01 ޖޫން 2016 - 10:31

ޕްރިޔަންކާ ޗޯޕްރާ ކުޅެމުންދާ ހޮލީވުޑް ފިލްމް "ބޭވޮޗް"ގެ ޝޫޓިން އާއި އެމެރިކާ ޓީވީ ސީރީޒް "ކުއަންޓިކޯ"ގެ މަސައްކަތް ނިންމާލުމަށްފަހު އޭނާ ވަނީ އެނބުރި މުމްބައިއަށް ގޮސްފަ އެވެ. މިފަހަރު އޭނާ މުމްބާއީގައި 10 ދުވަހު ހުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕްރިޔަންކާ ބުނި ގޮތުގައި "ބޭވޮޗް"ގެ ޝޫޓީން ވަނީ މުޅިން ނިމިފަ އެވެ. އަދި އަންނަ އަހަރުގެ މޭ މަހު ފިލްމު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. "ކުއަންޓިކޯ"ގެ ވެސް ފުރަތަމަ ސީޒަންގެ ޝޫޓީން ނިމިއްޖެކަމަށާއި ދެ ވަނަ ސީޒަންގެ ޝޫޓިންގް ފެށުމަށް ޖުލައި މަހު އެނބުރި އެމެރިކާއަށް ދާނެ ކަމަށެވެ.
ޕްރިޔަންކާ މިފަހަރު އިންޑިއާ އަށް ދިޔައީ "ކުއަންޓިކޯ"ގައި އޭނާއާ އެކު ބައިވެރިވާ ޔާސްމީން އަލް މަސްރީ ގޮވައިގެންނެވެ.
ފާއިތުވީ 10 މަސް ދުވަސް ޕްރިޔަންކާ ހޭދަކޮށްފައި ވަނީ އޭނާގެ އިންޓަނޭޝަނަލް ޕްރޮޖެކްޓުތަކުގެ މަސައްކަތުގައި އެމެރިކާގަ އެވެ. އެގޮތުން "ކުއަންޓިކޯ"ގައި އެލެކްސް ޕެރިޝް ކިޔާ އެފްބީއައި އެޖެންޓެއްގެ ރޯލު އޭނާ އަދާކުރާއިރު "ބޭވޮޗް"ގައި ކުޅެނީ ވިކްޓޯރިއާ ލީޑްސް ކިޔާ ނެގެޓިވް ކެރެކްޓާ އެކެވެ.
ޕްރިޔަންކާ ބުނި ގޮތުގައި އިންޑިއާގައި މިފަހަރު ހޭދަކުރާ ދުވަސްކޮޅުގައި އޭނާ ދެން ކުޅޭނެ ހިންދީ ފިލްމުތަކެއް ނިންމާނެ އެވެ. އަދި އެއްވެސް ފިލްމެއް ކުޅެން ނިންމާފައި ނުވާނެކަމަށް އޭނާ ބުންޏެވެ.
ޕްރިޔަންކާ އެންމެ ފަހުން ކުޅެފައިވާ ހިންދީ ފިލްމު "ޖެއި ގަންގާޖަލް"އަށް ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއް ކޮށްފައިވެ އެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި ސަންޖޭ ލީލާ ބާންސާލީ މިހާރު ފަށަން ތައްޔާރުވަމުންދާ "ގުސްތާހިޔާން" އާއި ރާނީ ޕަދްމާވަތީގެ ހަޔާތުގެ މައްޗަށް ތައްޔާޜުކުރީ ތާރީޚީ ހާދިސާތަކެއް އެކުލެވޭ ފިލްމުގެ ބަތަލާގެ ރޯލު ލިބިފައިވަނީ ޕްރިޔަންކާ އަށެވެ.
އަދި އަދިތުޔާ ޗޯޕްރާ އާއި ބޯނީ ކަޕޫރު ގުޅިގެން އުފައްދާ "ސިކްނީ" އާއި އަބިނޭ ޑެއޯގެ ސުޕަވުމަން ފިލްމު ވެސް ޕްރިޔަންކާ ސޮއިކުރާނެ ވަގުތެއްގެ އިންތިޒާރުގައި އޮތް ކަމަށްވެ އެވެ.