07 އޮކްޓޯބަރ 2016 - 08:15

ކްލަބްތަކަށް ކުޅުންތެރިން ގެނައުމުގައި ތަފާތު އެތައް ބަޔަކު އެހީތެރިވެ އެވެ. އެކަންކުރަނީ ހަމައެކަނި ފުޓްބޯޅަ ސްކައުޓުންނެއް ނޫނެވެ. މަޝްހޫރު ޓެނިސް ކުޅުންތެރިއާ ރަފައެލް ނަޑާލް ރެއާލް މެޑްރިޑަށް ކޮށްދޭ މަސައްކަތުން އެކަން މިއޮތީ ސާބިތުވާށެވެ. ނަޑާލް އަންނަނީ ރެއާލަށް ފެންވަރު ރަނގަޅު ޒުވާން ކުޅުންތެރިން ގެންނަން އެހީތެރިވަމުންނެވެ.

ޓެނިހުގައި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ނަޑާލް އަކީ ފުޓްބޯޅަ ސަޕޯޓަރެކެވެ. އޭނާ އަންނަނީ ހުސް ވަގުތު ތަކުގައި ސްޕެއިނުގެ އެކި ޑިވިޝަންތަކުގެ މެޗުތައް ބަލަމުންނެވެ. ރެއާލުގެ ހާއްސަ މެންބަރެއްގެ ގޮތުގައި 2003 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ނަޑާލް ވަނީ ދާދި ފަހުން ސްޕެއިނުގެ އަރަމުން އަންނަ އެންމެ މޮޅު އެއް މިޑްފީލްޑަރު މާކޯ އަސެންސިއޯ ރެއާލަށް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
އުމުރުން 20 އަހަރުގެ އަސެންސިއޯ އަކީ ސްޕެއިނުގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ ހަތަރު އަހަރުކުރިން އަސެންސިއޯ ކުޅެމުން އައީ ސްޕެއިނުގެ ތިން ވަނަ ޑިވިޝަނުގައި މަޔޯކާގެ ބީ ޓީމަަށެވެ.
އަސެންސިއޯ ގަންނަން ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ލަފާދިނީ ނަޑާލް އެވެ. ނަޑާލް އައީ 2013 ވަނަ އަހަރުން ފެށިގެން ގަވައިދުން އަސެންސިއޯގެ މެޗުތައް ބަލަމުންނެވެ. އަދި އަސެންސިއޯ އަށް ރެއާލުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނަޑާލް ދިނުމުން އެ ޓީމުން ވަނީ 3.5 މިލިއަން ޑޮލަރަށް އަސެންސިއޯ ގަނެފަ އެވެ.
މި ސީޒަނުގައި މިހާތަނަށް ރެއާލް ކުޅުނު ގިނަ މެޗުތަކުގައި އަސެންސިއޯ ވަނީ ކުޅެފަ އެވެ. އަދި ސްޕެއިނުގެ ސީނިއާ ޓީމުން ވެސް ވަނީ ޖާގަ ހޯދައިފަ އެވެ.
"ނަޑާލް އަކީ އަހަރެމެންގެ ހާއްސަ މެންބަރެއް. އަސެންސިއޯ ރެއާލަށް ގެނައުމުގައި ނަޑާލްގެ ދައުރު ބޮޑު. މިހާރު އޭނާ އަކީ ރެއާލަށް ކުޅުންތެރިން ގެންނަން އެހީވެދޭ ސްކައުޓެއް،" ރެއާލުގެ ރައީސް ޕެރޭޒް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ސްކައިސްޕޯޓްސްގައި މަސައްކަތްކުރާ ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ނޫސްވެރިޔާ ގުއިލަމް ބަލަގޫ ވެސް ވަނީ ފުޓްބޯޅަ ސްކައުޓިންގައި މިހާރު ނަޑާލް ވަރަށް އިސްކޮށް ހަރަކާތްތެރިވާ ކަމަށް ބުނެފަ އެވެ.