06 އޮކްޓޯބަރ 2016 - 16:43

ޓާޓާ ފްލެޓްތަކަށް ހޮވިފައިވާ މީހުންގެ ތެރެއިން 147 މީހަކަށް ލިބޭ ފްލެޓްތައް ކަނޑައެޅުމަށް މިއަދު ހަވީރު ގުރުއަތު ނެގުން ބާއްވަން ހަމަޖެއްސުމަށް ފަހު ޝަކުވާތަކެއް ލިބިގެން ފަހު ވަގުތު ކެންސަލްކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

ގާކޮއްޓާއި އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ހަވާލުކުރުމަށް ގުރުއަތުލުން ބާއްވަން ހަމަޖައްސާފައި އޮތީ މިއަދު ހަވީރު 4:00 ގައި ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގަ އެވެ.

ގުރުއަތުލުން ފަސްކުރުމާ ގުޅޭ ގޮތުން އެޗްޑީސީގެ ޑިރެކްޓަ ފައިނޭންސް އަލީ ޝަރީފް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ފަރާތުން ޝަކުވާތަކެއް އުޅޭތީ ގުރުއަތު ނެގުން އަންނަ ހަފުތާ އަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އަލުން ގުރުއަތު ނަގާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ހައުސިން އިން ފޮނުވާފައިވާ ލިސްޓް އަލުން ރިވިއުކުރަން ނިންމާފައި ވަނީ. އެހެން ހަދަން ޖެހުނީ ގުރުއަތުލުން ބާއްވައިފި ނަމަ އެކަން ހައްލުކުރަން އުނދަގޫވާނެތީ. އެހެންވެ މިއަދު މި ހެދީ އެ ތަނުގައި ރެޖިސްޓްރޭޝަނެއް. ރެޖިސްޓްރޭޝަން ކުރިއަށް ގެންދިޔަ ނަންބަރު ތަރުތީބުން ގުރުއަތުލުން ކުރިއަށް ގެންދާނީ،" އަލީ ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ލިސްޓް ރިވިއުކުރި ނަމަވެސް ބަޔަކު އުނިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި ގުރުއަތުލުމުގެ ބަދަލުގައި މިއަދު ކުރިއަށް ގެންދާނީ ރަޖިސްޓްރޭޝަންގެ މަސައްކަތް ކަމަށް ގުރުއަތުލާން ގޮސް ތިބި މީހުންނަށް އަންގާފައިވާނެ ކަމަށް ވެސް އަލީ ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު ގުރުއަތުލާން ނިންމީ ހައުސިން އިން ފޮނުވި ލިސްޓަށް. ބާކީ ހުރި ފްލެޓްތަކުގެ މީހުންގެ ލިސްޓް އަދި އަޅުގަނޑުމެންނަށް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ ފްލެޓް އިމާރާތަށް ހޮވުނު މީހުންގެ ތެރެއިން 147 މީހެއްގެ މެދުގައި ގުރުއަތުލުން މިއަދު ބާއްވަން ނިންމުން އެ ފްލެޓްތަކަށް ހޮވިފައިވާ އެކި ފަރާތްތަކުން އެ ޝަކުވާކުރި ކަމަށެވެ.
މި އަހަރުގެ މާޗް މަހު ނިމުނު ފްލެޓްތަކަށް ހޮވިފައިވާ މީހުން ވަންނާނެ ފްލެޓްތައް ކަނޑައެޅުން ލަސްވީ، އެތަން އިމާރާތްކުރި އެޕެކްސް ރިއަލިޓީ އަށް ދައްކަން ޖެހޭ 277 މިލިއަން ރުފިޔާ ނުދެއްކިގެންނެވެ.
ސަރުކާރުން ފަހުން ވަނީ އެ ފްލެޓްތައް އެޗްޑީސީއާ ހަވާލުކޮށް، ސަރުކާރުން ނެގި ލޯނެއްގެ ދަށުން އެޕެކްސް ރިއަލިޓީ އަށް ފައިސާ ދައްކައިފަ އެވެ. ދެ އިމާރާތް ތަރައްގީކުރި އެޕެކްސް ރިއަލިޓީ އަކީ ޓާޓާ ހައުސިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ޝަރީފް ވިދާޅުވީ 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ބޭންކްތަކުން ހަމަޖައްސައިދޭނެ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފްލެޓްތަކުގެ އަގު ދެ މިލިއަނަށް ވުރެ ބޮޑު ނުވާ ގޮތަށް އަގު ކަނޑައެޅުމަށް ވެސް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ތިން ކޮޓަރީގެ ފްލެޓެއް މާލޭގައި ދެ މިލިއަން ރުފިޔާއަށް ވުރެ ކުޑަވުމަކީ، މާކެޓްގެ އަގަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ދަށް ވުމެކެވެ. އަަރަބިއްޔާ ހުރި ބިމުގައި ހެދި މާލޭ ގްރޭންޑްގައި 90 ފްލެޓް، ގާކޮށީގައި ތަރައްގީކުރި މާލޭ ސްކެއާގައި 190 ފްލެޓް ހިމެނެ އެވެ.