ކޮލަމް: ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް
ކޮލަމް: ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް

"ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް"، މި ސުރުހީގެ ދަށުން އަޅުގަނޑު އެންމެ ފުރަތަމަ ލިޔުނު މަޒްމޫނުގައި އަލި އަޅުވާލައިފައި ވާނީ، ޤާނޫނުއަސާސީ 2008 ވަނަ އަހަރު އިސްލާހު ކުރުމަށް ފަހު އިންތިހާބުވި ރައްޔިތުންގެ މަޖިލިސްގެ ދެ ދައުރުން، ރައްޔިތުންނަށް ކުރެވުނު ތަޖުރިބާގެ މައްޗަށެވެ. މިފަހަރުގެ މަޒުމޫނުގައި އަޅުގަނޑު އަލި އަޅުވާލަން ބޭނުންވަނީ ރައްޔިތުންގެ ވެރިކަމާއި ގާނޫނީ ދައުލަތާއި މި ދެ ކަމުގައި ހުރި ގުޅުމުގެ މައްޗަށެވެ.

ކޮލަމް: ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް
ކޮލަމް: ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް

ގާނޫނީ ދައުލަތެއްގައި، ދައުލަތުގެ ބާރުތައް ކަމަށް ޤާނޫނުއަސާސީގައި ބުނާ އެއްވެސް ބާރަކަށް ރާއްޖޭގެ ހަގީގީ ވެރިން ކަމަށްވާ ދިވެހި ރައްޔިތުން ޤާނޫނުއަސާސީ މެދުވެރިކޮށް، މި ޤާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ދެ ބާރެއް ފިޔަވައި އިތުރު ބާރެއް އަމިއްލަ އަށް ލިބިގަނެ، ބޭނުންކޮށް އަދި އެހެން ބާރެއް އަތުން ނިގުޅައިގަނެގެން ނުވާނެ އެވެ.

ކޮލަމް: ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް
ކޮލަމް: ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ މިންވަރަށް އެހާ ތަފްސީލުކޮށް މާއްދާތައް ލިޔެފައިވާ ޤާނޫނުއަސާސީއެއް ދުނިޔޭގެ އެހެން ގައުމެއްގައި ވެސް މަދުވާނެ އެވެ. ޤާނޫނުއަސާސީ ޑްރާފްޓް ކުރަމުން ދިޔައިރު އަޅުގަނޑަކީ ވެސް އެޑްރާފްޓިން ކޮމެޓީގައި ހިމެނުނު މީހަކަށް ވީ ހިނދު، ޤާނޫނުއަސާސީގެ މާއްދާތައް މިހާ ތަފްސީލުކޮށް ލިޔަމުން މިދަނީ ކީއްވެތޯ އަޅުގަނޑަށް ސުވާލު ކުރެވެ އެވެ. އެކަމަކު ޤާނޫނުއަސާސީ ތަސްދީގު ކުރެވި ތަޖުރިބާކުރެވެމުން މިދާ ގޮތުން، މި ރާއްޖޭގެ ޤާނޫނުއަސާސީ އޮންނަން ވާނީ މިހާރު އޮތް ވަރަށް ވުރެ ވެސް ތަފްސީލުކޮށް ލިޔެފައި ކަމަށް ގަބޫލުކުރެވޭ ކިތަންމެ ފަހަރެއް ދެ އެވެ.

ޑިމޮކްރަސީ އަކީ އަޣުލަބިއްޔަތަށް ތަބާވުމެވެ. އެހެންކަމުން، ޑިމޮކްރަޓިކް ވެރިކަމެއް އިޚްތިޔާރުކުރާ ކޮންމެ ބައެއް މި އިޚްތިޔާރުކުރަނީ އަޣުލަބިއްޔަތަށް ތަބާވުމަށެވެ. ނަމަވެސް އަޣުލަބިއްޔަތަށް ތަބާވުމާ އެކު ވެސް ރައްޔިތުންގެ ވެރިކަމެއްގައި، ދައުލަތުގެ އެންމެ ބާރުވެރި ފަރާތް ކަމަށްވާ ރައްޔިތުންގެ ކިބައިން، އަޣްލަބިއްޔަތު ބޭނުންކޮށްގެން ވިއަސް ނިގުޅައި ނުގަނެވޭނެ އަސާސީ ހައްގުތަކެއް ކޮންމެ ޑިމޮކްރަޓިކް ނިޒާމެއްގައި ވެސް އޮވެ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ފުރަތަމަ ބާބުގައި ދައުލަތާއި އަމިއްލަ ވެރިކަމާއި ރައްޔިތުން ކަމަށް ބެލެވެނީ ކޮން ބައެއް ކަމަށް ބުނެދިނުމަށް ފަހު ދެ ވަނަ ބާބެއްގެ ގޮތުގައި ލިޔެފައިވަނީ މި ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ވާހަކަ އެވެ.

