08 އޮކްޓޯބަރ 2016 - 09:15

ފްލޮރެންސް (އޮކްޓޯބަރު 8) - ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ސްޕެއިނާ 1-1 އިން އިޓަލީ އެއްވަރުވި މެޗުގައި ބަދަލު ކުރުމުން އިޓަލީ ފޯވާޑް ގްރަޒިއާނޯ ޕެއްލޭ ކޯޗާ ސަލާމްކުރަން ދެކޮޅު ހަދާފައިވާތީ އޭނާ ޓީމުން ބޭރުކޮށް ގެޔަށް ފޮނުވާލައިފި އެވެ.
އިޓަލީ 1-0 އިން ބަލިވެފައި އޮއްވާ ދެ ވަނަ ހާފުގައި ޕެއްލޭ ބޭލުމުން، ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ސަލާމްކުރަން އަތްދިއްކުރުމުން އޭނާ ވަނީ ސަލާމްނުކޮށް ޗޭންޖިން ރޫމަށް ގޮސްފަ އެވެ. އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ޓީމުގައި ބައިވެރިވާން ފެށޭނީ އޮފިޝަލުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ކުރާ އިހުތިރާމުން ކަމަށާއި ޕެއްލޭ ވަނީ ކޯޗަށް އިހުތިރާމްކުޑަކޮށްފައި ކަމަށެވެ. އެހެންވެ ކޮލިފައިންގައި މާދަމާރޭ މެސަޑޯނިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުން ޕެއްލޭ ބާކީކުރަން ކޯޗާއި ފެޑެރޭޝަނުން ނިންމާފައިވާ ކަމަށް ފެޑެރޭޝަން ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާގެ ގޮތުގައި ޗައިނާގެ ޝަންޑޮން ލުނެން އަށް ކުޅޭ ޕެއްލޭ، 31، އަކީ ދާދި ފަހުން އިޓަލީ ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިއެކެވެ. ކުރިން ޕްރިމިއާ ލީގުގެ ސައުތުހެމްޓަން އަށް ކުޅުނު ފޯވާޑް ވަނީ މި ފަހަރުގެ ޔޫރޯގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެރޭގެ މެޗަށް ފަހު އިޓަލީ ކޯޗު ވެންޗޫރާ ބުނީ ޕެއްލޭ ރުޅިއައީ ބަދަލުކުރުމުން ނޫން ކަމަށާއި އޭނާ ހިތްހަމަނުޖެހުނީ އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަރެންގެ ކެރިއަރުގައި އެފަދަ ބައިވަރު ކަންކަން ފެނިއްޖެ. އެއީ ފުޓްބޯޅައިގައި ހިމެނޭ ކަމެއް. އެކަމަކު އިޓަލީގެ ޖާޒީ ލާ ހިސާބުން އެފަދަ ކަންކަމާ ސަމާލުވާން ޖެހޭ،" ވެންޗޫރާ ބުންޏެވެ.
އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނީ ޕެއްލޭގެ އަމަލާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އެކަމަކު ކޮންމެ މީހަކަށް ވެސް ގޯހެއް ހެދިދާނެ ކަމަށާއި ގަބޫލުކޮށް ޕެއްލޭ އެނބުރި އައުމުން އުފަލަކާ އެކު މަރުހަބާ ކިޔާނެ ކަމަށެވެ.