ޑޮލަރު ގަންނަން ފައިސާ ދޫކުރީ ބޯޑުން ނިންމާފައިވާ ގޮތަށް، އެ ފައިސާ އަދިވެސް ނުލިބޭ: ފެނަކަ
ޑޮލަރު ގަންނަން ފައިސާ ދޫކުރީ ބޯޑުން ނިންމާފައިވާ ގޮތަށް، އެ ފައިސާ އަދިވެސް ނުލިބޭ: ފެނަކަ

ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ގަންނަން 17 މިލިއަން ރުފިޔާ ދޫކުރީ އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ގޮތަށް ކަމަށާއި އެކަމަކު އަދިވެސް އެ ޑޮލަރު ނުލިބޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ލ. އިސްދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް ޖަނަރޭޓަރެއް ގެންދަން ބަޔަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި "މިހާރު"ން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފެނަކަގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ޑޮލަރު ގަންނަން ދޫކުރި ފައިސާ އަށް ވީގޮތެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި ގެއްލުނު ފައިސާ އެ ކުންފުންޏަށް އަނބުރާ ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަނުން ޑޮލަރު ގަންނަން ދޫކުރި ފައިސާ އަށް ވީގޮތެއް މިހާތަނަށް އެ ކުންފުނިން ހާމަކޮށްފައެއްނުވެ އެވެ. އަދި އެ މައްސަލަ ދިމާވިތާ މާގިނަ ދުވަހެއް ނުވަނީސް ފެނަކަގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހަންމަދު ނިމާލް ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.

ފެނަކައިން ފައިސާ ގެއްލުނު މައްސަލާގައި ޒިންމާވާން ޖެހެނީ ކޮން ފަރާތެއްތޯ ދެންނެވުމުން ޝަރީފް ވިދާޅުވީ އެކަމުގައި ޒިންމާވާން ޖެހޭ ފަރާތެއް އެނގޭނީ ތަހުގީގަށް ފަހުގައި ކަމަށެވެ.

"އެ ތަހުގީގަށް ފަހު އެނގޭނީ އެކަމުގައި ޒިންމާވާ ވާންޖެހޭ ފަރާތެއް. އަޅުގަނޑުމެން މިތަނުގެ އެތެރެއިން ބެލިބެލުމުގައި އެކަން ފެނަކަގެ ތެރެއިން ކުރިޔަށް ގެންގޮސްފައި ވަނީ ބޯޑުން ނިންމާފައިވާ އުސޫލާ އެއްގޮތަށް،" މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރަމުންދާތީ އެކަމާ ގުޅޭ މާގިނަ ވާހަކަތަކެއް ދެއްކެން ނެތް ކަމަށެވެ. ނަމަވެސް ޝަރީފް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ގިނަ އަދަދަކަށް ޑޮލަރު ގަންނަ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު އިތުރު ކަންތައްތަކެއް ފެންމަތިވެދާނެ ކަމަށެވެ.

"އެ މައްސަލައިގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ފޯރުކޮށްދީފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް ލޯންޗް ދުއްވާ ކުންފުންޏަކަށް ފެނަކައިން ދޫކުރީ 15.42ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ.

އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.