އެހެން މީހުންނަށް ބަރޯސާވުން ހުއްޓާލައިފިން: ކެޓުރީނާ
އެހެން މީހުންނަށް ބަރޯސާވުން ހުއްޓާލައިފިން: ކެޓުރީނާ

ބޮލީވުޑްގެ އެންމެ ސިއްރުން ފުރިފައިވާ އަދި އެންމެ ރޮމެންޓިކް ލޯބީގެ ހާދިސާތައް ހިނގާފައިވަނީ ކެޓުރީނާ ކައިފް އާއި އެކިއެކި އެކްޓަރުންގެ މެދުގަ އެވެ. އެގޮތުން ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ ލޯބީގެ ވާހަކަ އަކީ ވަރަށް ގިނަ އަޑިގަނޑުތަކާއި އުސްގަނޑުތައް ކުރިމަތިވި، ފިލްމެއް ތައްޔާރުކޮށްލަން ވަރަށް ރަނގަޅުވާނެ ވާހަކަ ތަކެކެވެ.

ރަންބީރު އާއި ކެޓުރީނާ ރުޅިވި ކަމަކަށް އެ ދެ އެކްޓަރުން އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް ދާދިފަހުން ކެޓުރީނާ މުމްބައި ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި މިކަމާ ގުޅޭ ބައެއް ތަފްސީލުތައް ކިޔައިދީފައިވެ އެވެ.

ކެޓުރީނާ ބުނީ ބައެއް މީހުންނަށް އެމީހުންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް އެހެން މީހުންނަށް ކިޔައިދިނުމަކީ އެހާ އުނދަގޫ ކަމަކަށް ނުވިޔަސް އޭނާ އަށް އެކަހަލަ ކަންތައް އެހާ ފަސޭހަ ނޫން ކަމަށެވެ. އޭނާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ދައްކާ ވާހަކައަކުން އެހެން މީހަކު ހިތްހަމަނުޖެހި ޒުވާބަކަށް ދާން ޖެހިދާނެތީ އެވެ. އެހެންކަމުން އޭނާގެ މައްސަލަތައް ވީވަރަކުން ފޮރުވަން މަސައްކަތް ކުރާކަމަށް ކެޓުރީނާ ބުންޏެވެ.

އޭނާއަކީ އެހާ ރިޒާވް މީހެއް ނޫން ކަމަށާއި ނަމަވެސް އޭނާއާއެކު ދެން ހުރި މީހާއަކީ އޭނާގެ ކޮންޓްރޯލްގެ ދަށުގައިވާ މީހެއް ނޫން ނަމަ އޭނާއަށް ވެސް ރިޒާވް މީހަކަށް ވާން ޖެހޭ ކަމަށް ކެޓުރީނާ ބުންޏެވެ.
ކެޓުރީނާ އިތުރަށް ބުނީ އެއްވެސް މީހަކާ މާބޮޑަށް ގުޅިގެން އެމީހަކަށް ޑިޕެންޑްވެގެން އުޅޭކަށް އޭނާއަށް ދެނެއް ބޭނުމެއް ނުވެ އެވެ. ފިލްމު އިންޑަސްޓްރީގައި އުޅޭއިރު ބައެއް ފަހަރަށް ކުރާ މަސައްކަތާއި ޒާތީ ދިރިއުޅުން މާބޮޑަށް އެކައްޗަކަށްވާގޮތް ދިމާވާ ކަމަށާއި ދެން އެގޮތަށް މީހުންނާ އެކުވެރި ނުވަން އޭނާ ނިންމާފައިވާ ކަމަށް ވެސް ކެޓުރީނާ ބުންޏެވެ.