ދީޕިކާ އާއި ރަންވީރުގެ ސިއްރު ބައްދަލުވުމެއް ޕެރިހުގައި
ދީޕިކާ އާއި ރަންވީރުގެ ސިއްރު ބައްދަލުވުމެއް ޕެރިހުގައި

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ލޯބީގެ ބައްދަލުވުންތަކެއް މިދިޔަ ހަފުތާގައި ޕެރިހުގައި އޮތްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

އިންޑިއާ ޓައިމްސްގައިވާ ޚަބަރެއް ބުނާ ގޮތުން ދީޕިކާ ވަނީ އޭނާ މިހާރު ކުޅޭ ހޮލީވުޑް ފިލްމް "ތުރީ އެކްސް: ރިޓާން އޮފް ދަ ޒެންޑާ ކޭޖްގެ ޝޫޓީންގް ނިންމާލުމަށް ފަހު ރަންވީރާ ބައްދަލުކުރުމަށް، ލޯބީގެ ރަށުގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެރިހަށް ގޮސްފަ އެވެ. ޑައިރެކްޓަރު އަދިތުޔާ ޗޯޕްރާގެ "ބޭފިކްރޭ"ގެ ޝޫޓިންގަށް ރަންވީރު ޕެރިހުގައި ހުންނަތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ޕެރިހުގައި ރަންވީރާއެކު ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު ދީޕިކާ ވަނީ މިހާރު އެނބުރި އިންޑިއާއަށް ގޮސްފަ އެވެ. ރަންވީރު ޕެރިހުގައި ފިލްމުގެ މަސައްކަތުގައި މަޑުކުރީ އެވެ.

މި ބައްދަލުވުމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ދީޕިކާ ޕެރިހަށް ދިޔައީ ވަރަށް ސިއްރު ސިއްރުންނެވެ. އެއީ އޭނާގެ އާއިލާގެ މީހުންނަށް ވެސް އަދި އެހެން ބަޔަކަށް ވެސް އޭނާ ރަންވީރު އާ ބައްދަލުކުރަން ދިޔަކަން އެނގެން ބޭނުން ނުވާތީ އެވެ. ނަމަވެސް ޕެރިހުގައި ދީޕިކާ އުޅެނިކޮށް އޭނާގެ ވަރަށް ގިނަ ފޭނުންނާ ބައްދަލުވެ ސިއްރު ފަޅާ އަރާގޮތް ވީ އެވެ.

ރަންވީރު ކުޅޭ "ބޭފިކްރޭ"ގެ ސެޓުގައި ވެސް ދީޕިކާ ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް އެތަނުގައި އިންދާ އޭނާގެ ފޮޓޯ ނުނެގުމަށް އެންމެންނަށް އޮތީ އަންގާފަ އެވެ.

ދީޕިކާ އެނބުރި އިންޑިޔާއަށް ދާއިރު އޭނާގެ މަސައްކަތްތައް ވަނީ ފުނިޖެހިފަ އެވެ. އިޝްތިހާރުތަކުގެ މަސައްކަތާއި ސްކްރިޕްޓްތައް ކިޔުމުގެ މަސައްކަތެވެ. ޕެރިހުގައި ކުރު ޗުއްޓީއެއް ހޭދަކުރިކަން މީހުންނަށް އެނގެން އޭނާ ބޭނުންނުވީ އެ ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.

ދީޕިކާގެ އެކުވެރިޔަކު ބުނީ އޭނާއަކީ މަސައްކަތަށް ވަރަށް ފަރުވާތެރި ޕްރޮފެޝަނަލް މީހެއް ކަމަށެވެ. ހަމަ އެއާއެކު އޭނާއަކީ މީހަކު ދެކެ އިންތިހާއަށް ލޯބިވެގެން އުޅޭ ޒުވާން ލޯބިވެރިއެއް ވެސް މެ އެވެ. ފިލްމު ޝޫޓިންތަކާ ހެދި މުޅިން ދެ ގައުމެއްގައި އުޅެން ޖެހުމުން ރަންވީރު އާއި ދީޕިކާ ބައްދަލުނުވާތާ އެތައް މަހެއް ވެއްޖެ އެވެ. އަދި އިންޑިޔާއަށް އެނބުރި ގޮސް ދީޕިކާއަށް އުޅެން ޖެހޭނީ ވަރަށް ބުރަކޮށެވެ. އެހެންކަމުން ކުޑަ ވަގުތުކޮޅެއް ލޯބިވެރިޔާއާ އެކު ހޭދަކޮށްލަން ދީޕިކާ ދިއުމަކީ މާބޮޑުކަމެއްކަމަށް ނުދެކޭ ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.