06 އޮކްޓޯބަރ 2016 - 14:22

ގަސްދުގައި މީހުން މެރުމުގެ ކުށުގައި މަރަން ހުކުމް ކުރާ މީހުންގެ އަދަބު ލުއި ކޮށްދިނުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މަރުގެ އަދަބު ރައީސަށް ލުއި ނުކުރެވޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރީ، މަރުގެ އަދަބު ލުއި ކޮށްދިނުމުގެ ބާރު ރައީސަށް އޮންނަ ގޮތަށް، މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ ބާތިލް ކުރަން އަމިއްލަ ބަޔަކު ހައި ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.
އެ މާއްދާ ބާތިލް ނުކޮށް އެކަމަކު އެ މާއްދާ މާނަ ކޮށްދީ، ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގަސްދު މަރުގެ މައްސަލަތަކުގައި ވާރިސުން ބޭނުންވެގެން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަން ހުކުމް ކުރާ މީހުންގެ އަދަބު ރައީސަށް ލުއި ނުކުރެވޭނެ ކަމަށެވެ. އެކަމަކު ގާނޫނީ އަދަބެއްގެ ގޮތުން މަރުގެ އަދަބު ދެވޭ މައްސަލަތަކުގައި އެ މާއްދާގެ ދަށުން ރައީސަށް ލުއި ދެވިދާނެ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރު ކޮށްދޭން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލަ އަންނަ އާދިއްތަ ދުވަހު ފަށަން ހަމަޖައްސާފައި ވާއިރު އެ މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
މަރުގެ އެކި މައްސަލަތަކުގައި ރާއްޖޭގައި މަރަން ހުކުމްކޮށްފައި ތިބި 10 އަށް ވުރެ މީހުން ތިބި އިރު އޭގެ ތެރެއިން ތިން މީހަކަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައި، އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިންމައިފަ އެވެ. އެކަމަކު އެ މީހުންގެ މަރުގެ ހުކުމް ތަންފީޒު ކުރާނެ ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.