09 އޮކްޓޯބަރ 2016 - 06:09

ސެޕްޓެމްބަރު 1998 ގައި ސަލްމާން ޚާން "ހަމް ސާތު ސާތު ހޭ" ކުޅެން ޖޯދްޕޫރަށް ގޮސް ހުރިއިރު ޖަންގައްޔެއް ތެރެއިން ޗިންކާރާ ކިޔާ ފުއްލާގެ ވައްތަރެއް ޝިކާރަކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދައުވާއާ ގުޅޭ މައްސަލައެއްގައި ޓީވީ ޗެނަލަކާ ދެކޮޅަށް 100 ކްރޯޑު (1000 މިލިއަން ރުޕީޒް)ގެ އަބުރުގެ ދައުވާއެއް ސަލްމާން ކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ބޮމްބޭ ހައިކޯޓަށް ސަލްމާންގެ ވަކީލުން މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮގަސްޓް މަހު އެވެ. މި ދައުވާގައި ބުނެފައިވަނީ މަނާ ޖަނަވާރު ޝިކާރަކުރިކަމަށް ބުނާ މައްސަލައާ ގުޅިގެން އެ ޗެނަލުން ހިންގާފައިވާ ސިއްރު އޮޕަރޭޝަނުން އޭނާގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭނެ ކަމަށެވެ.
ސަލްމާން ބޭނުންވަނީ އެ އޮޕަރޭޝަން ޗެނަލުން ނުދެއްކުމަށެވެ. ސަބަބަކީ އެ ދައްކައިފި ނަމަ އާއްމުންގެ ކުރިމަތީގައި އޭނާގެ އަގު ވެއްޓޭނެތީ އެވެ.
ސްޓިންގް އޮޕަރޭޝަން ހިންގި ޗެނަލުން ކުރިން ބުނެފައި ވަނީ ސަލްމާން ޖަނަވާރަށް ބަޑި ޖަހަނިކޮށް ދުށް ބައެއް ހެކިންގެ ހެކިބަސް އެމީހުން މި ސްޓިންގް އޮޕަރޭޝަންގައި ނެގި ކަމަށެވެ. ނަމަވެސް ފަހުން ހެކިބަސްދިން މީހުން ވަނީ އެމީހުން އެގޮތަށް ނުބުނާކަމަށް ބުނެފަ އެވެ. އަދި އެމީހުން ވާހަކަ ދެއްކި ކަމަށް ބުނާ ވީޑީއޯ އަކީ ހަދާފައިވާ އެއްޗެއްކަމަށް އެމީހުން ފަހުން ބުނެފައިވެ އެވެ.
އޮގަސްޓް 24 ވަނަ ދުވަހު މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބާއްވާފައިވާއިރު ދައުވާ ލިބޭ ޗެނަލުން އެ ދުވަހު ކޯޓުގައި ބުނީ އެމީހުން ސްޓިންގް އޮޕަރޭޝަންގެ ވީޑީއޯ އާއި ސްކްރިޕްޓް އަދި އެނޫން ވެސް އެކަމާ ގުޅުން ހުރި ހުރިހާ މެޓީރިއަލެއް ފޮހެލައި ނައްތާލައިފި ކަމަށެވެ. އަދި ދެ ފަރާތުން ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ބޭނުންވާކަމަށް ސެޕްޓެމްބަރު މަހު ޓީވީ ޗެނަލުންނާއި ސަލްމާންގެ ވަކީލުން ވެސް ކޯޓުގައި ބުނެފައިވެ އެވެ.
އަންނަ މަހުގެ 18 ވަނަ ދުވަހު މި މައްސަލަ ކޯޓުން ނިންމާނެކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
ރާޖަސްތާން ހައިކޯޓުން މިދިޔަ ޖުލައި މަހު ވަނީ މި ޝިކާރަކުރި މައްސަލައިގައި ސަލްމާނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ އެ މައްސަލައިގައި އޭނާ ކުށްވެރި ނުވާ ކަމަށް ނިންމާފަ އެވެ.