08 އޮކްޓޯބަރ 2016 - 10:25

ލަންޑަން (އޮކްޓޫބަރު 8) - ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ މޯލްޓާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނަ އިންގްލެންޑުގެ ފުރަތަމަ އެގާރައިގައި މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ އާއި އާސެނަލްގެ ތިއޯ ވޮލްކޮޓް ހިމެނޭ ކަމަށް އިންގްލެންޑް އާ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.
އިންގްލެންޑް ކޯޗުކަމާ ހަވާލުވުމަށް ފަހު ސައުތުގޭޓް ފުރަތަމަ މެޗަށް މިރޭ ނުކުންނައިރު، އޭނާގެ ފުރަތަމަ އެގާރައިން ކެޕްޓަން ވޭން ރޫނީ އަށް ފުރުސަތު ލިބިދާނެ ކަމާ މެދު ސުވާލު އުފެދުނެވެ. އެއީ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ރޫނީ އަށް ފުރުސަތު ގެއްލިފައިވާތީ އެވެ.
"މެޗުގެ ކުރިން ކޮންމެ ބަޔަކު ވެސް އެންމެ އޮޅުންފިލުވަން ނޫނީ އެނގެން ބޭނުންވާނީ ޓީމަށް އަރާ ކުޅުންތެރިން. ރޫނީ ފުރަތަމަ އެގާރައިގައި ކުޅޭނެ. އެއީ މިހާރު ދެެވެން އޮތް މައުލޫމާތަކީ. ފުރަތަމަ އެގާރަ އަށް އަރާ ހުރިހާ ކުޅުންތެރިން ކިޔައިދީގެން އިދިކޮޅު ޓީމަށް ފަސޭހަ ކޮށްދެން ބޭނުމެއް ނޫން. ޔުނައިޓެޑް ފުރަތަމަ އެގާރައިގައި މި ވަގުތު ރޫނީ ނެތް ނަމަވެސް އިންގްލެންޑަށް އޭނާ އަކީ މުހިއްމު ކުޅުންތެރިއެއް،" ސައުތުގޭޓް ބުންޏެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ކެޕްޓަން ރޫނީ ނުގެންދެ އެވެ. ބަދަލުގައި އިންގްލެންޑުން ގެނައީ ވޮލްކޮޓެވެ. ސައުތުގޭޓް ބުނީ ވޮލްކޮޓް ގެނައީ އޭނާ އަކީ ވެސް ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިއަކަށް ވުމުން ކަމަށެވެ.
"އަހަރެން ގާތުގައި މެޗުގެ ކުރިން އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށް ކުޅުންތެރިއެއް ގެންނަން ބުނީ ވަރަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް. ވޮލްކޮޓް ގެނައީ އޭނާ އަކީ ވެސް ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިޔަކަށް ވާތީ،" ކުރިން އިންގްލެންޑަށް ކުޅުނު ސައުތުގޭޓް ބުންޏެވެ.
މިއީ ފާއިތުވި ތިން އަހަރު ތެރޭ ވޮލްކޮޓަށް އިންގްލެންޑުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުނު ތިން ވަނަ ފަހަރެވެ. ވޮލްކޮޓް ބުނީ މިއީ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އަނިޔާގެ ސަބަބުން އަހަރެންގެ ކުޅުމަށް ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އަސަރުކުރި. އެކަމަކު އަބަދުވެސް އުއްމީދު އޮތް. އެހެންވެ މަސައްކަތްކުރީ ޓީމަށް އަލުން އަރަަން އޭގެ ނަތީޖާ މިއީ،" މި ސީޒަނުގައި މިހާތަނަށް އާސެނަލަށް ކުޅެދިން އަށް މެޗުން ފަސް ލަނޑު ޖެހި ވޮލްކޮޓް ބުންޏެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މޯލްޓާއާ ދެކޮޅަށް އިންގްލެންޑު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.