ޤާނޫނުއަސާސީ މެދުވެރިކޮށް ރައްޔިތުން ޤާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ދިނީ ޤާނޫނު ހެދުމުގެ އެންމެހައި ބާރުތަކެވެ. ޤާނޫނުއަސާސީގެ ހަ ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ދިނީ ވެރިކަން ހިންގުމުގެ ބާރެވެ. އަދި ޤާނޫނުއަސާސީގެ ހަތް ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ދީފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ. މި ތިން ބާރަށް ލިބިގެންވާ ބާރުތައް ވަނީ ތިން ވަނަ ބާބު (ރައްޔިތުންގެ މަޖިލިސް) ހަތަރު ވަނަ ބާބު (ރައީސުލްޖުމްހޫރިއްޔާ) އަދި ހަ ވަނަ ބާބު (އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު) މި ތިން ބާބު ގައި ތަފްސީލުކޮށްފަ އެވެ. އަދި ޤާނޫނުއަސާސީގެ އަށް ވަނަ މާއްދާ ބުނަނީ މި ހުރިހާ ބާރުތައް ވެސް ހިންގަން ވާނީ ޤާނޫނުއަސާސީގައި ވާ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމާ އެކު، ޤާނޫނުއަސާސީގައިވާ ގޮތް ނޫން ގޮތަށް ހިންގާ ކޮންމެ އަމަލެއް ވާނީ ޣައިރު ގާނޫނީ އަދި ބާތިލު އަމަލަކަށެވެ.

ޑިމޮކްރެޓިކް ވެރިކަމެއް މިކުރެވެނީ ކިހިނެއްކަން އެންމެ ކުރުކޮށް، ފޮނިކޮށް ވިދާޅުވެދެއްވާފައި ވަނީ އެމެރިކާގެ ކުރީގެ މަޝްހޫރު ރައީސެއް ކަމަށްވާ އެބްރޭހަމް ލިންކަން އެވެ. ލިންކަން ވިދާޅުވަނީ ޑިމޮކްރަސީއަކީ

"Govt of the people, by the people, for the people" މިހެންނެވެ. ދިވެހި ބަހުން ބުނާ ނަމަ ރައްޔިތުންގެ ކިބައިން، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި ހިންގާ ވެރިކަމުގެ ނިޒާމެއް ކަމަށެވެ. ލިންކަންގެ މި ބަސްފުޅުތަކަށް ވިސްނާލާއިރު، މި ބަސްފުޅުތަކުގައި ވަރަށް ފުންމާނަ އެކުލެވިގެންވެއެވެ. އަދި ގިނަ އެކްސްޕާޓުން ބަލާ ގޮތުގައި މި ބަސްފުޅުތައް ރަމްޒުކޮށްދެނީ ޑިމޮކްރަސީގެ އަސާސެވެ. ރައްޔިތުންގެ ކިބައިންނޭ ބުނުމުން ދޭހަވަނީ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ރައްޔިތުން ވޯޓްގެ ޒަރިއްޔާއިން ދޭ ބާރަކުން ކަމަށެވެ. ރައްޔިތުންގެ ފަރާތުން ކަމަށް ބުނުމުން އެ ބުނެވެނީ ރައްޔިތުން ދީފައިވާ ބާރު ބޭނުންކުރެވޭނީ ހުރިހާ ރައްޔިތުންގެ ފަރާތުން ކަމަށާއި ރައްޔިތުން ޤާނޫނުއަސާސީ އާއި ޤާނޫނު މެދުވެރިކޮށް ދީފައިވާ މިންވަރަށެވެ. އަދި ރައްޔިތުންނަށް ޓަކައި ކަމަށް ބުނެފައި ވަނީ ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ޓަކައި ބާރުތައް ބޭނުން ކުރުމަށެވެ.

ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަލާއިރު، ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނާއިރު، ދިވެހި ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުކުރެވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރެވެނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާ ގޮތަށް އަދި ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ އެއްގޮތަށް ސަރުކާރު ހިންގުމަށެވެ. ދިވެހިރާއްޖޭގެ ކޯޓްތަކާއި މިނިވަން މުއައްސަސާތަކުގައި ތިބޭ މީހުން އައްޔަން ކުރުމުގައި ވެސް ރައްޔިތުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސްގެ ރޯލެއް އޮވެ އެވެ. އަދި މީގެ އިތުރުން ސަރުކާރަށް ފާރަވެރިވުމުގެ ރޯލެއް ވެސް ރައްޔިތުންގެ މަޖިލީހަށް ދީފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ކެބިނެޓްގެ މަސައްކަތް ރައްޔިތުން އެދޭ ގޮތަށް އެކަށީގެންވާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިން ނުގެންދާ ކަމަށްވާ ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި އޭނާގެ ކެބިނެޓަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް ވޯޓްގެ ޒަރިއްޔާއިން ނިންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި ވެ އެވެ. އަދި އަދުލު އިންސާފް ގާއިމްކުރުމުގެ ބާރުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން ސްޕްރީމް ކޯޓްގައި ތިއްބަވާ ފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވެ އެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަންކުރުމާއި، ފާރަވެރިވުމާއި އެ މުއްސަސާތަކުން ބޭފުޅުން ވަކިކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލިސް އަށް ލިބިގެން ވެ އެވެ. ވީމާ، ހުރިހާ ބާރަކާ މެދު ފާރަވެރިވެ އަދި ރައްޔިތުން އެދޭ ގޮތަށް ކަންކަން ނުކުރާ ނަމަ، އެ ބާރުތައް ހަމަ މަގަށް އެޅުވުމުގެ ބޮޑު ޒިންމާ އާއި ބުރަ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ރާއްޖެ އަށް ބަލާއިރު ޤާނޫނުއަސާސީން ދައުލަތުގެ ބާރުތަކަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ސުވާލު އުފެދޭ ގޮތަށް ކޮށްްފައިވާ ކަންތައްތަކުގެ ބައެއް މިސާލު އެބަ ހުއްޓެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން އިހުތިޔާރުކުރީ ދައުރު ކަނޑައެޅިފައިވާ ނިޒާމަކަށް ވީހިނދު، އަދި އިލެކްޝަންތައް ބާއްވާނެ ތާރީޚްތައް ކަނޑައަޅާފައިވީ ހިނދު، ރައްޔިތުންގެ މަޖްލީހުން ޤާނޫނުއަސާސީ އިސްލާހު ނުކޮށް، ކަނޑައަޅާފައިވާ ތާރީޚްތަކުގެ ބޭރުން 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ބާއްވާފައިވެ އެވެ. އަދި 2008 ވަނަ އަހަރު ސިޔާސީ ޕާޓީގެ ނިޒާމް ރާއްޖެ އަށް ތައާރަފްވެ ޕާޓީން ރައްޔިތުންނަށް ވީ ވައުދުތަކާ އެކު ރައްޔިތުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން މަޖުބޫރު ވުމާ ގުޅިގެން، ވެރިކަމާ ހަވާލުވި އޭރުގެ ނައިބް ރައީސް ވެރިކަން ހިންގާފައިވަނީ ރައްޔިތުންގެ އަޣްލަބިއްޔަތު ނުލިބޭ ޕާޓީތަކާ އެކު ރައްޔިތުންގެ މެންޑޭޓެއް ނެތި އެވެ.

