީ ކެންސަރުގެ ނުރައްކާ އެތައް ގުނަޔަކަށް އިތުރުވެގެންދާ ކަމަށް ބެންޑާ ވިދާޅުވި އެވެ.

ގާތުން ކިރު ދޭ މައިންނަށް ވެސް އުރަމަތީ ކެންސަރުގެ ނުރައްކާ ކުޑަވާކަން ބެންޑާ ފާހަގަކުރައްވަ އެވެ.