އާމިރު، ސަލްމާން އަދި ޝާހްރުކް އުޅޭ ފިލްމެއް ބަލަން ބޭނުންތަ؟
އާމިރު، ސަލްމާން އަދި ޝާހްރުކް އުޅޭ ފިލްމެއް ބަލަން ބޭނުންތަ؟

ސަލްމާން ޚާނާއި ޝާހްރުކް ޚާން އަދި އާމިރު ޚާން ހިންދީ ފިލްމު އިންޑަސްޓްރީގައި ރަސްކަންކުރާތާ ވިއްސަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް މި ތިން އެކްޓަރުން އެކުގައި އެއް ފިލްމަކުން ފެނިފައެއް ނުވެ އެވެ.

އާމިރު އާއި ސަލްމާން "އަންދާޒް އަޕްނާ އަޕްނާ" އެކުގައި ކުޅެފައިވެ އެވެ. އަދި ޝާހްރުކް އާއި ސަލްމާން "ކަރަން އަރްޖުން"ގައި މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މި ތިން ޚާނުންގެ ފޭނުންގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން ތިން އެކްޓަރުން އެކުގައި އެއް ފިލްމަކުން ފެނުމެވެ.

ސަލްމާނާއި ޝާހްރުކް އަދި އާމިރު އެއް ފިލްމަކުން ފެންނާނެކަމުގެ އުންމީދެއް ނެތަސް މި ތިން ތަރިންގެ ސިފަ ޖެހިގެން އުޅޭ ތިން މީހަކު މިހާރު ދަނީ މިފަދަ ފިލްމެއް ރިލީޒްކުރަން ތައްޔާރުވަމުންނެވެ. ފިލްމުގެ ނަމަކީ "އާމިރު ސަލްމާން ޝާހްރުކް" އެވެ. މި ފިލްމުގައި ޑުޕްލިކޭޓް ޝާހްރުކް ސަލްމާން އާމިރުގެ ބައި ކުޅެފައިވަނީ ރާޖޫ ރަހިކްވަރް، ސާގަރް ޕާންޑޭ އަދި ދިވާޝިޝް ގޯޝް އެވެ.

މި ފިލްމުގެ ޓްރެއިލާ އެންމެ ފުރަތަމަ އަޅައިގަތީ ސަލްމާންގެ ލޮލުގަ އެވެ. ފޭސްބުކްގައި ސަލްމާން ވަނީ މި ފިލްމުގެ ޓްރެއިލާގެ ވީޑިއޯއެއްވެސް ޕޯސްޓްކޮށްފަ އެވެ. މި ވީޑިއޯގައި ތިން ޑުޕްލިކޭޓުން ޝާހްރުކާއި ސަލްމާން އަދި އާމިރުގެ ހަރަކާތްތައް ދައްކުވައިދެ އެވެ.

މި ވީޑިއޯއާ އެކު ސަލްމާން ލިޔެފައިވާ ލިޔުމުގައި އޭނާ އާއި ޝާހްރުކް އަދި އާމިރުގެ ޑުޕްލިކޭޓުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ އެކްޓަރުންނަށް ހެޔޮ އެދުންތައް ފޮނުވާފައިވެ އެވެ.

"ބޮޑުވީމަ ތަޅާނުފޮޅާތި. ތަޅާފޮޅިޔަސް އަލުން ސުލްހަވާތި،" ސަލްމާން ބުނެފައި ވެ އެވެ.

މިއީ ޝާހްރުކް އާއި ސަލްމާންގެ މެދުގައި އަހަރުތަކެއް ވަންދެން އޮތް ދެކޮޅުވެރިކަމަށް އިޝާރާތްކޮށް ސަލްމާން ބުނި އެއްޗެއް ކަމަށް ވެދާނެ އެވެ.