07 އޮކްޓޯބަރ 2016 - 06:28

މިއަދު ރިލީޒްކުރާ "މިރްޒިޔާ" އަކީ އަނިލް ކަޕޫރުގެ ފިރިހެންދަރިފުޅު ހަރްޝްވަރްދަން ކަޕޫރު ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. ގިނަ ބަޔަކު މި ފިލްމަށް ޝައުގުވެރިވެފައި ވާއިރު ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނަނީ މިއީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދާނެ ފިލްމެއްކަމަށް ލަފާކުރެވޭ ކަމަށެވެ.

ފިލްމުގެ އިޝްތިހާރުތައް ދައްކަން ފެށުމާއެކުހެން ގިނަ ބަޔަކަށް ހަރްޝްވަރްދަންގެ ހުނަރު ފާހަގަކުރެވެން ފެށި އެވެ. އުމުރުން 24 އަހަރުގެ ހަރްޝް އާއި ފިލްމުގެ ބަތަލާ ސައިޔާމީ ކޭރްގެ ކެމިސްޓްރީ ވެސް އެހާ ފުރިހަމަކަން ފާހަގަކޮށްލަން ޖެހެ އެވެ. މިހާތަނަށް ރިލީޒްކޮށްފައިވާ ލަވަތަކުން މިކަން ވަރަށް ރަނގަޅަށް ސާބިތުވެ އެވެ.
ފިލްމު ރިލީޒް ނުވަނީސް ވެސް ހަރްޝް އަކީ ވަރަށް ގިނަ އަންހެންކުދިން ވެސް ހިތްކިޔާ ކަހަލަ ސިފަތަކެއް ހުރި އެކްޓަރެއްކަން ހާމަވަނީ އޭނާގެ ފޭނުންގެ ތެރޭގައި ހިމެނެމުންދާ އަންހެންކުދިން ދުވަހަކަށް ވުރެ ދުވަހެއް އިތުރު ވަމުންދާތީ އެވެ.
ޓްރޭޑް އެކްސްޕާޓް އަމުލް މޯހަން ހިންދުސްތާން ޓައިމްސް އަށް ބުނެފައިވާ ގޮތުގައި "މިރްޒިޔާ"ގެ ވިޔަފާރި ފުދޭވަރަކަށް ރަނގަޅުވާނެކަމަށް އޭނާއަށް ލަފާ ކުރެވެ އެވެ.
ފިލްމު ރިލީޒްކުރާ ދުވަހު 6-7 ކްރޯޑު (60-70 މިލިއަން ރުޕީޒް) ވަރު ލިބޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޯހަން ބުންޏެވެ.
"މިރްޒިޔާ"ގެ ބަޖެޓް ކުޑައެއް ނޫނެވެ. އެހެންކަމުން މިވަރު ލިބިގެން ފިލްމުގެ ޚަރަދު ފޫބެދޭނެ ބާއެވެ؟ މި ސުވާލުގެ ޖަވާބުގައި މޯހަން ބުނީ ކޮންމެ ފަހަރަކު ވެސް ފިލްމީ ތަރިއެއްގެ ދަރިއަކު ބޮލީވުޑަށް ވަންނައިރު ފިލްމު ބަލާ ގިނަ ބަޔަކު ފިލްމަށް ޝައުގުވެރިވާ ކަމަށެވެ. އެގޮތުން ހަރްޝްގެ ފިލްމަށް ވެސް ގިނަ ބަޔަކު ވަންނާނެ ކަމަށް ލަފާ ކުރެވެ އެވެ. އެހެންކަމުން މިއީ މުޅިން އާ އެކްޓަރެއްގެ ފިލްމަކަށް ބަލާއިރު ރަނގަޅު ވިޔަފާރިއެއް ކުރެވޭނެ ފިލްމެއް ކަމުގައި މޯހަން ދެކެ އެވެ.
މި ފިލްމާ އެންމެ ވާދަކުރާނީ މިދިޔަ ހަފުތާގައި ރިލީޒްކޮށްފައިވާ "އެމް.އެސް. ދޯނީ – ދި އަންޓޯލްޑް ސްޓޯރީ" އެވެ. މި ފިލްމަށް މިހާތަނަށް 75 ކްރޯޑު (750 މިލިއަން ރުޕީޒް) އަށް ވުރެ ގިނައިން ލިބިފައި ވެއެވެ. އަދި ވަރަށް އަވަހަށް 100 ކްރޯޑު (1000 މިލިއަން ރުޕީޒް) ލިބޭނެކަމަށް ލަފާ ކުރެވެ އެވެ.
"މިރްޒިޔާ" އަށް "އެމް.އެސް ދޯނީ"ގެ ރެކޯޑް މުގުރާލެވިދާނެ ހެއްޔެވެ؟ މޯހަން ބުނަނީ އެއީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އިންޑިއާއަކީ ކްރިކެޓަށް ލޯބިކުރާ ބަޔަކު އުޅޭ ގައުމަކަށް ވާތީ ޚާއްސަކޮށް ދޯނީ އަކީ އެންމެންނަށް ވެސް ވަރަށް މަގްބޫލު ކުޅުންތެރިއަކަށް ވާތީ އޭނާގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެއް ބަލަން މީހުން ވަންނަ ވަރަކަށް އަނިލް ކަޕޫރުގެ ދަރިފުޅުގެ ފިލްމެއް ބަލާކަށް މީހުން ވަންނާނެ ކަމަކަށް ނުބެލެވެ އެވެ.
ނަމަވެސް "މިރްޒިޔާ"ގެ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ އަކީ ޒުވާން އޯޑިއަންސްގެ ހިތްތަކާ ކުޅެލާ ކަހަލަ ރީތި ފިލްމުތައް އުފައްދާފައިވާ ޑައިރެކްޓަރެކެވެ. އެހެންވެ ފިލްމު ބަލަން ގިނަ ބަޔަކު ވަންނާނެ އެވެ.
ފިލްމުގެ ޚާއްސަ ސްކްރީނިން އެއް މި ހަފުތާގައި ފިލްމީ ތަރިންނަށާއި ފިލްމު އިންޑަސްޓްރީގެ މީހުންނަށް ބާއްވާފައި ވެއެވެ. ފިލްމު ބެލި އެންމެން ވެސް ބުނެފައިވަނީ ފިލްމު ވަރަށް ރީތި ކަމަށާއި ޚާއްސަކޮށް ހަރްޝްގެ އެކްޓިން ވަރަށް މޮޅު ކަމަށެވެ. އަދި ހަރްޝް އާއެކު މުޅިން އާ ތަރިއަށް އުފަން ވެއްޖެ ކަމަށް ވެސް ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު ބުނެފައިވެ އެވެ.
"މިރްޒިޔާ" އަށް ޝަންކަރް-އެހްސާން-ލޯއި ތައްޔާރުކޮށްދީފައިވާ ލަވަތަކަކީ ވެސް ވަރަށް ރީތި އަދި ގިނަ ބަޔަކަށް މިހާރު ވަރަށް މަގްބޫލު ވެފައިވާ ލަވަތަކެކެވެ.