ޔޫޓިއުބް ހިޖާބް ބްލޮގާޒް ފޮލޯކުރާ މީހުންނަށް ހަބީބާ ޑަ ސިލްވާ އަކީ އާ ނަމެއް ނޫނެވެ. ލުބްނާނާއި ބްރެޒިލަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ ހަބީބާ އޭނާގެ ބްލޮގްގައި އެކި ގޮތްގޮތަށް މޭކަޕް ޖައްސާނެ ގޮތާއި ބުރުގާ ސްޓައިލްކުރާނެ ގޮތްތައް ވެސް ހިއްސާކުރެ އެވެ.

ޔޫޓިއުބް ތަރިއެއްގެ އިތުރުން ބުރުގާ ޑިޒައިނަރެއްގެ ގޮތުގައި ވެސް ހަބީބާ ފާހަގަވެއްޖެ އެވެ. އޭނާގެ "ސްކިން" ބުރުގާ ކަލެކްޝަންގައި ހަމުގެ އެކި ކުލަތަކާ ގުޅޭ ބުރުގާ ހިމެނެ އެވެ. ހަބީބާ މި ކަލެކްޝަން ތައްޔާރުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، އެކި ނަސްލުތަކަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށްގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

"ކުޑައިރުންސުރެން އެކި ސަގާފަތްތަކަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރޭ. އެއީ އަހަންނަނީ ދެ ވައްތަރެއްގެ ސަގާފަތަކަށް ނިސްބަތްވާ މީހަކަށް ވާތީ. އެއީ އަބަދުވެސް އަހަރެން ވަރަށް ގަޔާވާ ކަމެއް،" ހަބީބާ ބުނެފައިވެ އެވެ.

ކުލަ މަޑު ބުރުގާއިން ފެށިގެން އެންމެ ގަދަ ކުލަތައް ހަބީބާގެ ކަލެކްޝަންގައި ހިމެނެ އެވެ. އޭގެ ތެރެއިން ޒައްފެ، ރުކްސަތި، އަރޫސައްދަ އަދި އައުރެ އަކީ އަރަބި، އުރުދޫ، ސޮމާލިއާ އަދި ހައުސާ ފަދަ ހިސާބުތަކަށް ނިސްބަތްވާ ސަގާފީ ނަންތަކެކެވެ.

އޭނާ ބުނެފައިވާ ގޮތުގައި ގިނަ ކުންފުނިތަކުން ބޭނުންކުރަނީ ހަމުގެ ކުލަ އަލި މޮޑެލުންނެވެ. އަދި ގިނަ ބުރުގާ ފަރުމާކޮށްފައި ވަނީ ހަމުގެ ކުލަ އަލި މީހުންްނާ ގުޅޭ ގޮތަށެވެ. ހަމުގެ އެކި ކުލަތަކާ ގުޅޭ ހިޖާބްގެ އިތުރުން މޮޑެލުން ވެސް ބޭނުންކޮށްފައި ނެތުމުން، ހަބީބާގެ ސްކިން ކަލެކްޝަން ފަރުމާކުރީ އެ ހުސްކަން ފުރާލުމަށެވެ. އޭނާގެ ކަލެކްޝަންގައި ފިރިހެނުންނަށް އަޅާލެވޭނެ ޝޯލް ވެސް ހިމެނެ އެވެ.

ހަބީބާ ފަރުމާކުރި، 100 ޕަސެންޓް ކޮޓްންގެ ބުރުގާގެ އަގަކީ 20 ޕައުންޑެވެ. އެއީ 370 ރުފިޔާ އެވެ. ހަބީބާގެ ކަލެކްޝަން ވިކި ހުސްވެފައިވާއިރު ގިނަ މީހުން ބުނެފައިވާ ގޮތުގައި ބުރުގާ އަކަށް 20 ޕައުންޑް ވަރަށް އަގު ބޮޑެވެ. އެއީ އާދަވެގެން ބުރުގާއެއް ގަންނަނީ 12 ނުވަތަ 15 ޕައުންޑަށް ކަމަށް ވާތީ އެވެ.

ހަބީބާގެ ސްކިން ކަލެކްޝަން ރަނގަޅު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެކަމަކު އަގު ބޮޑުކަމުގެ ޝަކުވާ ގިނަ އެވެ.