ދޭތެރެ ދުރުކުރާ ބޭހުން ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވޭ
ދޭތެރެ ދުރުކުރާ ބޭހުން ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވޭ

ހޯމޯން އެކުލެވޭ، ދޭތެރެދުރުކުރާ ބޭހާ ޑިޕްރެޝަންއާ ގުޅުން އެބަހުރި ކަމަށް ޔުނިވަސިޓީ އޮފް ކޯޕަންހޭގަންގައި ކޮށްފައިވާ ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނެފި އެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ހެދި އެންމެ ބޮޑު މި ދިރާސާގައި ޑެންމާކުގެ، އުމުރުން 15 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންގެ އެއް މިލިއަން މީހުންގެ ސިއްހީ ހާލަތު 13 އަހަރު ވަންދެން ބަލަމުން ގެދިޔަ އެވެ.

މިއީ ދޭތެރެދުރުކުރާ ބޭސް ބޭނުންކުރާ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ދިރާސާ ރިޕޯޓެކެވެ. ސަބަބަކީ އެފަދަ ބޭސް ކެއުމުން ޑިޕްރެޝަން އާއި އެނޫންވެސް ސިއްހީ މައްސަލަތައް ދިމާވާކަން އަމިއްލައަށް ތަޖުރިބާ ކުރެވުނަސް މިކަމާ ބެހޭގޮތުން ސައިންސްވެރިން ދިރާސާކޮށް އެއްޗެކޭ ބުނާނެ ދުވަހެއް ދެކެން ބޭނުންވެފައި ގިނަ ބަޔަކު ތިބުމެވެ.

ގުޅަބޭހުގެ ގޮތުގައި ތައްޔާރުކޮށްފައި ހުންނަ ދޭތެރެދުރުކުރާ ބޭހުގެ ތެރެއިން ކޮމްބައިންޑް ޕިލް ބޭނުންކުރާ މީހުންގެ ތެރެއިން 33 ޕަސެންޓް މީހުންނަށް ޑިޕްރެޝަންގެ މައްސަލަތައް ދިމާވެ އެވެ. ކޮމްބައިންޑް ޕިލް އަކީ އެސްޓްރޯޖަން އާއި ޕްރޮޖެސްޓޯޖަން އާ ދެ ވައްތަރުގެ ހޯމޯން އެކުލެވޭ ބޭހެވެ. މިއީ ނެޗުރަލް ފީމޭލް ހޯމޯންގެ ދެ ވައްތަރެވެ.

ޕްރޮޖެސްޓިން-އޮންލީ ނުވަތަ މިނީ ޕިލް ބޭނުންކުރާ މީހުންގެ ތެރެއިން 34 ޕަސެންޓް މީހުންނަށް ޑިޕްރެޝަން ގެ މައްސަލަތައް ޖެހުނުކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދޭތެރެދުރުކުރާ ބޭސް ކާ މީހުންގެ ތެރެއިން ޑިޕްރެޝަންގެ ނުރައްކާ އެންމެ ބޮޑީ ޓީންއޭޖް އުމުރުގެ ޒުވާނުންނަށެވެ. މި އުމުރުގެ ކުދިން ކޮމްބައިންޑް ޕިލް ބޭނުންކުރާ ނަމަ ޑިޕްރެޝަންގެ ނުރައްކާ 80 ޕަސެންޓަށް އޮވެ އެވެ. އަދި "ޕްރޮޖެސްޓިން އޮންލީ" ޕިލް ބޭނުންކުރާ ނަމަ މި ނުރައްކާ ދެ ގުނަ އަށް އިތުރެވެ.

ގުޅަ ބޭސް ފިޔަވައި، ދޭތެރެދުކުރުމަށް ބޭނުންކުރާ އެހެނިހެން ވަސީލަތްތަކުގެ ތެރެއިން ހޯމޯނަލް އައިޔޫއެސް/ކޮއިލް، ޕެޗް އަދި ރިންގް ފަދަ ތަކެތި ލެއްވުމުން ގުޅަ ބޭސް ކެއުމަށް ވުރެ ވެސް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު މާބޮޑުތަން އިތުރުވާކަމަށް ވެސް މި ދިރާސާ އިން ހާމަވެފައިވެ އެވެ.

ހުޅަނގުގެ ގައުމުތަކުގައި ޅަ ފުރައިގެ ކުދިންނަށް ގުޅަ ބޭހުގެ ބަދަލުގައި ލޯންގް-އެކްޓީން ރިވާސަބަލް ކޮންޓްރަސެޕްޓިވްސް (ލާކް) ބޭނުންކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ. މި ފަރުވާ އިންޖެކްޝަނާއި އެނޫންވެސް ގޮތްގޮތުން ދެވެ އެވެ. މިއީ ހަނދާން ނެތި ބޭސް ގުޅައެއް ނުކައި ހުރެގެން ބަލިވެ އިނުމުގެ ފުރުސަތު ހަނިކުރުމަށް ދޭ ފަރުވާ އެކެވެ. މިއީ ސައިޑް އިފެކްޓްސް ކުޑަވާނެ ގޮތެއް ކަމަށް ވެސް ބެލެވިފައި ވެއެވެ. ނަމަވެސް ފަހުގެ ދިރާސާގައި ބުނަނީ މީވެސް ބޭނުންކުރުން ވެސް ރަނގަޅު ނޫންކަމަށެވެ. މިފަދަ މެތަޑްތައް ބޭނުންކުރާ ނަމަ ފުރާވަރުގެ ކުދިންނަށް ޑިޕްރެޝަންގެ މައްސަލަތައް މާ ބޮޑަށް ކުރިމަތިވާނެ ކަމަށް މިފަހަރުގެ ދިރާސާ އިން އެނގުނެވެ.