06 އޮކްޓޯބަރ 2016 - 15:03

ވޮޝިންޓަން (އޮކްޓޯބަރު 5) - އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) ގެ ކޮންޓްރެކްޓަށް މަސައްކަތްކުރި މީހަކު ގައުމީ ސަލާމަތީ ބެހޭ ސިއްރުތައް ވަގަށް ނެގި ކަމުގެ ކުށުގައި ހައްޔަރުކޮށްފި އެވެ.
ހެރޮލްޑް ތޯމަސް މާޓިން ހައްޔަރުކޮށް ދައުވާ ކުރަނީ ސަރުކާރުގެ މުދަލެއް ވަގަށް ނެގުމާއި ގައުމީ ސަލާމަތާ ބެހޭ ސިއްރުތައް ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާތީ އެވެ. އެކަމަކު 51 އަހަރުގެ މާޓިންގެ ވަކީލް ވިދާޅުވީ މާޓިން އެމެރިކާ އަށް ބޭވަފާތެރިވީ ކަމުގެ ހެއްކެއް ނެތް ކަމަށާއި އެމެރިކާ އަކީ އޭނާ ވަރަށް ލޯބިވާ ގައުމެއް ކަމަށެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މާޓިން މަސައްކަތްކޮށްފައި ވަނީ ބޫޒް އެލަން ހެމިލްޓަން އަށް ކަމަށެވެ. މިއީ އެންއެސްއޭ އިން ކުރިން ކޮންޓްރެކްޓަށް ނަގައިގެން އުޅެނިކޮށް އެޑްވަޑް ސްނޯޑަން ވެސް ގައުމީ ސަލާމަތާ ބެހޭ ސިއްރުތައް ނެގި ކުންފުންޏެވެ.
މާޓިން އަތުން ފެނުނު ލިޔުންތަކުގެ ތެރޭން ހަ ލިޔުމަކީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެންމެ ބޮޑެތި ސިއްރުތައް ހިމެނޭ ލިޔުންތަކެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މިއިން ލިޔުމެއް ބޭޒާރުކޮށްފި ނަމަ ފޫނުބެއްދޭވަރުގެ ގެއްލުމެއް ގައުމީ ސަލާމަތަށް ލިބިގެންދާނެ ކަމަށެވެ.
އެފްބީއައިއިން ބުނީ ލިޔުންތައް ނެގި ކަމަށް މާޓިން ފުރަތަމަ ދެކޮޅު ހެދި ކަމަށާއި ފަހުން އެކަމަށް އެއްބަސްވި ކަމަށެވެ.
މާޓިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ސަރުކާރުގެ މުދަލުން ވައްކަން ކުރިކަމުގެ ކުށުގައި 10 އަހަރަށް އަދި ގައުމީ ސިއްރުތައް ހިމެނޭ ލިޔުމެއް ނެގިކަމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލާނެ އެވެ.