އިސްތަށި ކަމުން ގޮސް ގޮހޮރު ބެދިއްޖެ
އިސްތަށި ކަމުން ގޮސް ގޮހޮރު ބެދިއްޖެ

މިއީ ދިގު އިސްތަށިގަނޑެއް އޮންނަ ރެޕަންޒެލް އުޅޭ ހިޔާލީ ވާހަކައެއް ނޫނެވެ. އެކަމަކު "ރެޕަންޒެލް ސިންޑްރޯމް" ގެ ސަބަބުން އަންހެނަކު އޭނާގެ އަމިއްލަ ބޮލުން އިސްތަށި ނައްޓައިގެން ކަމުން ގޮސް އެންމެފަހުން ގޮހޮރު ބެދި އެއްވެސް ނުކެވި މީހާ ވަރަށް ބޮޑަށް ބަލިވި ވާހަކަ އެވެ.

އެމެރިކާގެ، އުމުރުން 38 އަހަރުގެ މި މީހާގެ ބަނޑާއި ގޮހޮރުގައި އިސްތަށީގެ ބޮޑު ބޯޅައެއް އޮތްކަން އެނގުނީ އެ މީހާ ކުއްލިއަކަށް ހޮޑުލާން ފަށައި ބަނޑު ހަރުވުމުގެ މައްސަލަ ކުރިމަތިވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. ބަނޑުގައި ވެސް ވަނީ ވަޔާއި ފެން ހެދިފަ އެވެ.

މި މީހާ ޑޮކްޓަރާ ހަމަޔަށް ދިޔައިރު ރަނގަޅަށް އެއްޗެއް ނުކެވޭތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށް ބީބީސީ އިން ބުންޏެވެ. އަދި އަށް މަސް ދުވަހުގެ ތެރޭގައި ހަށިގަނޑުން ހަ ކިލޯ ލުއިވެފައިވާ ކަމަށްވެ އެވެ.

ބީއެމްޖީ ކޭސް ރިޕޯޓްސްގައި އެރިޒޯނާގެ ޑޮކްޓަރުން ވިދާޅުވެފައި ވަނީ އަންހެން މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ނިކަމެތިވެފައި ހުރުމުން އެންމެ ފުރަތަމަ ޖެހުނީ ލޭ އަޅަން ކަމަށެވެ. ފުއްޕާފައިވާ ބަނޑުގައި 6 އިންޗި، 4 އިންޗީގެ އިންޗީގެ އިސްތަށި ބޮނޑިއެއް އޮތުުމުން އެ ނަގަން ޖެހުނެވެ. އަދި ސާޖަރީގެ ތެރޭގައި ގޮހޮރުން ވަނީ 1.5 އިންޗި، 1 އިންޗީގެ އިސްތަށި ގުޅައެއް ފެނިފަ އެވެ.

މި އިސްތަށިތައް ނެގުމަށް ފަހު އަންހެން މީހާ އަށް މިހާރު ދަނީ ޕްރޮޓީންސް ގިނައިން ހުންނަ ކާނާ ދީ ގައިގައި ވަރުޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

"ރެޕަންޒެލް ސިންޑްރޯމް" އަކީ ވަރަށް ނާދިރު ސިއްހީ މައްސަލައެކެވެ. ބީބީސީގައި ބުނެފައިވާ ގޮތުގައި މިހާރަށް ފެނިފައި ވަނީ މީގެ 88 މީހެކެވެ. މިކަން ގިނައިން ދިމާވަނީ ކުޑަކުދިންނަށެވެ. އެގޮތުން 40 ޕަސެންޓަކީ 10 އަހަރުން ދަށުގެ ކުދިންނަށް މިކަން ދިމާވާ ހާލަތްތަކެވެ.