ދެ ހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަނޑައެޅިފައިވާ ތާރީހަށް ނުބޭއްވުމުން، ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ކުރިއަށްދާނެ ގޮތެއް ހޯދުމުގެ ބަދަލުގައި ވަނީ ފަސް އަހަރަށް އޮންނަ ރިޔާސީ ދައުރު، ވަކި މުއްދަތެއް ނެތި އެހެން ސަރުކާރެއް އިންތިޚާބު ވާންދެން ދަންމާލެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފަ އެވެ. އަދި ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ޤާނޫނުއަސާސީގެ ފަސް ވަނަ މައްދާއިން ރައްޔިތުންގެ މަޖިލީހަށް ދޭ ހިނދު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދި އަމަލުކުރެވެމުންދާ ޤާނޫނުގެ މައްޗަށް ގައިޑްލައިންއެއް ހަދައި އެ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރަން ސްޕްރީމް ކޯޓުން އަމުރުކޮށްފައި ވެ އެވެ. ރައްޔިތުންގެ މަޖިލީހާއި މަޖިލިސްގެ ކޮމިޓީތަކަކީ އިމްތިޔާޒް ލިބިގެންވާ ތަންތަން ކަމަށް ޤާނޫނު ބުނާ ހިނދު، އަދި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އައްޔަންކޮށް ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ބުނާ ހިނދު، ސުޕްރީމް ކޯޓުން ވަނީ ސުއަމޯޓޯ މައްސަލައެއްގެ ގޮތުގައި ބަލައި، ހުކުމަކުން އިލެކްޝަން ކޮމިޝަންގެ ރައީސާއި ނައިބް ރައީސެއް މަގާމުން ވަކިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ބަލާއިރު، ރައްޔިތުންގެ މަޖިލީސް ވެސް އަމަލުކުރަން ޖެހޭނީ ޤާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ހުދޫދުގެ ތެރޭގައި ކަމަށް ވީހިނދު، މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތައް ޤާނޫނުއަސާސީއާ ތައާރަޒްވެ އެވެ. ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިދީފައިވާ އިރު، މި މާއްދާއާ ކަނޑައެޅިގެން ޚިލާފަށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ރައްޔިތުންނަށް އެއްނުވެވޭނެ ކަމަށް ބުނެ ޤާނޫނު ފާސްކުރި އެވެ. އަދި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި، މިނިވަންކަމާ އެކު ހިޔާލުފާޅުކުރުން ހުއްޓުވާލުމުގެ މަގުސަދުގައި ކަމަށް ބެލެވޭ ގޮތަށް ފާސްކުރި އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުން، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށާއި ޤާނޫނުއާސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަންނަ ކަމަށް ބެލެވޭ ކިތަންމެ މާއްދާއެއް އެކުލެވިފައިވެ އެވެ.

މި ކަންކަން މިހެން ހުއްޓާ ރައީސުލްޖުމްހޫރިއްޔާ މި ބިލްތައް ތަސްދީގު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އަށް ވިއަސް މި އަމަލު ކުރެވެނީ ގާނޫނުން ބޭރުގަ އެވެ. އަދި މިފަދަ ގާނޫނުތައް ވާނީ ބާތިލް ގާނޫނަށެވެ. ޤާނޫނުއަސާސީއާ ހިލާފަށް ފާސްކުރާ ގާނޫނުތައް ބާތިލްކުރުމުގެ ބާރު ރައްޔިތުން ކޯޓްތަކަށް ދީފައިވެ އެވެ. ޤާނޫނުއަސާސީ އިސްލާހުކުރުމާ ގުޅިގެން ކޯޓްތައް މެދުވެރިވެ ޖަލުގައި ހުކުމް ކޮށްފައިވާ މީހުންނަށް ވޯޓްލުމުގެ ހައްގާއި ސިވިލް ސާވަންޓުންނަށް ސިޔާސީ ހަރަކާތުގައި ބައިވެރިވުމުގެ ހައްގާއި މި ނޫނަސް އެހެން ހައްގުތައް ހަނިކުރުމުގެ ގަވާއިދުތައް ބާތިލްކުރި އެވެ. ނަމަވެސް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ އެކު އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރެއް ވަކިކުރި ފަހުން، ޤާނޫނުއަސާސީން ސްޕްރީމް ކޯޓަށް ޤާނޫނުއަސާސީއާ ހިލާފް ގާނޫނުތަކާއި ގަވާއިދުތައް ބާތިލްކުރަން ދީފައިވާ ބާރު ބޭނުންކުރާ ތަނެއް ނުފެނެ އެވެ.

