ޕާޓީން ވަކިކޮށްފި ނަމަ ޝަރީއަތަށް ދާނަން: އަލްހާން
ޕާޓީން ވަކިކޮށްފި ނަމަ ޝަރީއަތަށް ދާނަން: އަލްހާން

އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ޝަރީއަތަށް ދާނެކަމަށް، އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

އަލްހާންގެ އަމަލްތައް ހުރި ގޮތުން ޕާޓީއަށް ގެއްލުން ލިބޭ ކަމަށް ބުނެ އެމްޑީޕީން އޭނާ ވަކިކުރަން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުން ސޮއިކޮށް ފިޔަވަޅު އަޅާ ކޮމެޓީއަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގައި ޖަވާބުދާރީވާން އެމްޑީޕީގެ އޮފީހަށް އަލްހާން މިއަދު ވަނީ ހާޒިރުވެފަ އެވެ.

ބަައްދަލުވުމަށް ފަހު "މިހާރު"އާ ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ މާޒީގައި ކަންތައް ވެފައި ހުރި ގޮތަށް ބަލާއިރު އެމްޑީޕީން އޭނާ ވަކިކުރުމަކީ ގާތް ކަމެއް ކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައްކޮށްފި ނަމަ ޝަރީއަތަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހާޒިރުވެ އަލްހާން ވަނީ އިޖުރާއީ ހަ ނުކުތާއެއް ފާހަގަކުރަައްވައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީން އޭނާ ވަކިކުރަން ހުށަހެޅި ލިޔުން ހޯދުމަށާއި މީޑިއާތަކުގައި އަލްހާނަކީ ޕާޓީގެ މެމްބަރެއް ނޫންކަމަށް ބުނާ ބޭފުޅަކު، ފިޔަވަޅު އަޅާ ކޮމެޓީގެ ރިޔާސަތު ބެލެހެއްޓެވުމަކީ ކޮމެޓީގެ އިންސާފުވެރިކަމާ މެދު ޝައްކުކުރެވޭ ކަމެއް ވިދާޅުވުން ހިމެނެ އެވެ.

އަލްހާން ވިދާޅުވީ ފިޔަވަޅު އަޅާ ކޮމެޓީގައި ޕާޓީން އޭނާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އިޖުރާއީ އެ ނުކުތާތަކަށް ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސ. ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލްހާނަށް ނާކާމިޔާބުވެފައި ވަނިކޮށް، އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރެއްވި މައްސަލާގައި ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވާދަކުރެއްވުން ދޮޅު އަހަރަށް ވަނީ މަނާކޮށްފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އަލްހާން ވަނީ އިއުލާންކުރައްވައިފަ އެވެ.