5000 މީޓަރު ދުވުމުން އެއް ވަނަ ފަޒީލާއި މަރީ އަށް
5000 މީޓަރު ދުވުމުން އެއް ވަނަ ފަޒީލާއި މަރީ އަށް

ގައުމީ އެތުލެޓިކްސްގެ މުބާރާތުގެ 5000 މީޓަރު ދުވުމުގެ ފިރިހެން ރޭހުން އެއް ވަނަ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫން އަދި އަންހެން ރޭހުން އެއް ވަނަ ރަނާސް މޯލްޑިވްސްގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ހޯދައިފި އެވެ.

5000 މީޓަރު ދުވުމުން އެއް ވަނަ ފަޒީލާއި މަރީ އަށް
5000 މީޓަރު ދުވުމުން އެއް ވަނަ ފަޒީލާއި މަރީ އަށް

ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ދުވުމުގެ ރޭސް ކަމަށްވާ "ރެޑްބުލް ކެޗް ދަ ފެރީ" ރޭސް މިދިޔަ މަހު ކާމިޔާބުކުރި ފަޒީލް، ގައުމީ މުބާރާތުގެ 5000 މީޓަރު ރޭހުން އެއް ވަނަ ހޯދީ 16 މިނެޓު 45 ސިކުންތުން ދުވެގެންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ލޯންގް ޑިސްޓެންސް ދެ ދުވުންތެރިން ކަމަށްވާ ސިފައިންގެ ކްލަބުގެ ޝިފާޒް މުހައްމަދާއި އަހުމަދު ރިޒާ ފަހަަތަށް ޖައްސާލުމަށް ފަހު ދެ ވަނަ ހޯދީ ތިނަދޫ ޒުވާނުންގެ ކްލަބުގެ ޒައިދު ޝަރީފެވެ. އޭނާގެ ޓައިމިން އަކީ 17 މިނެޓު 9 ސިކުންތެވެ. ޝިފާޒް ތިން ވަނަ އަށް ރޭސް ނިންމީ 17 މިނެޓު 38 ސިކުންތުން ދުވެގެންނެވެ. ރާއްޖޭގެ ހާފް މެރެތަން ގައުމީ ރެކޯޑް ކުރިން ހަދާފައިވާ ރިޒާ ހަތަރު ވަނަ އަށް ދިޔައިރު އޭނާގެ ޓައިމިން އަކީ 18 މިނެޓު 2 ސިކުންތެވެ. ރެޑްބުލް ކެޗް ދަ ފެރީ 2014 ވަނަ އަހަރު ކާމިޔާބުކުރި ރަނާސް މޯލްޑިވްސްގެ ހަސަން ފައިހަތު ގުދުރަތުﷲ ފަސް ވަނަ އަށް ދިޔައިރު އޭނާ އަށް ރޭސް ނިންމުނީ 18 މިނެޓު 32 ސިކުންތުންނެވެ.

ހީޓް ހެލްތު އެންޑް ފިޓްނަސްގައި މަސައްކަތްކުރާ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު މަރީ، އަންހެނުންގެ 5000 މީޓަރު ރޭސް ކާމިޔާބުކުރީ 21 މިނެޓު 52 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި ޒިފިއަސް ސްޕޯޓްސް ކްލަބުގެ އީނާޝް ނަސީމް ރޭސް ނިންމީ 25 މިނެޓު 7 ސިކުންތުންނެވެ. އަދި މި އިވެންޓުން ތިން ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބުގެ އައިޝަތު ނަޒްނީން އެވެ. އޭނާ ރޭސް ނިންމި ވަގުތަކީ، 26 މިނެޓު 42 ސިކުންތެވެ.

މުބާރާތުގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭގެ ފައިނަލް ވެސް ރޭ އޮތެވެ. ފިރިހެން ބައިން އެއް ވަނަ ހޯދީ 3 މިނެޓު 32:04 ސިކުންތުން ރޭސް ނިންމި ދިވެހި ސިފައިންގެ ކްލަބެވެ. ތިނަދޫ ޒުވާނުންގެ ކްލަބް ދެ ވަނަ ހޯދީ 3 މިނެޓު 34:77 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ތިން ވަނަ އަކީ ރަނާސް މޯލްޑިވްސް އެވެ. އެ ޓީމުގެ ދުވުންތެރިން ރޭސް ނިންމީ 3 މިނެޓު 48:83 ސިކުންތުންނެވެ.

މި އިވެންޓުގެ އަންހެން ބައިން އެއް ވަނަ ހޯދީ ޒިފިއަސް އެވެ. އެ ޓީމުގެ ދުވުންތެރިންގެ ވަގުތަކީ 4 މިނެޓު 33:39 ސިކުންތެވެ. އަދި 4 މިނެޓު 49:82 ސިކުންތުން ރޭސް ނިންމައި ކަސްޓަމްސް ރިކްރިއޭޝަން ކްލަބް ދެ ވަނަ ހޯދިއިރު ތިން ވަނަ މަގާމް ހާސިލްކުރީ ކޭވައި ސްޕޯޓްސް އެކަޑަމީ އެވެ. އެ ޓީމުގެ ދުވުންތެރިންގެ ޓައިމިން އަކީ 4 މިނެޓު 54:01 ސިކުންތެވެ.