09 އޮކްޓޯބަރ 2016 - 06:14

ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް"ގެ ވަރަށް ފަހުން ރިލީޒްކުރި ލަވައެއް ކަމަށްވާ "ޗަންނާ މެރެޔާ" ގައި އަނުޝްކާ ޝަރުމާ އަޅައިގެން ހުރި އާ ކައިވެނީގެ ހެދުމުގައި 17 ކިލޯގެ ބަރުދަން ހުރި ކަމަށް އޭނާ ބުނެފި އެވެ.
އެ ހެދުމުގައި އަނުޝްކާ ހުރިއިރު ކިތަންމެ ރީތިކޮށް ފެނުނު ނަމަވެސް އެ ހެދުން އަޅައިގެން އޭނާ އުޅޭނެ ހާލު ވިސްނާލަން ވެސް ދަތިވާނެކަމަށް އޭނާ ބުންޏެވެ.
އަނުޝްކާ ބުނި ގޮތުގައި އާ ކައިވެނީގެ ހެދުން އެޅިޔަސް އަލަށް ކައިވެނިކުރާ އަންހެނެއްގެ އިހްސާސެއް މި ހެދުމުގެ ބަރުކަމުން ނުކުރެވުނެވެ. ހެދުން ބަރުކަމުން ގޮސް ހުރީ އެއިން ސަލާމަތް ވެވޭނެ އިރެއްގެ އިންތިޒާރުގައި ކަމަށް އަނުޝްކާ ބުނެފައިވެ އެވެ.
ނަމަވެސް ލަވައިގައި އަނުޝްކާ އެ ހެދުން އަޅާލީމާ ހުރިލެއް ރީތިކަމުން، ލަވަ ބެލި ގިނަ ބަޔެއްގެ މޫނަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވި އެވެ.
އަނުޝްކާ އާއި ރަންބީރު ހަރަކާތްތެރިވާ މި ލަވަ ރިލީޒްކުރިތާ 10 ވަރަކަށް ދުވަސްވީއިރު ގާތްގަނޑަކަށް 12 މިލިއަން ފަހަރު ޔޫޓިއުބުން މި ލަވަ ބަލާފައިވެ އެވެ.
އޮކްޓޯބަރު 28 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "އޭ ދިލް ހެ މުޝްކިލް"ގެ މިހާތަނަށް ރިލީޒްކުރި ހުރިހާ ލަވަޔަކަށް ވެސް ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފަ އެވެ.
"އޭ ދިލް ހެ މުޝްކިލް" އަކީ މިއަހަރު ތެރޭގައި ނުކުންނާނެ އެންމެ ރީތި ލޯބީގެ ފިލްމަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.