07 އޮކްޓޯބަރ 2016 - 12:00

ރިއޯ ޑި ޖެނީރޯ (އޮކްޓޫބަރު 7) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބޮލިވިއާ އަތުން 5-0 އިން ބްރެޒިލް ބޮޑު މޮޅެއް ހޯދިއިރު، ޕެރޫއާ 2-2 އިން އެއްވަރުވެ އާޖެންޓީނާ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

ރޭގެ މެޗުތަކަށް ފަހު ދެކުނު އެމެރިކާ ކޮލިފައިން ޓޭބަލްގެ އެއް ވަނައިގައި އުރުގުއޭ އޮތީ ރޭ 3-0 އިން ވެނެޒުއޭލާ ބަލިކޮށް ކުޅުނު ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ބްރެޒިލް އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު އެވެ.
ޕެރޫ އަތުން މޮޅު ނުވެވުމުން އާޖެންޓީނާ ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެއީ ތިން ވަނައިގައި އޮތް ކޮލަމްބިއާ އާއި ހަތަރު ވަނައިގައި އޮތް އެކުއެޑޯއާ އެއްވަރަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް އާޖެންޓީނާގެ ފައިދާ ލަނޑު މަދުވުމުންނެވެ. ކޮލަމްބިއާ އާއި އެކުއެޑޯ އަދި އާޖެންޓީނާ އަށް ވެސް ނުވަ މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.
ބޮލިވިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ލަނޑުތައް ކާމިޔާބުކުރީ ނޭމާ، ފިލިޕޭ ކޯޓީނިއޯ، ފިލިޕޭ ލުއިޒް، ގަބްރިއެލް ޖީސަސް އަދި ރޮބާޓޯ ފިރްމީނިއޯ އެވެ. ރޭގެ މެޗުގައި ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، މި މެޗުގައި އޭނާ ޖެހި ލަނޑާ އެކު ވަނީ ބްރެޒިލަށް 49 ލަނޑު ހަމަކޮށްފަ އެވެ. ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތީ 77 ލަނޑާ އެކު ކުރީގެ ތަރި ޕެލޭ އަތުގަ އެވެ.
މި މޮޅާ އެކު ބްރެޒިލުން ވަނީ އެ ޓީމުގެ އާ ކޯޗު ޓިޓޭގެ އިރުޝާދުގެ ދަށުން ޖެހިޖެހިގެން ތިން މެޗުން މޮޅުވެފަ އެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން ލިއޮނަލް މެސީ ނުލައި ޕެރޫއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 15 ވަނަ މިނިޓްގައި އެވަޓަންގެ ޑިފެންޑަރު ފުނެސް މޯރީ އެވެ. ދެ ވަނަ ހާފް ފެށިގެން 13 މިނިޓް ތެރޭ ޕެރޫ އަށް އެއްވަރުކޮށްދިނީ ޕައޮލޯ ގަރޭރޯ އެވެ.
މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް އާޖެންޓީނާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ގޮންޒާލޯ ހިގުއައިން އެވެ. އޭގެ އަށް މިނިޓް ފަހުން ޕެރޫ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއަން ކުއެވާ އެވެ.