06 އޮކްޓޯބަރ 2016 - 17:10

ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަ މަސް ދުވަހަށް ސަސްޕެންޑް ކުރަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އާންމުންގެ މެދުގައި ކޯޓާއި ގާޒީންނާ މެދު ނުބައި ތަސައްވަރެއް ދީ، ގާޒީންގެ އަގު ވައްޓާލައި ޝަރުއީ ދާއިރާއާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ތަފާތު އެކި ފަހަރުމަތިން ނާޒިމް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ކޯޓުގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ސޮއިކުރައްވައި ނެރުއްވި ލިޔުމުގައި ވަނީ ނާޒިމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަން ރަނގަޅުކުރައްވާފައި ނުވާ ކަމަށެވެ. ނާޒިމްގެ އެ އަމަލުތަކަކީ ގާނޫނީ ވަކީލުންގެ ސުލޫކީ އިމުން ބޭރުވެފައިވާ އަމަލުތަކެއްގެ ގޮތުގައި އެ ކޯޓުން ވަނީ ސިފަކޮށްފަ އެވެ.
އެހެންވެ މިއަދުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލް ފަހެއްގެ ނިޔަލަށް ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ނާޒިމް ބަލައި ނުގަންނާނެ ކަމަށް އެ ކޯޓުން ބުންޏެވެ.
ނާޒިމަކީ ސިޔާސީ ބައެއް ލީޑަރުންގެ ދިފާއުގައި ވަކާލާތު ކުރައްވަމުން އަންނަ ބޭފުޅެކެވެ. އާންމުންގެ މެދުގައި ކޯޓާއި ގާޒީންނާ މެދު ނުބައި ތަސައްވަރެއްދީ، ގާޒީންގެ އަގު ވައްޓާލައި ޝަރުއީ ދާއިރާއާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފައްދާތީ މީގެ ކުރިން ވެސް ބައެއް ވަކީލުން ސަސްޕެންޑްކޮށްފައިވެ އެވެ.