07 އޮކްޓޯބަރ 2016 - 06:30

ޝާހްރުކް ޚާންގެ އާ ފިލްމު "ރައީސް"ގެ ފުރަތަމަ ޓްރެއިލާ އަންނަ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު ނެރޭ ގޮތަށް ހަމަޖެހިއްޖެ އެވެ. އެއީ ޝާހްރުކްގެ 51 ވަނަ އުފަން ދުވަހެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ޓްރެއިލާ ނެރޭނީ ޝާހްރުކްގެ އުފަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ކުރިން ބެލެވިފައިއޮތީ މި ފިލްމުގެ ޓްރެއިލާ ނެރޭނީ ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އާ އެކުގައި ކަމަށެވެ. އަދި "އޭ ދިލް ހެ މުޝްކިލް" އާ އެއް ދުވަހަކު ނެރޭ އަޖޭ ދޭވްގަންގެ "ޝިވާއޭ" އާ އެކު ނެރޭނީ ރިތިކް ރޯޝަންގެ "ކާބިލް" ކަމަށެވެ.
ޝާހްރުކްގެ ޕްލޭން ބަދަލުކޮށްފައި ވިޔަސް "އޭ ދިލް ހެ މުޝްކިލް" އާއި "ޝިވާއޭ" އާ ދެ ފިލްމާ އެކު ވެސް "ކާބިލް"ގެ ޓްރެއިލާ ނެރެން މިހާރު ވަނީ ހަމަޖެހިފަ އެވެ.
"ރައީސް"ގެ ޓްރެއިލާ ނެރޭ ދުވަސް ފަސްކުރީ "ކާބިލް" އާ އެއް ދުވަހަކު ރިލީޒްނުކުރަން ވެގެންނެވެ.
"ރައީސް" ގެ ޓްރެއިލާ މި ނެރެނީ ފިލްމު ރިލީޒްކުރިޔަ ނުދޭނެކަމަށް އިންޑިއާގެ ނުފޫޒުގަދަ ބައެއް ސިޔާސީ ޕާޓީތަކުން ބުނެފައި ވަނިކޮށެވެ. ސަބަބަކީ މި ފިލްމުގެ ބަތަލާއަކީ ޕާކިސްތާނު އެކްޓަރެއް ކަމަށްވާ މާހިރާ ޚާން އަށް ވާތީ އެވެ.
ނަމަވެސް އިންޑިއާގެ ފިލްމު އެސޯސިއޭޝަނުން ނެރެފައިވާ އަމުރުގައި ވަނީ މިހާރު ކުޅެ ނިމިފައިހުރިތައް ރިލީޒް ކުރެވޭނެކަމަށެވެ. އެހެން ވިޔަސް ސިޔާސީ ޕާޓީތަކުން ސިނަމާތަކާއި މަގުތަކުގައި ހަމަނުޖެހުން ހިންގަފާނެކަމަށް ވަނީ ބެލެވިފަ އެވެ.
"ރައީސް" ގެ ޓްރެއިލާ ލޯންޗުކުރުމާއި އެނޫންވެސް އެއްވެސް އިވެންޓެއްގައި މާހިރާ ބައިވެރިއެއް ނުވާނެ އެވެ. ސަބަބަކީ ޕާކިސްތާނު އެކްޓަރުން އިންޑިއާގައި ތިބުން މަނާކޮށްފައި ވާތީ އެވެ.
މި ފިލްމަށް އިންޑިޔާގައި ދިމާވެދާނެ މައްސަލަތަކަކާ މެދު "ރައީސް"ގެ ޕްރޮޑިއުސަރުން ތިބީ ކަންބޮޑުވެފަ އެވެ.
ނަމަވެސް ކަނޑައެޅިފައިވާ ތާރީޚު ކަމަށްވާ ޖެނުއަރީ 26، 2017 ގައި ފިލްމު ރިލީޒްކުރުމަށް ވާން ޖެހޭ ތައްޔާރީތައް އެމީހުން ގެންދަނީ ކުރިއަށެވެ. އަދި ޕްރޮމޯޝަންގެ މަސައްކަތްވެސް ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.