ގާނޫނީ ދައުލަތެއް، ރައްޔިތުންގެ ވެރިކަމެއް، ގާއިމް ކުރުމަށް ބޭނުންވާ ހުރިހާ ސިފަތަކެއް 2008 ގައި ހެދި ޤާނޫނުއަސާސީގައި ހިމެނިފައިވެ އެވެ. ބާރުތައް ވަކިވެފައިވާ ނިޒާމެއްގެ ތެރެއިންނެވެ. އެއްބާރު އަނެއް ބާރާ ފާރަވެރިވެ އަދި ގާނޫނީ ހުދޫދުން ބޭރުވާ ކަމަށް ވަންޏާ އެ ފަރާތްތައް ވަކިކުރުމުގެ ބާރާއި ގާނޫނީ ހުދޫދުގެ ބޭރުން ހިންގާ އަމަލުތައް ބާތިލްކުރުމުގެ ބާރު ވެސް ދީފައިވެ އެވެ. ނަމަވެސް، މިހާރު ދައުލަތުގެ ބާރުތަކުން ޤާނޫނުއަސާސީން އެ ފަރާތްތަކަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރާ ގޮތުން ކޮމަންވެލްތުގެ ޚާއްސަ އެންވޮއި އޮނަރަބަލް މުޓުންގާ ވެސް ވަނީ މި ރާއްޖޭގެ ދައުލަތުގެ ގާނޫނީ ސައްހަކަމާ މެދު (ދައުލަތުގެ ލެޖިޓިމަސީއާ މެދު) ސުވާލު އުފައްދަވައިފަ އެވެ.

މިފަދަ ވާހަކަތައް ދެއްކުމުން ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބުނަނީ މިހެންނެވެ؛ "ތި ކަންކަން ތިހެންކަން އޮތީ އެނގެ އެވެ. ނަމަވެސް ރައްޔިތުން ތިކަމާ ކުރާނީ ކީއް ހެއްޔެވެ؟ ޕެޕާ ސްޕްރޭ އާއި މުގުރާއި ބަޑި އެ ފަރާތުގައި އޮތިއްޔާ ނިކަމެތި ރައްޔިތު މީހާ އަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ."

ރައްޔިތުންގެ ވެރިކަމެއްގައި ގާނޫނީ ދައުލަތެއް ހިންގޭނީ ބާރުތަކާ ހަވާލުވާ ހުރިހާ ފަރާތްތައް ވެސް އެ މީހުންގެ ގާނޫނީ މަސްއޫލިއްޔަތުތަކާއި ގާނޫނުން ދޭ އިހުތިޔާރުތައް ޒިންމާދާރު ގޮތެއްގައި ބޭނުން ކޮށްގެންނެވެ. ޣައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމަށް ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 64 ވަނަ މާއްދާގައި އަސާސީ ހައްގެއް ގޮތުގައި ކޮންމެ ރައްޔިތަކަށް މެ ލިބިގެންވެ އެވެ. އަދި ސަލާމަތީ ހިދުމަތްތަކުގެ ބާބުގެ 245 ވަނަ މާއްދާގައި އެއްވެސް ފަރާތަކުން ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ޣައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެ ކަމާއި އަދި އެފަދަ އެއްވެސް އަމުރަކަށް ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކު ތަބާވެގެން ނުވާނެ ކަމަށް އަމުރުކޮށްފައިވެ އެވެ.

ރާއްޖޭގައި ޤާނޫނުއަސާސީ އިސްލާހުކުރި މަޖިލިހުން ޣައިރު ގާނޫނީ އަމުރަށް ތަބާނުމުގެ ވާހަކަ ދެ ތަނެއްގައި ލިޔެފައި އެވަނީ އޮޅުމަކުންނެއް ނޫނެވެ. އެއީ އެއްވެސް ބާރެއްގެ ފަރާތުން ކުރާ ޣައިރު ގާނޫނީ އަމުރަށް އެއްވެސް ރައްޔިތެއް ވެސް އަދި ސަލާމަތީ ޚިދުމަތްތައް ވެސް ތަބާ ނުވުމުގެ އިޚްތިޔާރާއި ބާރު ދިނުމުގެ ގޮތުންނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޣައިރު ގާނޫނީ އަމުރަށް ކިޔަމަން ނުވުމަށް ޤާނޫނުއަސާސީން ލިބިދޭ ބާރަކީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމުގެ އެންމެ ބާރުގަދަ ތަންފީޒީ ބާރެވެ.